ގުގުރުމާ އެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މެޓް އޮފީހުން ދެންމެ ވައިޓް އެލާޓް ނެރެފި އެވެ. 

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ނެރުނު ވައިޓް އެލާޓުގައި ބުނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް، މިރޭ 8:00 އާ ހަމައަށް ބޯކޮށް ވާރޭވެހުމާ އެކު، ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. 

ހުޅަނގު މޫސުން ފެށެން ކައިރިވުމާ އެކު، ދެ މޫސުން ބެދޭ މި ދުވަސްވަރާ ދިމާކޮށް ދޭތެރެއަކުން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ. 

މިދިޔަ ބުދަ ދުވަހު މާލެ ސަރަހައްދަށް ވަރަށް ބޮޑަށް ވިދައި، ގުގުރައި އަދި ހުޅުމާލޭގެ ބައެއް ތަންތަނަށް ހޮނު ވެސް އެޅި އެވެ. 

ހުޅަނގު މޫސުން ފެށެން ކައިރިވުމާ އެކު، އާންމު ގޮތެއްގައި މެއި މަހުގެ ކުރީކޮޅުން ފެށިގެން ރާއްޖެއަށް ވިއްސާރަ ކުރެ އެވެ.

ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ކުރަން ފަށަ އެވެ. އޭގެ ފަހުން އެ މޫސުމުގެ އަސަރު މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ފޯރައި މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށެ އެވެ.

މިދިޔަ އަހަރު މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށުނީ މެއި 26 ގަ އެވެ.