މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ ގއ. ގެމަނަފުއްޓަށް ކަމަށް މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކައިފި އެވެ. 

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން އާންމުކޮށްފައިވާ 24 ގަޑިއިރުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި، ގެމަނަފުއްޓަށް އިއްޔެ 101.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.

އިއްޔެ ދެން އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށް، 90.3 މިލިމީޓަރުގެ ވާރޭ އެވެ. މާލެއަށް 90 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ގދ. ތިނަދުއަށް 84.1 މިލިމީޓަރުގެ ވާރޭ، އަދި އދ. މަހިބަދުއަށް 81.6 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. އަދި ގދ. ކާޑެއްދުއަށް ވެސް 80.6 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. 

ރާއްޖެއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި މާލޭގެ އިތުރުން ދެކުނު ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގައިފަ އެވެ. ގދ. ފިޔޯރިއަށް މެދުނުކެނޑި ވާރޭ ވެހި، 90 ޕަސެންޓު ގެއަށް ވަނީ ފެން ވަދެފަ އެވެ. 

ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ބޯވިއްސާރަ ވިލާތައް އަތޮޅުތަކުގެ މައްޗަށް އަރަމުންދާތީ، ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. ކުރިއަށް އޮތް ތިން ދުވަހު އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެ އެވެ. މޫސުން އިތުރަށް ގޯސްވަމުންދާތީ މެޓް އޮފީހުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ރޭ އިލްތިމާސްކޮށްފަ އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށެވެ. 

މެޓުން އެގޮތަށް ލަފާކުރުމާ ގުޅިގެން އެމްއެންޑީއެފުން ވަނީ ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވާން އަންގައި އިރުޝާދެއް ނެރެފަ އެވެ. އެމްއެންޑީއެފުން އެދުނީ ދަތުރުކުރާ ނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރުމަށެވެ. އަދި ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމުގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބަރު ނުކުރަން ވަނީ އިލްތިމާސްކޮށްފަ އެވެ.