ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ށ. ޅައިމަގަށް ނަގޫރޯޅިއެއް އެރުމުގެ ސަަބަބުން ގެއްލުންތަކެއް ވެ، މީހަކަށް އަނިޔާވެއްޖެ އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ ނަގޫރޯޅި އެރުމުގެ ސަބަބުން ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯފަޅައިގެން ގޮސްފައިވާ ކަމަށެވެ. އެ މީހާއަށް ފަރުވާދެމުން އަންނަ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
އެންޑީއެމްއޭ އިން ބުނި ގޮތުގައި ޅައިމަަގަށް ނަގޫރޯޅިއެއް އެރުމުގެ ސަބަބުން ހަތަރުވަރަކަށް ގޭގެ ފުރާޅަށާއި ބައެއް ގުދަންތަކަށް ބޮޑެތި ގެއްލުންތައް ވި އެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްވަރު މޫސުން ގޯސްވެފައި ވާއިރު، އަންނަ ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާއިން އިއްޔެ ބުންޏެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ އިރު ބައެއް ރަށްރަަށަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. އެހެންވެ، ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެ އިދާރާއިން އިލްތިމާސްކުރި އެވެ.