ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ. 

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި ބައެއް ހިސާބުތަކަށް ކެރީގެ އަސަރު ކުރުން ވެސް އެކަށީގެންވާ ކަމަށެވެ. 

ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

އޮފިޝަލް ވިދާޅުވީ ވަޔާއި ކަނޑު އެވްރެޖު ގޮތެއްގައި މަޑުވި ނަމަވެސް ވިލާގަނޑުގައި ގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި އަންނަ އަންގާރަ ދުވަހުން ފެށިގެން ވަޔާއި ކަނޑުތައް ގަދަވާން ފަށާނެ ކަމަށް ލަފާކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

އިއްޔެ އިން ފެށިގެން ރާއްޖޭގެ ދެކުނާއި އުތުރުގެ އަތޮޅުތަކަށް ދަނީ ވިއްސާކުރަމުންނެވެ. 

މޫސުމީ ލަފާކުރުންތަކުން މިވަގުތު ދައްކާ ގޮތުގައި، މާދަމާ ހެނދުނުން ފެށިގެން މާލެއަށް ވަރަށް ވިއްސާރަ ކުރާނެ އެވެ. 

ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުން މިއަދަކީ ހުޅަނގު މޫސުމުގެ 16 ވަނަ ނަކަތް، ވިހާ ނަކަތުގެ ހަވަނަ ދުވަހެވެ. މި ނަކަތުގައި އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ އެވެ.

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާ ފަށާ ދުވަސްވަރެވެ.