ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް އައްޑު އާއި ފުވައްމުލަކަށް މެޓް އޮފީހުން ދެންމެ އޮރެންޖު އެލާޓް ނެރެފި އެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ނެރުނު އޮރެންޖު އެލާޓުގައި ބުނީ އައްޑު އާއި ފުވައްމުލަކަށް މިއަދު މެންދުރު ފަހު 1:00 އާ ހަމައަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އޮރެންޖް އެލާޓަކީ މެޓް އޮފީހުން މޫސުން ލަފާކޮށް ނެރޭ އެލާޓް ލެވެލް ތިނެކެވެ. މިއީ މާބޮޑަށް މޫސުން ގޯސްވުމުން ނެރޭ އެލާޓެކެވެ. އޮރެންޖް އެލާޓް ނެރުމަކީ ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ.
މެޓް އޮފީހުން ވަނީ މެންދުރު ފަހު 2:00 އާ ހަމައަށް ގއ. އަތޮޅުން ފެށިގެން އައްޑުއަށް ޔެލޯ އެލާޓް ވެސް މިއަދު ނެރެފަ އެވެ.
ރާއްޖެ މަތީގައި މި ދުވަސްވަރު އުފެދެމުންދާ ވިއްސާރަ ވިލާ ގިނަވުމުގެ ސަބަބުން ކުރިއަށް އޮތް ދެ ދުވަހު ވެސް ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން އިއްޔެ ވަނީ ބުނެފަ އެވެ.
މެޓް އޮފީހުން ބުނި ގޮތުގައި، އާންމު ގޮތެއްގައި ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުންނެވެ. ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު ފަސް މޭލާއި 22 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.
ރާއްޖޭގެ ދެކުނުގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ކުރިން ބުނެފައިވެ އެވެ.
މޫސުމީ ލަފާކުރުންތަކުން މިވަގުތު ދައްކާ ގޮތުގައި، ކުރިއަށް އޮތް ހަފުތާގެ ގިނަ ދުވަސްތަކުގައި ވަރަށް ވިއްސާރަ ކުރާނެ އެވެ. ސްކޫލްތަކުގެ މިޑް-ޓާމް ބްރޭކާ ދިމާވާ އެ ހަފުތާގައި މާލެއަށް އެންމެ ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެނީ އަންނަ އާދިއްތަ ދުވަހާއި ބުދަ ދުވަހު އެވެ.