ކުރިއަށް އޮތް ފަސް ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ. 

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ މިވަގުތުގެ ލަފާކުރުންތަކުން ދައްކާ ގޮތުގައި ކުރިއަށް އޮތް ފަސް ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި އެންމެ ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވެނީ މި އަންނަ ހަފުތާ ބަންދުގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ މި ދުވަސްވަރު ވިއްސާރަ ކުރި ނަމަވެސް، ވައި މަޑުވެފައި ކަނޑުތައް މަޑުވާނެ ކަމަށެވެ. އެކަމަކު، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވުން އެކަށީގެންވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

މޫސުމީ ލަފާކުރުންތަކުން މިވަގުތު ދައްކާ ގޮތުގައި، މި ހަފުތާގައި މާލެއަށް އެންމެ ވިއްސާރަކުރާނެ ކަމަށް ބެލެވެނީ މި އަންނަ ހުކުރު ދުވަހު އެވެ. 

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ ބައެއް ރަށްރަށުގައި އިއްޔެ ވަނީ ފެންބޮޑުވުމުގެ ހާދިސާތައް ހިނގައިފަ އެވެ. 

ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުން މިއަދަކީ ހުޅަނގު މޫސުމުގެ 14 ވަނަ ނަކަތް، ހިތަ ނަކަތުގެ 11 ވަނަ ދުވަހެވެ. މި ނަކަތުގައި ދޭތެރެދޭތެރެއިން ވިއްސާރަކުރާނެ އެވެ. އަދި ވައިމަޑު ވެފައި ކަނޑުތައް ވެސް އާންމު ގޮތެއްގައި މަޑުވާނެ އެވެ. 

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާ ފަށާ ދުވަސްވަރެވެ.