ކުރިއަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް، ކަނޑުތައް މަޑުވާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދު ރާއްޖެ ތެރޭގެ ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި މެދުތެރޭގެ ބައެއް ރަށްރަށަށް ބޯކޮށް ވިއްސާރަ ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ދެކުނުގެ ރަށްރަށް ކެރީގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، ހަފުތާ ބަންދުގެ ދެ ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ކެރީގެ އަސަރު ކުރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ އެވެ. ވައި މަޑުވާނެ ކަމަށާއި ވައިޖެހޭނީ އާންމު ގޮތެއްގައި 6-16 މޭލާ ދެމެދުގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ވިއްސާރަ އަދި ކެރީގެ އަސަރު ކުރި ނަމަވެސް މުޅި ރާއްޖޭގެ ކަނޑުތައް މަޑުވާނެ. އެކަމަކު ވިލާގަނޑުގައި ވައިގަދަވެ، ކަނޑުތައް ގަދަވުން އެކަށީގެންވޭ،" އޮފިޝަލް ވިދާޅުވި އެވެ.
މޫސުމީ ލަފާކުރުންތަކުން ދައްކާގައި ގޮތުގައި މި ހަފުތާގައި ބަންދުގައި މާލެއަށް އެންމެ ވިއްސާރަ ކުރާނީ މިރޭ މެންދަމާއި މާދަމާ ހެނދުނުގެ ވަގުތުތަކުގަ އެވެ.
ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުން މިއަދަކީ ހުޅަނގު މޫސުމުގެ 10 ވަނަ ނަކަތް، މާ ނަކަތުގެ 10 ވަނަ ދުވަހެވެ. މި ނަކަތުގައި އާންމުކޮށް ވައި މަޑުވެ، ކަނޑުތައް ވެސް މަޑުވާނެ އެވެ.
ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާ ފަށާ ދުވަސްވަރެވެ.