މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުމާލެއަށް ކަމަށް މޫސުމީ ރެކޯޑްތަކުން ދައްކައިފި އެވެ.
މެޓް އޮފީހުން މިއަދު ހެނދުނު އާންމުކުރި މިދިޔަ 24 ގަޑިއިރުގެ ވާރޭގެ ރެކޯޑްތަކުގައިވާ ގޮތުގައި، ހުޅުމާލެއަށް ވަނީ 84.2 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނު ބ. ދަރަވަންދުއަށް ވަނީ 83.5 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ.
އއ. ތޮއްޑުއަށް 72.3 މިލިމީޓާރުގެ ވާރޭ ވެހިފައިވާއިރު، އައްޑޫ ހިތަދުއަށް 70.6 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ވައިގަދަވީ ލ. ކައްދުއަށެވެ. އެ ރަށަށް ވިލާގަނޑުގައި 46 މޭލަށް ވައި ޖެހިފައިވެ އެވެ. ނ. މާފަރަށް 44 މޭލަށް ވައި ޖެހިފައިވާއިރު، އދ. މާމިގިއްޔަށް 41 މޭލުގެ ބާރުމިނުގައި ވައިޖެހިފައިވެ އެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި، މިއަދު ރާއްޖޭގެ ބައެއް ރަށްރަށަށް ވިލާގަނޑުގައި 50 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މިއަދު މޫސުން ވަރަށް ބޮޑަށް ގޯސްވެ، ވައިގަދަވެ އަދި ކަނޑުތައް ވެސް ގަދަވާނެތީ ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މެޓް އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސްވަރު މި ކުރާ ވިއްސާރައިގެ ތެރެއިން މޫސުން އެންމެ ގޯސްވާނެ ކަމަށް ލަފާކުރެވެނީ މިއަދު ކަމަށެވެ.
އެ ބަޔާނުގައި ބުނި ގޮތުގައި، ހުޅަނގު މޫސުމާ ގުޅިގެން ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ ލޯޕްރެޝާ ޓްރަފްގެ ސަބަބުން ރާއްޖޭގެ ހުޅަނގުގައި ގިނަ އަދަދަކަށް ބޯވިއްސާރަ ވިލާ ދަނީ އުފެދެމުންނެވެ. އެއާ އެކު ހާއްސަކޮށް މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ އެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި، މާދަމާ އާއި އޭގެ އަނެއް ދުވަހު ވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ އެވެ.