މެދުނުކެނޑި ބޯކޮށް ވާރޭވެހި މުޅި މާލޭގައި ފެންބޮޑުވެއްޖެ އެވެ.

ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ބޯވިއްސާރަ ވިލާތައް އަތޮޅުތަކުގެ މައްޗަށް އަރަމުންދާތީ، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، އިރުއޮއްސުނުއިރު މާލެއަށް ވާރޭ ވެހެން ފެށި ގޮތަށް ހުއްޓާނުލައި، ގިނަ ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. 

ބައެއް ގޭގެ އާއި ފިހާރަތަކަށް ވެސް ފެން ވަދެފައިވާތީ، އެމްއެންޑީއެފުން އަންނަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ފެން ބޮޑުވެފައިވާ ސަރަހައްދުތަކުގެ ގެތަކާއި ފިހާރަތަކަށް ފެން ވަނުން ހުއްޓުވުމަށް ވެލިބާސްތާ ޖެހުމުގެ މަސައްކަތުގައި އިދާރާތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. 

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީން ބުނި ގޮތުގައި ސިފައިންނާއި ފުލުހުންނާއި މާލޭ ސިޓީ ކައުންސިލާއި އެމްޓީސީސީ އާއި އެޗްޑީސީ އަދި ރެޑް ކްރެސެންޓާ ގުޅިގެން ހާއްސަ އޮޕަރޭޝަނެއް މިހާރު ވަނީ ފަށައިފަ އެވެ. 

މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ރައްކާތެރިވުމަށް ވެލިބާސްތާ ޖަހާފައި
މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ރައްކާތެރިވުމަށް ވެލިބާސްތާ ޖަހާފައި

މޫސޫމާ ބެހޭ ގައުމީ އިދާރާ އިން މިއަދު މެންދުރު ބުނީ ކުރިއަށް އޮތް ދެތިން ދުވަސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށެވެ. މޫސުން އިތުރަށް ގޯސްވަމުންދާތީ މެޓް އޮފީހުން މިރޭ ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފަ އެވެ. 

މެޓް އޮފީހުން ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށެވެ. 

އޭގެ ސަބަބުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. 

މެޓުން އެގޮތަށް ލަފާކުރުމާ ގުޅިގެން އެމްއެންޑީއެފުން ވަނީ ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވާން އަންގައި އިރުޝާދެއް ނެރެފަ އެވެ. އެމްއެންޑީއެފުން އެދުނީ ދަތުރުކުރާ ނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރުމަށެވެ.

މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަނީ
މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަނީ

އަދި ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމުގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބަރު ނުކުރަން ވަނީ އިލްތިމާސްކޮށްފަ އެވެ. 

މީގެއިތުރުން ޑައިވިން އަދި ވޯޓާ ސްޕޯޓްސް އިންތިޒާމުކުރާ ފަރާތްތަކުން ވެސް މޫސުމަށް ހާއްސަ ސަމާލުކަން ދިނުމަށާއި މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރަން ވެސް ވަނީ އެދިފަ އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ބުނީ މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. ގޯތި ގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރަން އެ އޮތޯރިޓީން ވަނީ އިރުޝާދުތަކެއް ވެސް ދީފަ އެވެ. 

  • ވާރޭވެހި ފެންބޮޑުވެދާނެކަމަށް ސަމާލުވެ، ގެއަށް ފެން ނުވަންނާނެ ގޮތަށް ވެލިބަސްތާ ފަދަ ތަކެތި ޖެހުން
  • ފެން ބޮޑުވެ ގެއްލުން ލިބޭ ހިސާބުގައި ހުންނަ ކާބޯތަކެތި އަދި ހިފާގެން ގުޅޭ ތަކެތި (ދޮންނަމެޝިން، އައިސްއަލަމާރި ފަދަ ތަކެތި) ފެން ނުޖެހޭ ފަދަ އުސް ތަންތަނަށް ބަދަލުކުރުން
  • ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާކުރެވޭ ނަމަ ދުރާލައި، ވާ ފަދަ އެއްޗެއް ބޭނުންކޮށްގެން ހައްޔަރުކުރުން
  • ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ރައްކާތެރިކުރުން 
  • ބޭނުން ނުކުރާނަމަ، ކަރަންޓުން ބޭނުން ކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން
  • ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ކަމާ ބެހޭ އިދާރާތަކުން ހޯދުން އަދި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުއާސަލާތީ ނިޒާމު ފުރިހަމަކަން ޔަގީން ކުރުން
  • ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލާ ކަންކަން އިންތިޒާމުކުރުން. 

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާން ފަށާ ދުވަސްވަރެވެ.