އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ ކުރަމުންދާ ވިއްސާރައިގައި، އައްޑޫ ސިޓީގެ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އެންޑީއެމްއޭއިން ބުނީ މިއަދުގެ ހެނދުނާ ހަމައަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ފޭދޫގެ ގިނަ ގެތަކަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެއް ގެއެއްގައި ފެންބޮޑުވެ، ޒަރޫރީ ބޭނުންތައް ނުފުއްދޭ މިންވަރަށް ހާލަތު ގޯސްވުމުގެ ސަބަބުން އެ ގޭގައި ދިރިއުޅެމުންދިޔަ އަށް މީހުން މިހާރު ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.

އައްޑޫއަށް ބޯކޮށް ވާރޭ ވެހި މަގެއްގައި ފެން ބޮޑުވެފައި-- ފޮޓޯ: އެމްއެންދިއެފް
އައްޑޫއަށް ބޯކޮށް ވާރޭ ވެހި މަގެއްގައި ފެން ބޮޑުވެފައި-- ފޮޓޯ: އެމްއެންދިއެފް

ފޭދޫގެ އިތުރުން މަރަދޫގެ ދެ ގެއަކަށް ވެސް ފެންވަދެގެން ރިޕޯޓުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

އައްޑޫގެ އިތުރުން ފުވައްމުލަކަށާއި ގއ. އަތޮޅާއި ގދ. އަތޮޅު އަދި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ވެސް މެދުނުކެނޑި ބޯކޮށް ވާރޭވެހެމުން އެބަދެ އެވެ. ފުވައްމުލަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން، އެ ރަށުގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފަ އެވެ.

ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ފެންހިންދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަދި ކައުންސިލްތަކާއި އާންމު ރައްޔިތުން ގުޅިގެން ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ. އަދި ގެދޮރަށާއި ވިޔަފާރިކުރާ ތަންތަނުގެ އިތުރުން އޮފީސްތަކަށް ފެންވަނުން ހުއްޓުވުމުގެ ގޮތުން ވެލިބަސްތާ ޖެހުމާއި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތްވެސް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

އައްޑުއަށް ކުރި ބޯ ވިއްސާރާގައި ފޭދޫގެ މަގުތަކުގައި ފެންބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ޔޫއެޗްޑީ ޑީއޭ / ފޭސްބުކް
އައްޑުއަށް ކުރި ބޯ ވިއްސާރާގައި ފޭދޫގެ މަގުތަކުގައި ފެންބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ޔޫއެޗްޑީ ޑީއޭ / ފޭސްބުކް

މެޓުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ އެވެ.

އެހެންކަމުން ކަނޑުދަތުރުފަތުރު ކުރުމުގަ އާއި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.