ކަނޑުގަދަ ދުވަހެއްގައި މާލެއިން ފުރައިގެން ދޯންޏެއް ދަނީ: -- ފޮޓޯ: ނިޝަން އަލީ | މިހާރު
18 ޖުލައި 2025 - 21:57
މިއީ ކަނޑުގަދަ ދުވަސްވަރަކަށް ވާތީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރަން އެމްއެންޑީއެފުން މިއަދު އެދިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ، މޫސުން ގޯސްވެ، ވިއްސާރަކޮށް އަދި ވިލާގަނޑުގައި އިތުރަށް ވައިބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ލަފާކޮށްފައި ވާތީ، ކަނޑުދަތުރު ކުރާ މީހުން މޫސުމަށް ހާއްސަ ސަމާލުކަންދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
ކަނޑުމަގުން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި ކޮންމެހެން ދަތުރު ކުރަން ޖެހޭ ފަރާތްތަކުން ވެސް، ދަތުރު ކުރާއިރު މޫސުމާ ބެހޭ އެންމެފަހު މައުލޫމާތު ހޯދުމަށް އެދޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ރޭގަނޑު ދަތުރު ނުކުރުމަށާއި މޫސުން ގޯސް ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުރު ފަސްކޮށްލުމަށް އަދި ރީނދޫ ނުވަތަ އޮރެންޖު އެލާޓް ނެރެފައި ވަނިކޮށް ދަތުރު ނުކުރުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އިއްޔެ އިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް މުޅި ރާއްޖެއަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް މެޓް އޮފީހުން މިދިޔަ ބުދަ ދުވަހު ވަނީ ލަފާކޮށްފަ އެވެ.
މެޓް އޮފީހުން ބުނި ގޮތުގައި، ހުޅަނގު މޫސުމުގެ ބާރުގަދަވެ، މި ހަތަރު ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވާނެ އެވެ. އަދި އެ ދުވަސްތަކުގައި ވައިގަދަވެ، ކަނޑުތައް ވެސް ގަދަވުމުގެ އިތުރުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެ އެވެ.
Alert White for strong winds and gusts with rough seas. pic.twitter.com/efrvSDcwcV
— Maldives Meteorology (@MetMaldives) July 18, 2025
މެޓް އޮފީހުން ދެންމެ ވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް، މިރޭ 10:00 އިން މެންދަމު 3:00 އާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ. ވިލާގަނޑުގައި 40 މޭލަށް ވައިބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
މިއަދު ހެނދުނު ކުރި ވިއްސާރާގައި ހުޅުމާލެއަށް 52 މޭލަށް ވައިބާރުވެ ވަނީ ބައެއް ތަންތަނާއި ތަކެއްޗަށް ގެއްލުން ލިބިފަ އެވެ.
މެޓް އޮފީހުގެ ރެކޯޑުތައް ދައްކާ ގޮތުގައި، ވިލާގަނޑުގައި އިއްޔެ އެންމެ ވައިބާރުވީ ފ. ނިލަންދުއަށެވެ. އެ ރަށަށް ވަނީ 61 މޭލުގެ ބާރުމިނުގައި ވައިޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީރުބޮލު ވަޒީރު
19 July 2025
ކޮންމެ ދަތުރަކީ ވެސް ކޮންމެހެން ކުރަން ޖެހޭ ދަތުރަކަށް ވެފަ އޮންނަނީ. އެހެންވީމަ ބުނަންވީ ކޮންމެހެން ކުރަންޖެހޭ ދަތުރެކޭ ނޫން. ހަމަ އެކަނި ހާލުބޮޑު ބަލިމީހުން ނުވަތަ ބަލިމީހެއް ގޮވައިގެން ކުރަންޖެހޭ އިމަޖެންސީ ދަތުރެއް ފިޔަވައި، އެހެން އެއްވެސް ދަތުރެއް ނުކުރެވޭނެއޭ. އެވެސް ކޮށްދޭން ޖެހޭނީ މިކަހަލަ މޫސުމެއްގައި، ސަރުކާރުން. ދައުލަތުގެ ވަސީލަތް ތައް ބޭނުން ކޮށްގެން. އޭރުން ތި ހިތާމަވެރި ހާދިސާތައް މަދުކުރެވިދާނެ.
ބަބުޅާ
18 July 2025
ދަތުރުތައް ކުރާނެ. ކޮށްފަ ކަމެއް ދިމާވީމަ ބުނާނީ ކޮންމެހެން ކުރަންޖެހިގެން ކުރި ދަތުރެކޭ. އެވަރިހަމަ ޑިންގީ ގަނޑެއްގަ މަހެއް ބާނަން ނިކުތަސް. ދިވެހިންނަކީ ނިކަން ގަދަބައެއް.