މިނިސްޓަރު އުމަރު ގަބޫލުކުރައްވާ ގޮތުގައި ނާޒިމަކީ "ހީރޯއެއް". އޭނާގެ ފަރާތުން ހޯދީ އާ ހެއްކެއް ނަމަ މައްސަލަ އަލުން ތަހްގީގްކޮށް، ދައުލަތުގެ ބޮލުގައި އަޅުވާފައިވާ ބަދުނާމުން ސަލާމަތްވާންޖެހޭ ކަމަށް މިނިސްޓަރު ދެކެވަޑައިގަންނަވާ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް: އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅާފައި. --ފޮޓޯ: ވީމީޑިއާ
29 މެއި 2016 - 11:03
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ ފުލުހުންނަށް ކުރިން ހޯދިފައި ނުވާ އާ ހެއްކެއް ނަމަ، އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލަ އަލުން ތަހްގީގްކުރާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ނާޒިމްގެ އެޕާޓްމެންޓުން ފިސްތޯލް ފެނުނު މައްސަލާގައި ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެ ހުކުމަކީ އިންސާފުން ބޭރުން ކޮށްފައިވާ ހުކުމެއް ކަން ސާބިތުކުރަން އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލާގައި، ނާޒިމްގެ ވަކީލުން ވިދާޅުވެފައި ވަނީ "ނާޒިމްގެ އެޕާޓްމެންޓަށް ފިސްތޯލް ވެއްދި މީހާ ހޯދިފައިވާ" ކަމަށެވެ.
އުމަރު ވިދާޅުވީ "އަޅުގަނޑު އަދިވެސް ދެކެނީ ނާޒިމަކީ ހީރޯއެއް" ކަމަށެވެ. އެކަމަކު "ހީރޯއަކު ވެސް ކުށެއްކޮށްފި ނަމަ އެއީ އަދި އެހެން ކަމެއް" ކަމަށް އުމަރު ވިދާޅުވި އެވެ.
ސަރުކާރުގެ ބޮލުގައި އެ ބަދުނާމް އޮންނާކަށް ބޭނުމެއް ނޫން. އަޅުގަނޑުމެންނަށް ނުހޯދޭ އިތުރު ހެއްކެއް ނުވަތަ ހެކިބަހެއް އެ ބޭފުޅުންނަށް ލިބިގެން އެ އެއްޗަކީ އަޅުގަނޑުމެންގެ ތަހްގީގަށް ބޭނުންވާ އެއްޗެއް ކަމަށް ވަންޏާ ފުލުހުން އަލުން އެކަން ތަހްގީގްކޮށްދޭނަން. --އުމަރު
ހޯމް މިނިސްޓަރު އުމަރު "މިހާރު"އާ ވާހަކަ ދައްކަވަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
ނާޒިމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަކީ ފުލުހުން ތަހްގީގްކުރަން ޖެހޭ ވަރުގެ ކަމަކަށް ވެއްޖެ ނަމަ، އުމަރު ވިދާޅުވި ގޮތުގައި، ފުލުހުން އިސްވެ އެކަމެއް އަލުން ތަހްގީގްކުރާނެ އެވެ. ނާޒިމްގެ އެޕާޓްމެންޓަށް ފިސްތޯލް ވެއްދި މީހާ ހޯދިފައިވާ ކަމަށް ވާހަކަ ދެކެވޭ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެއީ ތެދެއް ނަމަ، އެކަން ތަހްގީގްކުރަން ބޭނުންވާ ކަމަށެވެ.
"ކޮބައިތޯ އޭނަ [ފިސްތޯލަ ވެއްދި ކަމަށް] އެ ބުނާ އެއްޗަކަށް ބާރުދޭ ހެއްކަކީ. ކޮބައިތޯ އޭގައި ގުޅުން ހުރި އެވިޑެންސްތަކަކީ. ފުލުހުން ތަހްގީގްކުރަން ޖެހިއްޖެ ނަމަ އަލުން ތަހްގީގްކުރާނަން އެ ކޮމްޕޯނަންޓް،" އުމަރު ވިދާޅުވި އެވެ.
ނާޒިމްގެ ވަކީލުންގެ ޓީމުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ނާޒިމްގެ އެޕާޓްމެންޓަށް ފިސްތޯލަ ވެއްދި މީހާ ހޯދިފައިވާ ކަމަށް ވަކީލުން ވިދާޅުވޭ. --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
މިނިސްޓަރު ވިދާޅުވި ގޮތުގައި އެއްވެސް މީހަކަށް އިންސާފުން ބޭރުގައި ކަންކަންވާ ކަމަށް ސަރުކާރުން ބޭނުމެއް ނުވެ އެވެ. ހާއްސަކޮށް ޑިފެންސް މިނިސްޓަރުކަމާއި އެހެން ގިނަ ހިދުމަތްތައް ދައުލަތަށް ކުރައްވާފައިވާ ނާޒިމްގެ މައްސަލައަކީ ސަރުކާރަށް ތުހުމަތުތަކެއް ކުރާ މައްސަލައަކަށްވާއިރު ސަރުކާރު ބޮލުގައި އެ ބަދުނާމު އޮންނާކަށް ބޭނުމެއް ނުވާ ކަމަށް އުމަރު ވިދާޅުވި އެވެ.
އުމަރު އެ އިޝާރާތްކުރެއްވީ ފުލުހުން ލައްވައި ނާޒިމްގެ އެޕާޓްމެންޓަށް ފިސްތޯލް ވެއްދީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ކަމަށް ކުރާ ތުހުމަތަށެވެ.
"ސަރުކާރު ބޮލުގައި އެ ބަދުނާމް އޮންނާކަށް ބޭނުމެއް ނޫން. އަޅުގަނޑުމެންނަށް ނުހޯދޭ އިތުރު ހެއްކެއް ނުވަތަ ހެކިބަހެއް އެ ބޭފުޅުންނަށް ލިބިގެން އެ އެއްޗަކީ އަޅުގަނޑުމެންގެ ތަހްގީގަށް ބޭނުންވާ އެއްޗެއް ކަމަށް ވަންޏާ ފުލުހުން އަލުން އެކަން ތަހްގީގްކޮށްދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ނާޒިމްގެ އެޕާޓްމެންޓުން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި ދަށު ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. ނާޒިމް މިހާރު ހުންނެވީ ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައްލަ
27 October 2018
އެކަންކުރިމީހުން އެއްބަސްވަަ ހިނދު ކޮން ބަހަނާ އެއްދައްކަންތޯ ވަގުތުން ދޫކޮއްލަންގޮވަަލަން ޖުޑިޝަރީ އޯވަހޯލް ކުރޭ
ޢަހިމަދު
29 May 2016
ޢެއްވެސް މައުނައެއް ވާހަކަ ނުދައްކަވާށެވެ. ކަާނަލް ނާޒިމް ފުރޭމް ކުރެވިގެން ދިޔައީ އެކަމުގައި މުޅި ސަރުކާރާ ޕީޕީއެމްގެ އެއްބާރުލުން އޮވެއެވެ. ޢެއިރުވެސް ދާހިލީ ވަޒީރަކީ އުމަރެވެ. ޕާޕީއެމްގެ ޒައީމަކަށް ހުންނެވީ މައުމޫނެވެ.އަދި އަހްމަދު އަދީބުވެސް ހުންނެވީ ސަރުކާރާއި ޕާޓީގެ ދޮންބަންޑާރައިންގެ ގޮތުގައެވެ. ނާޒިމްގެ މައްސަލަ ހިނގާ ދިޔަ ނާއިންސާފަށް ބަހެއް ކިޔާނެ މީހަކު ނެތެވެ. ޢެމްޑީޕީ އެކަންޏެވެ. ހަގީގީ ބަތޮލަކީ ރައީސް ނަޝީދެވެ. އެދުވަހުވެސް ނުކުންނަވާ ނާޒިމަށް ދެމުން ގެންދިޔަ ބޭ އިންސާފު ޝަރީއަތާ ދެކޮޅަށް ފާޅުގަ އަޑު އުފުއްލެވިއެވެ. ޢެމަނިކުފާނުގެ މައްޗަށްވެސް އެފަދަ ނާއިންސާފުން ޝަރީއަތް ހިންގަމުން ދަނިކޮށެވެ. ބަތޮލުން ނަކީ މި އެވެ.
އެއްދުވަސް
29 May 2016
ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި ކޯޓުން ރިއާޔަތްކުރާނޭ ހެއްކާއީ އެހެނިހެން ކަންކަން ނިންމާނީ ހަމަ އެ ކޯޓަކުން. އެ ކަންކަމަށް ހޯމްމިނިސްޓަރު އުމަރު ނަސީރު ފާޑުކިޔަންޏާ ބުނަންޖެހޭނީ ފަނޑިޔާރުގެއަށް ސަރުކާރުން އަތްބާނަނީއޭ. ދެންވެސް ފަޑިނޔާރުގެއަކީ މިނިވަން ތަނެއްގެ ގޮތުގައި ޤަބޫލުކުރަންވީތޯ؟ އެހެން ޤަބޫލުކުރާކަށް އަޅުގަނޑު ނެތީމު. ވަރަށް ސަލާމް
މެންޓަލިސްޓް
29 May 2016
އުމަރު އަމިއްލައަށް ހައްޔަރުވާންވީނޫންތޯ ، ލަޓިބުރިހިފައިގެން ފުލުހުންނަށް ހަމަލާދޭންއުޅުނު މައްސަލާގައި ، އޭރުން އިންސާފްގާއިމްވާނީ
އަޅެވާ
29 May 2016
އުމަރު މަގުމަތީ ޕެޓްރޯލު ކުރަން އުޅުނު ދުވަސްވަރު ގެ ގޮތް އަދިވެސް ތިހުރީ އެހެންވީމާ ޔެސް ސަރ ގެ ސަނާ ކިޔާލަމާ
ޢަލީ
29 May 2016
ޢުމަރުގެ ހިތްވަރެއް ހުރީވިއްޔާ ޢަލީ ޙަމީދުގެ މައްސަލަ ބަލާބަލަ.ޔާމީނު ދީނާއި ޚިލާފަށް ދެއްކި ވާހަކަތައް ބަލާބަލަ.އަންނީއަށް ވުރެ ޔާމީނު ލާދީނީކަން މާބޮޑު
ހޭލާ
29 May 2016
އުމަރީ ގާނޫނީ އިމުން ބޭރުން އިޖްރާއުތަކާ ހިލާފަށް ފުލުހުން ކުރާ ކަންކަމަށް ސެލިއުޓަނަގާ މީހެއް! ދެންކޮން ވާހަކައެއް ދައްކަންތޯ ތިއުޅުއްވަނީ! ޕީޕީއެމްގެ އެމްޕީން ތައްޔާރުވަމުން ދަނީ އުމަރު މަގާމުން ދުރުކުރާށެވެ. ދެއުޅި އެއްނުވާގޮތަށް ވާހަކަ ދައްކާ މީހަކު ހޯމް މިނިސްޓަރަކަށް ބަހައްޓައިގެން ސަރުކާރު ބަދުނާމުވުން ނޫން ކަމެއް ނުވާނެއެވެ.
ދެކެވޭ
29 May 2016
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް އަދި ވެސް މިސަރުކާރާއި ދެކޮޅަށް އެއްވެސް ކޮމެންޓެއް ކޮށްފައި ނުވާތީވެ އެ ބެލެވޭނީ ހަމަ ގައުމީ ބަތަލަކަށެވެ. ކުރީގެ ނާޒިމް އަށް ބޮނޑި ދިނީ އެއީ ބްރޯ އާއި ކުރީގެ ޕޮލިސް ކަމިޝަނަރު ވެގެން މޭޒު ދަށުން ދަމާ ކުޅެގެންނެވެ. ބްރޯ އެއިރު ކޮންމެ ރެއަކު ދަންވަރު 3 ޖަހަން ދެން ކުރީގެ ޕޮލިސް ކަމިޝަނަރާއި އެކު ފުލުހުންގެ އިދާރާ ގެ މަތީގައި އެސައްލާ ކުރީ އެއިރު އެކަން ކުރަން ނޫންތޯ މީ މިހާރު ރައްޔިތުންގެ މެދުގައި މާލެ ތެރޭގައި އެންމެ ބޮޑަށް ދެކެވޭ ވާހަކަ އަކީ. ބްރޯ އިޒް ބްރޫޓަލް އެން ރުތްލެސް. ބްރޯ އިޒް ކަރަޕްޓެޑް.
އަލިދީ
29 May 2016
ނާޒިމް ހޯދި ހެކި ކޯޓުން ގަބޫލު ކޮށްފިނަމަ ތަހުގީގު ކުރަން ޖެހޭނީ އެހެން މައްސަލައެކެވެ. އެއީ ކޯޓުން ނާޒިމް ހުކްމް ބާތިލު ކުރާނެތީއެވެ. ތަހުގީގު ކުރަންޖެހޭނީ ފުލުހުން މީހަކު ފްރޭމް ކުރި މައްސަލައެވެ.
ވޮޗްޑޯޯގް
29 May 2016
އުމަރު މާ ގިނަ ވާހަކަ ނުދައްކާ ހުރޭ. ތީ މިހާރު ހޯމް މިނިސްޓްރީގައި ބަހައްޓާފައި ހުރި ރޮބެޓެއް. އެއްވެސް އަމިއްލަ ބާރެއް ނުފޫޒެއް ނެތް ބަހެއް ބުންޏަސް އަޑުއަހާނެ މީހެއް ނެތް. އަޅުގަނޑަކަށް ނޭގޭ ރައީސް ޔާމީން އުމަރަށް ހެދިގޮތެއް ހެދިގޮތެއް ހަދާފައި ސައިލެންޓްކޮށްފައި އެހެރީ. ގޭމް އޮފް ތްރޯންސްގައި ނަމަ އުމަރަކީ ތިއޯން ގްރެޖޯއީ. ހިތްވަރެއް ހުރީއްޔާ ތިއޯން ހެން ސަލާމަތް ވާން މަސައްކަތްކުރޭ.