އަދީބު ފިލިޔަދީގެން ނުވާނެ: ބައެއް މެމްބަރުން

ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ފުރުސަތު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދިނަސް އޭނާ ފިލިޔަ ދީގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.


އަދީބު ރާއްޖެ އިން ބޭރަށް ފުރަން ކަރެކްޝަނަލް ސާވިސް ހުއްދަ ދިން މައްސަލައިގައި އެކަން ބެލުމަށްޓަކައި ކޮމިޝަނަ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މަޖިލިހަށް ހާޒިރުކޮށްދިނުމަށް އެދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަނީ މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.

ކުއްލި މައްސަލަ އަށް ބަހުސް ކުރައްވައި މީކާއިލް ވިދާޅުވީ އަދީބު ރާއްޖެ އިން ބޭރަށް ފުރައިގެން ހިނގައްޖެ ނަމަ އެއީ ދައުލަތަށް އޮތް ނުރައްކަލެއް ކަމަށެވެ. އެހެންވެ އޭނާ ފިލައިގެން ދިޔަ ނުދިނުމަށް އެޅީ ކޮން ކަހަލަ ފިޔަވަޅެއްތޯ ބަލަން ޖެހޭ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.

"އެއްވެސް މެމްބަރަކަށް އޮޅިވަޑައިގެންފައި ނުވާނެ، އޭނާ (އަދީބު) ރާއްޖެ އިން ފުރާވަޑައިގެންފި ނަމަ، އޭނާއެއް މި ރާއްޖެއަކަށް ނުގެނެވޭނެ،" މީކާއިލް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

މީކާއިލް ވިދާޅުވި ގޮތުގައި ދައުލަތުން ގެއްލިފައިވާ ފައިސާތައް ކޮންމެވެސް ޒަމާނަކުން ހޯދިދާނެ އެވެ. އެކަމަކު އަދީބު ފިލައިފި ނަމަ، ގޮތް ނޭނގޭ މަރުތަކާ ގުޅޭ ހަގީގަތް ނުހޯދޭނެ ކަމަށް މީކާއިލް ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ މަޖިލިހުގައި ހުރި މައްސަލަތަކުގެ ތެރެއިން މި ވަގުތު އެންމެ ސަމާލު ކަމެއް ދޭން ޖެހޭނީ އަދީބު ފުރަން އުޅޭ މައްސަލަ އަށް ކަމަށެވެ. މިއީ ގައުމީ ސަލާމަތަށް ވެސް ނުރައްކާވާ މައްސަލައެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ވެސް ކުރެއްވި އާދަމް ޝަރީފް ވިދާޅުވި އެވެ.

"މިއީ މަރާލާފައިވާ އެތައް ބައެއްގެ ތަހުގީގުތައް ކުރުމާއި މިކަމާ ގުޅޭ އެތައް ކަމަކަށް ބޮޑެތި ހުރަސްތަކެއް އެޅޭނެ ކަމެއް ކަމަށް ފެންނާތީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މަޖިލިހުގެ ތަޅުމުގައި ބަހުސް ކުރުމަށް ވުރެ މުހިންމީ ކަމާ ގުޅޭ ކޮމިޓީން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ވިލުފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފް ވިދާޅުވީ އަދީބު މިނިވަންވާ އިރު، އޭނާ ހިފެހެއްޓޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ. އެކަމަކު، ކަމާބެހޭ ފަރާތްތަކުން މިހާތަނަށް އައިއިރު، އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އަފީފް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

އެކަމަކު ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެނައުމަށް ރައްޔިތުން ވޯޓު ދިން ސަބަބުތަކުގެ ތެރޭގައި އަދީބަށް ބޭސްފަރުވާގެ ހައްގުން ކުރީގެ ސަރުކާރުން މަހްރޫމް ކުރުން ހިމެނޭތީ އެކަން ހައްލުކުރުން ކަމަށެވެ.

ރާއްޖޭގައި ބޭސްފަރުވާ ކުރެވެން ނެތް ހާލަތެއްގައި ކޮންމެ މީހަކު ވިޔަސް، ބޭރުން ބޭސްފަރުވާ ކުރުމުގެ ފުރުސަތު ލިބެން ވާނެ ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ. އަދި އަދީބު ރާއްޖެ އިން ބޭރަށް ފޮނުވަނީ ސަރުކާރާއި ސަލާމަތީ ފަރާތްތަކުގެ ބެލުމުގެ ދަށުން ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.

"ޖަލުގައި އަދީބު ހުންނަވައި، ނޫނީ ގޭ ބަންދުގައި ހުރެ އަވަހާރަވެއްޖެ ނަމަ، އެ ޒިންމާ ވެސް ނަންގަވަން ޖެހޭނީ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ. އެހެންވީމަ، މިތަނުގައި ވާހަކަ ދެކެވެނީ އަޅުގަނޑުމެންގެ އަސާސާ ހިލާފަށް. ކޮންމެ މީހަކަށް ވެސް އިންސާނީ ހައްގު ލިބެން ޖެހޭ،" ހުސެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލިހުން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ސަރުކާރަށް އިތުބާރު ކުރުމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދަހިވެތި ކަމެއް އޮވެގެން އަދީބު ރާއްޖެ އިން ފުރުވާލަފާނެ ކަމަށް އެއްވެސް ގޮތަކަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.

މަޖިލިހުގައި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ގިނަ މެމްބަރުން ވިދާޅުވި ގޮތުގައި އަދީބު މިނިވަން ވަނީ ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންގެ ސަބަބުންނެވެ. އެހެންވެ، ކުއްލި މައްސަލަތައް ހުށަހެޅުމުގެ ބަދަލުގައި ޝަރުއީ ނިޒާމު އިސްލާހުކޮށް ފަނޑިޔާރުން ވަކިކުރަން އެ މެމްބަރުން ގޮވާލެއްވި އެވެ.

ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވި ގޮތުގައި މި ފެންނަނީ ޖުޑިޝަރީގައި ތިއްބަވާ ބޭފުޅުން ބޭނުން ގޮތަކަށް ކަންކަން ކުރެއްވުމުގެ ނަތީޖާ އެވެ. އަދި ސަރުކާރުގެ އެއްވެސް މައްސަލައެއް މިކަމުގައި އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

"ސަރުކާރުން މީގައި ކުރާނެ ކަމެއް ނެތް. ޖުޑިޝަރީން ނިންމާ ނިންމުންތައް ރަނގަޅުވާން ޖެހޭ. ޖުޑިޝަރީގައި މަސައްކަތް ކުރައވާ ބޭފުޅުން އެބަޖެހޭ ގައުމަށާއި ރައްޔިތުންނަށް އިހްލާސްތެރިވާން. އަދި އެ ބޭފުޅުންގެ އަމަލުތައް ރަނގަޅަށް ބެލޭނެ ގޮތެއް އެބަ ވާން ޖެހޭ،" އިކްރާމް ވިދާޅުވި އެވެ.

މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލައިގައި ވަނީ އަދީބަކީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާލުމުގެ ފަހަތުގައިވާ މީހުންނާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމުގައި ޝާމިލްވާ މީހުން ވަގަށް ބޭރަށް ފުރުވާލުމަށް މަަދަދުވެރިވި ކަމަށް ތުހުމަތު ކުރެވޭ ބޭފުޅެއް ކަމަށެވެ.

ތިިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް މިހާރު ވަނީ ބާތިލްކޮށްފަ އެވެ.

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ ވެސް އަލުން ބަލަން ދަށު ކޯޓަށް އެންގިއިރު އެ މައްސަލައާ ގުޅިގެން އަދީބު 15 ދުވަހަށް ބަންދުގައި ބަހައްޓަން ވެސް އެ ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. ބެލެވޭ ގޮތުގައި އަދީބު މާދަމާ މިނިވަން ވާނެ އެވެ.