ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ އިސްތިއުފާ ދެއްވަން ނިންމަވައިފި

ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާގެ މަގާމަށް ފާރިޝް އަހުމަދު އައްޔަން ކުރުމުގައި އިޖުރާއާތާ ޚިލާފު އެއްވެސް ކަމެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމިޔަސް، ހައި ކޯޓުގެ ފަނޑިޔާރުންނަށް އިހުތިރާމް ކުރުމުން ގޮތުން އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފާރިޝް ނިންމަވައިފި އެވެ.


އިނގިރޭސި ވިލާތުން ގާނޫނީ ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވާފައިވާ ފާރިޝް ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ކަމަށް މިދިޔަ މާޗް މަހު އައްޔަން ކޮށްފައި ވަނިކޮށް، އޭނާ އެ މަގާމަށް އައްޔަންކުރި އިޖުރާއާތު ގޯސް ކަމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމި އެވެ. އެކަމަކު، އެ ނިންމުން ސުޕްރީމް ކޯޓަށް ފޮނުވުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ ފާރިޝް އައްޔަން ކުރުމުގައި އިޖުރާއާތާ ޚިލާފް އެއްވެސް ކަމެއް ނެތް ކަމަށް ނިންމައި، އެކަން ދާދި ފަހުން ހައި ކޯޓަށް ވެސް އަންގައިފަ އެވެ.

ފާރިޝް އައްޔަން ކުރުމުގައި އެއްވެސް ގޯހެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމިޔަސް، އެ މަގާމުން އިސްތިއުފާ ދެއްވަން އޭނާ ނިންމެވީ ހައި ކޯޓުގެ ފަނޑިޔާރުންނަށް އިހްތިރާމް ކުރެއްވުމުގެ ގޮތުންނާއި އެ ކޯޓުގެ ފަނޑިޔާރުންނާއި ޖުޑިޝަރީގެ ނަން ކިލަނބުވުމުގެ ފުރުސަތު ނުދިނުމަށް އެންމެ މަސްލަހަތު ހުރި ގޮތަކީ އެއީ ކަމަށްވާތީ ކަމަށް ފާރިޝް ވިދާޅުވި އެވެ.

ހައި ކޯޓުގެ ގަވާއިދު ބުނާގޮތުން، ރެޖިސްޓްރާ އަކީ އެ ކޯޓުގެ އިސް ފަނޑިޔާރާއި ފަނޑިޔާރުން ފިޔަވައި ދެން އެންމެ އިސް މަގާމެވެ. އަދި އިސް ފަނޑިިޔާރު ކަނޑައަޅާ ގޮތެއްގެ މަތިން ރެޖިސްޓްރާގެ ބައެއް މަސްއޫލިއްޔަތުތައް އެސިސްޓެންޓް ރެޖިސްޓްރާއާ ހަވާލު ކުރެވިދާނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ. ހައި ކޯޓުގެ ރެޖިސްޓްރާއަކީ މަރިޔަމް ހޫރުޝީދާ އެވެ.