ނ. ލަންދޫގެ އެއް އާއިލާއެއްގެ ފަސް ކުޑަކުދިން ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ޖެންޑާގެ ބެލުމުގެ ދަށަށް ގެންދިޔަ ކުދިންގެ ތެރޭގައި ދެ މަހުގެ ތުއްތު ކުއްޖަކު ވެސް ހިމެނެ އެވެ.
ޖެންޑާގެ ޓީމެއް އިއްޔެ އެ ރަށަށް ގޮސް، މަންމަ އާއި ބައްޕަގެ އަތުން ކުދިންތައް ނަގައި އެ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިޔައީ އެ ކުދިންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް ކަމަށެވެ.
އެނގިފައިވާ ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށަށް ކުދިންތައް ގެންދިޔައީ ގޭގެ ސާފުތާހިރުކަމާއި ގޭތެރޭގެ އެހެން ކަންކަން ވެސް ހުރި ގޮތުން، އެތަނުގައި ކުޑަކުދިން ބައިތިއްބަން އެކަށީގެން ނުވުމުގެ ސަބަބުންނެވެ. ލަންދޫ އެހެން މީހެއްގެ ގޭގައި ދިރިއުޅޭ އެ އާއިލާގެ ބައެއް ކުދިން ސްކޫލަށް ވެސް ނުފޮނުވާ ކަމަށް ވެ އެވެ.
އެ ގޭގެ ބައެއް ފޮޓޯތައް "މިހާރު" އަށް ވަނީ ލިބިފަ އެވެ. ގޭތެރެ އާއި ބަދިގެ އަދި ގިފިލިތެރޭގެ އެއްވެސް ކަހަލަ ސާފުތާހިރުކަމެއް ނެތެވެ. ތެލިތައް ނުދޮވެ ގިނަ ދުވަސް ވަންދެން ހުންނައިރު، އަންނައުނުތައް ވެސް އެތަން މިތަނަށް އުކާލައިފަ އެވެ. ތުއްތު ކުއްޖާ ބާއްވާފައި އޮންނަ އެނދު ވެސް އެހާ ގޮނޑެވެ.
ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދަން ލޯންޗެއްގައި އެ ކުދިން ގޮވައިގެން ފުރިތަން ބަލަން ރަށުގެ ގިނަ ބަޔަކު އިއްޔެ ބަނދަަރު މައްޗަށް ނިކުތެވެ. އޭގެ ތެރޭގައި އެ ކުއްޖާގެ މަންމަ އާއި ބައްޕަ ވެސް ހުއްޓެވެ.
އެނގިފައިވާ ގޮތުގައި ދެމަފިރިންގެ ސިކުނޑީގެ ނުވަތަ ޖިސްމާނީ އުނިކަމެއް ވެސް ނެތެވެ. ކުދިންގެ ބަައްޕަ އާމްދަނީ ހޯދަނީ ރަށުތެރޭގައި އެކި މަސަައްކަތްކޮށްގެން ކަމަށްވެ އެވެ. މަންމަ ހުންނަނީ ގޭގަ އެވެ.