އީޔޫ އިން ރާއްޖެ އަށް ފިޔަވަޅު ނާޅަން ނިންމައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެކުލަވައިލި ފްރޭމްވޯކް އުވާލައި، ފިޔަވަޅު ނާޅަން އެ ޖަމާއަތުުން ނިންމައިފި އެވެ.


އީޔޫން މިއަދު ނެރުނު ބަޔާނުގައި، ފިޔަވަޅު އެޅުމުގެ ފްރޭމްވޯކް އުވާލިކަން ހާމަކުރަމުން ބުނީ އެގޮތަށް ނިންމީ ރާއްޖޭގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް އީޔޫގެ މަގުސަތުތަކާ އެއްގޮތަށް ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސް ކަމަށް ވަޑައިގެންނެވި ފަހުން ރާއްޖޭގެ ހާލަތު ރަނގަޅު ވެފައިވާކަން ބަޔާނުގައި ވަނީ ބުނެފަ އެވެ.

"... ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުވާކުރެއްވި ފަހުން ދިވެހިރާއްޖޭގެ ހާލަތު ވަނީ ކުރިއަށް ވުރެ ރަނގަޅު ވެފަ އެވެ. އޭޕްރިލް ހައެއް 2019 ގައި ސުލްހަވެރި އަދި ޑިމޮކްރެޓިކް އިންތިހާބެއް[ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު] ބޭއްވުމަކީ ހިތްހަމަ ޖެހޭ ފިޔަވަޅެކެވެ،" ބަޔާނުގައިވެ އެވެ.

ރާއްޖޭގައި ޑިމޮކްރަސީ އާއި ހެޔޮވެރިކަން އަދި އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުން ކުރިއެރުވުމުގެ މަަސައްކަތަށް ތައްޔާރަށް އޮތްކަމުގެ ޔަގީންކަން އެޖަމާއަތުން ވަނީ ސަރުކާރަށް ދީފަ އެވެ.

އީޔޫން ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ފްރޭމްވޯކެއް އެކުލަވައިލީ 2018 ޖުލައި 16 ގަ އެވެ.

އީޔޫން އޭރު ފާސްކުރި، ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ފްރޭމްވޯކްގައި ވަނީ ރާއްޖޭގައި އިންސާނީ ހައްގުތަކަށް އަރައިގަނެ، ގާނޫނުތަކާ ޚިލާފަށް އަދި ހަމަނުޖެހުން އުފައްދައި ބާރުގެ ބޭނުންކޮށްގެން ސިޔާސީ މިނިވަންކަމަށް ހުރަސް އަޅާ މުއައްސަސާތަކާއި އެ ކަންކަމުގައި ބައިވެރިވެ އެއްބާރުލުން ދޭ ފަރުދުންނަށް ފިޔަވަޅު އެޅުމުގެ ބާރު މެންބަރު ގައުމުތަކަށް ދީފަ އެވެ.

އެފަދަ ފަރާތްތަކަށް، އީޔޫގެ މެންބަރު ގައުމުތަކަށް އެތެރެވުން މަނާކުރުމާއި އެ މީހުންގެ މުދަލާއި ފައިސާ ހިފެހެއްޓުމުގެ ބާރު ވެސް ދިނެވެ.

ދަތިކުރުމުގެ ފިޔަވަޅު އަޅާ ވަކި ބައެއްގެ ނަން ނުހިމަނައި، އެ އޮނިގަނޑުގައި ބުނެފައި ވަނީ ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށް ގާނޫނާ ޚިލާފަށް ހުރަސް އަޅައި ބާރުގެ ބޭނުންކުރާ މީހުންނާއި މުއައްސަސާތަކާއި އެ ފަރާތްތަކާ ގުޅުން ހުރި މީހުންނާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު މެންބަރު ގައުމުތަކަށް އެޅިދާނެ ކަމަށެވެ.

އީޔޫން ރާއްޖެއަށް ފިޔަވަޅު އަޅާނެ ފްރޭމްވޯކެއް އޭރު ފާސްކުރީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ދަތިކުރުމުގެ އެތައް ކަންތައްތައް ތަކެއް އޭރުގެ ސަރުކާރުން ކުރުމުންނެވެ. އެގޮތުން ރައްޔިތުންގެ މަސައްކަތަށް ވެސް އޭރު ސަރުކާރުން ހުރަސް އެޅި އެވެ.