ރައީސް ޔާމީން ހައްޔަރުކޮށް ތަހުގީގެއް ހިންގާނެ ކަމަށް ބެލެވޭ: ޖަމީލް

ރައީސް އަބްދުﷲ ޔާމީންގެ ބައިވެރިވެވަޑައިގަތުމާ އެކު ދިވެހި ސަރުކާރުން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ކޮރަޕްޝަނާއި ޖަރީމާތަކަށް އަލް ޖަޒީރާ އިން ތައްޔާރުކުރި ޑޮކިއުމެންޓްރީއާ ގުޅިގެން ބައިނަލްއަގުވާމީ އަމުރެއް ނެރެ ރައީސް ހައްޔަރުކޮށް ޖިނާއީ ތަހުގީގެއް ހިންގާނެ ކަމަށް ބެލެވޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.


އިދިކޮޅު އިއްތިހާދުގެ ލީޑަރުކަން ވެސް ކުރައްވާ ޖަމީލް މިގޮތަށް ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓުވީޓެއްގަ އެވެ.

ރައީސް ޔާމީންގެ ވެރިކަން ބަދަލުކޮށް އިންތިގާލީ ސަރުކާރެއް ގާއިމްކުރަން އުފައްދާފައިވާ އިދިކޮޅު އިއްތިހާދުން އަންނަނީ އެމަނިކުފާނު ވެރިކަމުން ދުރުކުރަން ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީ ވެސް ހޯދަމުންނެވެ.

އަލް ޖަޒީރާގެ "ސްޓީލިން ޕެރަޑައިސް" ޑޮކިއުމެންޓްރީ ޔޫޓިއުބްގައި އާއްމުކުރުމާ އެކު ޖަމީލް ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމާއި ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ވަނީ ބާތިލްކޮށްފަ އެވެ.

މި ބޭފުޅުންގެ އިތުރުން ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގެ މޭސްތިރި އަދި މިހާރު ފިލައިގެން ރާއްޖޭން ބޭރުގައި އުޅޭ އަބްދުﷲ ލުތުފީގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ އެވެ. އުމުރަށް ޖަލަށް ލާފައި ވަނިކޮށް އެމްޑީޕީ ސަރުކާރުގައި ބޭސް ދަތުރަކަށް ހުއްދަދިނުމުން ރާއްޖޭން ފުރި ގޮތަށް އޭނާ އުޅޭ ކަމަށް ވަނީ ސްރީ ލަންކާގަ އެވެ.

ސަރުކާރުން އަމަލްކުރި ގޮތަށް ރައްދު ދެއްވަމުން ޖަމީލް ވިދާޅުވީ ޕާސްޕޯޓް ހިފަހައްޓަންވީ މައުސޫމް މީހުންގެ ނޫން ކަމަށާއި "އަސްލު މުޖުރިމު"ގެ ކަމަށެވެ. ޕާސްޕޯޓް ކެންސަލްކުރިއިރު އެމަނިކުފާނު މިހާރުު ގެންގުޅުއްވަނީ އެހެން ޕާސްޕޯޓެއް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

ނައިބުު ރައީސްގެ މަގާމުން ދުރުކުރަން އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހަށް ވެއްދުމާ އެކު ރާއްޖެ އިން ބޭރަށް ވަޑައިގެންނެވި ޖަމީލް މިހާރު ވަނީ އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިފަ އެވެ. އެހެންކަމުން އިނގިރޭސި ޕާސްޕޯޓެއް ނުވަތަ ޓްރެވަލް ޑޮކިއުމެންޓެއް ލިބިވަޑައިގަންނަވާނެ އެވެ.

މަނީލޯންޑެރިންގައި ހިމެނޭ ކަމަށް އަލްޖަޒީރާ އިން ތުހުމަތުކޮށްފައިވާ މެލޭޝިއާ މީހާ

އަލް ޖަޒީރާގެ ޑޮކިއުމެންޓްރީގައި ރައީސް ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ.

ދިވެހި ސަރުކާރަށް ތުހުމަތުކުރާ 1.5 ބިލިއަން ޑޮލަރުގެ މަނީލޯންޑެރިން މައްސަލައިގެ ވާހަކަ ވެސް އޭގައިވެ އެވެ. އެކަމުގައި އިސްކޮށް އުޅުނު މެލޭޝިއާ މީހެއްގެ ވާހަކަތައް ވެސް ހިމެނެ އެވެ.

ސަރުކާރާ އެކު މަނީލޯންޑެރިން ހިންގަން މީހުން އެކަން ކުރާ ކަމަށް ޑޮކިއުމެންޓްރީގައި އޭނާ އެއްބަސްވެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ ހުރިހާ ތުހުމަތުތަކެއް ރައީސް އޮފީހުން ވަނީ ދޮގުކޮށްފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވެފައި ވަނީ، އަލް ޖަޒީރާ ޑޮކިއުމެންޓްރީގައި ތުހުމަތުތަކެއްކޮށްފައި ވަނީ ހެއްކާއި ގަރީނާތަކުގެ މައްޗަށް ބިނާކޮށް ނޫން ކަމަށެވެ.