ރަޝިޔާއިން ދިވެހީންނަށް 90 ދުވަހުގެ އޮންއެރައިވަލް ވިސާ ދޭން ސޮއިކޮށްފި

ދިވެހީންނަށް ރަޝިޔާއިން 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.


ރަޝިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި ވިސާ ދިނުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ރަޝިޔާއިން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޮވް އެވެ.

އެ އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށް ވެސް 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭނެ އެވެ.

ދިވެހީންނަށް ރަޝިޔާއިން 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ފޮރިން މިނިސްޓަރު ޝާހިދު (ވ) ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލޮވްރަވް އެއްބަސްވުން ބަދަލުކުރައްވަނީ-- ފޮޓޯ: ފޮރިން މިނިސްޓްރީ

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ދެ ބޭފުޅުން ވެސް ވަނީ ގުޅުން ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފަ އެވެ. އަދި ރާއްޖޭގެ މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރުމާއި އެކަމަށް ދިވެހި ކުންފުނިތަކަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވެސް ވާހަކަދެއްކެވި ކަމަށް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން ޓޫރިޒަމާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ޓެރަރިޒަމް ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.