ޝެންގެން ވިސާ އޮންލައިންކޮށް، އީ-ވިސާ މެދުވެރިކޮށް ނެގޭ ގޮތަށް ބަދަލު ގެނެސްފި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޝެންގެން ވިސާގެ އާ ގަވާއިދުތަކެއް ފާސްކުރަން ޔޫރަޕިއަން ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެއާއެކު ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ދަތުރުކުރަން އޮންލައިންކޮށް ވިސާ ނެގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓްރީން ބުނީ ޔޫރަޕިއަން ކައުންސިލްގެ އެ ނިންމުމާ ގުޅިގެން ކުރަންޖެހޭ އިދާރީ ތައްޔާރީތަކަށްފަހު އެކަން ތަންފީޒުކުރަން ފަށާ ތާރީހެއް އިއުލާން ކުރާނެ ކަމަށެވެ.
ޝެންގެން އޭރިޔާގައި ހިމެނެނީ ޔޫރަޕްގެ 27 ގައުމެވެ. އެ ގައުމުތަކަށް ދަތުރުކުރަން ބޭނުންވާ ވިސާ ހޯދަން މީގެ ކުރިން ޖެހެނީ ސްރީލަންކާއަށް ދާށެވެ.
ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސިއިރު، ރާއްޖޭގައި ތިބެގެން ޝެންގެންގެ ބައެއް ގައުމުތަކަށް ބޭނުންވާ ވިސާ ދޫކުރުމަށް ވީއެފްއެސްގެ ގްލޯބަލް ޖޮއިންޓް ސެޝަންގެ ވިސާ އެޕްލިކޭޝަން ސެންޓަރެއް 2020 ވަނަ އަހަރު ހުޅުވި އެވެ.
ނަމަވެސް ޔޫރަޕްގައި ހިމެނޭ ހުރިހާ ގައުމަކަށް ބޭނުންވާ ވިސާއެއް މިހާތަނަކަށް ނުލިބެ އެވެ. އެކަމަކު ފޮރިން މިނިސްޓްރީން ބުނީ އީ-ވިސާއިން އެ ސަރަހައްދުގެ ކޮންމެ ގައުމަކަށް ދާން ވެސް ވިސާ ހޯދޭނެ ކަމަށެވެ.
ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހި ޕާސްޕޯޓުގައި 101 ގައުމަކަށް މިހާރު ވެސް ދަތުރު ކުރެވެ އެވެ. މިއީ ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ ޕާސްޕޯޓެވެ.