ވިސާ ނެތި ލަންކާގައި އުޅޭ ދިވެހިންނަށް އަދި ހައްލެއް ނުލިބޭ

ވިސާ ނެތި ސްރީ ލަންކާގައި އުޅޭ ދިވެހިންގެ މައްސަލާގައި ލަންކާ ސަރުކާރުން މިހާތަނަށް ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.


ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ލަންކާގެ ހާރިޖީ ވަޒީރު ތިލަކް މަރަޕަނާއާ ފޯނުން ގުޅުއްވައި އެ ގައުމުގައި ތިބި ދިވެހިންނަށް ދިމާވާ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އެގޮތުން، ލަންކާގައި ވިސާ ނެތި ގިނަ އަދަދެއްގެ ދިވެހިން ލަންކާގައި ދިރިއުޅެމުން އަންނަކަން ފާހަގަކުރެވިފައިވާތީ އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.

ލަންކާގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު ދިން، 250 އަށް ވުރެ ގިނަ މީހުން މަރުވި ޓެރަރިސްޓް ހަމަލާތަކަށް ފަހު ސަލާމަތީ ބާރުތަކުން ހިންގަމުން އަންނަ އޮޕަރޭޝަންތަކުގައި އަށް ދިވެއްސަކު ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން ގިނަ މީހުންގެ މައްސަލަ އަކީ ވިސާގެ މުއްދަތު ހަމަވުމުން ވެސް ލަންކާގައި ދިރިއުޅުން ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.

ލަންކާގައި ގިނަ ދިވެހިންތަކެއް ވިސާ ނެތި ދިރިއުޅެމުންދާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ދާދި ފަހުން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވި އެވެ. ލަންކާގައި ވިސާ ނެތި ދިރިއުޅެމުންދާ ދިވެހިންގެ ސާފު އަދަދެއް އެނގިވަޑައިގަންނަވާނީ އެ ގައުމުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންތައް ނިމުމުން ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އޭރު ޝާހިދު ވިދާޅުވި ގޮތުގައި ލަންކާ ސަރުކާރާ މަޝްވަރާ ކުރަމުން އަންނަނީ ސައްހަ ބޭނުމެއްގައި ލަންކާގައި ދިރިއުޅޭ މީހެއްގެ ވިސާގެ މުއްދަތު ހަމަވެފައިވާ ނަމަ ރާއްޖެ ނައިސް ވިސާ އާ ކުރުމަށް ފަހު، ލަންކާގައި އުޅެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ލަންކާގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ވިސާ އާ ނުކުރަނީ ފަރުވާކުޑަކަމުންނެވެ. އެގޮތުން ވިސާ އާ ނުކުރާތާ 1-2 އަހަރު ވެފައިވާ މީހުން ވެސް ލަންކާގައި އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.