މަނީ ލޯންޑަރިން ހިންގި އިރު އިހުމާލުވި މައްސަލައިގައި އާތިފަށް ދައުވާ ކުރަން ފޮނުވައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) އިން ދައުލަތަށް ވަންނަން ޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކޮށް، އެ ފައިސާ އިން މަނީ ލޯންޑެރިންގެ މުއާމަލާތް ހިންގި އިރު އެކަން ހުއްޓުވަން އިހުމާލުވި މައްސަލައިގައި އެތަނުގެ އޭރުގެ އިސްވެރިޔާ އިބްރާހިމް އާތިފް ޝަކޫރަށް ކޮރަޕްޝަންގެ ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.


ތަހުގީގު ފުރިހަމަކޮށް އޭސީސީން މި މައްސަލަ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ޕީޖީ އަށް ހުށަހެޅުމުން އެތަނުން ދިރާސާކޮށް އިރުޝާދު ދިނީ ފުލުހުންނަށް ހުށަހެޅުމަށެވެ. އެއީ، މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ކުށެއް ކޮށްފައިވާ ކަމަށް ބެލެވޭތީ އެވެ.

މަނީ ލޯންޑަރިންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު އޭސީސީއަކަށް ނޯވެ އެވެ. އެ ބާރު ގާނޫނުން ދީފައި އޮންނަނީ ފުލުހުންނަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އާއްމުކުރި ތަހުގީގު ރިޕޯޓުގައި ބުނީ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ އިސްވެރިޔާގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ދައުލަތުގެ ފައިސާ އިން މަނީ ލޯންޑެރިންގެ އަމަލު ހިންގަމުން ދިޔަ ކަން އެނގިވަޑައިގަތް އިރު ވެސް އެކަން ފުލުހުންނަށް ހުށަނޭޅުމުން ކަމަށެވެ.

އެމްއެމްޕީއާރުސީގެ އެކައުންޓަކުން، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެކުވެރިންގެ ކުންފުނި، އެސްއޯއެފަށް 59 މިލިއަން ރުފިޔާގެ ޗެކެއް ޖަމާކުރުމުގައި، ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން އެފްއައިޔޫ އަށް އެކަން ހުށަހެޅި އެވެ. އޭގަ ފަހުން ހިނގި ޝައްކު އުފެދޭ ޓްރާންސެކްޝަންތަކުގެ ތަފްސީލް ވެސް ކަމާބެހޭ އިދާރާތަކުން އެފްއައިޔޫ އަށް ފޮނުވި އެވެ.

ޖުލައި، 2014 އިން ފެށިގެން ރާއްޖޭގެ އެކި ބޭންކްތަކުގައި އެސްއޯއެފުން ހުޅުވި އެކައުންޓްތައް ދިރާސާކުރި އިރު، އެމްއެމްޕީއާރުސީގެ އެތައް މިލިއަން ޑޮލަރު ވަދެފައިވާ ކަން އެފްއައިޔޫ އަށް އެނގޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.

އެ މުއާމަލާތްތަކަކީ މަނީ ލޯންޑަރިން ކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް އެފްއައިޔޫގެ ވެރިޔާ އަށް އެނގޭ ކަން ތަހުގީގަށް ސާފުކޮށް ފެންނަން އޮތް ކަމަށް އޭސީސީން ބުންޏެވެ. އަދި އެއީ ފުލުހުންނަށް ފޮނުވަން ޖެހޭ މައުލޫމާތުތަކެއް ކަން އެފްއައިޔޫގެ އިސްވެރިޔާ ތަހުގީގުގައި އިއުތިރާފްވެވަޑައިގަތް ކަމަށް ވެސް އޭސީސީގެ ރިޕޯޓުގައިވެ އެވެެ.

އެއީ، ކޮރަޕްޝަން އެކުލެވޭ މައްސަލައެއް ކަމަށް ކަނޑައަޅައި އާތިފްގެ މައްޗަށް ދައުވާ ކުރަން ފޮނުވީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޒާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށެވެ.

މި މައްސަލައިގައި އޭސީސީގެ ތަހުގީގަށް އާތިފް ދެއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އެސްއޯފުން ބޮޑެތި އަދަދުތަކުގެ މުއާމަލާތް ހިންގުމާއި އެ ފައިސާ ވަންނަނީ ކޮން އެކައުންޓްތަކަކަށް ކަން އެފްއައިޔޫގެ ރިޕޯޓުން އެނގެން އޮތުމާ އެކު އެކަން އިތުރަށް ތަހުގީގު ކުރަން ޖެހޭނެ ކަމަށް އޭރުގެ ގަވަރުނަރު އައިޝަތު އަޒީމާ އަށް ދެންނެވި ކަމަށެވެ. އެކަމަކު އެކަން ތަހުގީގުކުރަން ފުލުސް އޮފީހަށް ހުށަހަޅަން އިންކާރު ކުރައްވައި އަޒީމާ ނެންގެވީ އެ ޔުނިޓުގައި މުވައްޒަފުން މަދު މައްސަލަ ކަމަށް ތަހުގީގަށް ދެއްވި ބަޔާނުގައި އާތިފް ވިދާޅުވެފައިވެ އެވެ.

އެ ތުހުމަތު އަޒީމާ ވަނީ ދޮގު ކުރައްވައިފަ އެވެ. އޭނާ ތަހުގީގަށް ވިދާޅުވެފައި ވަނީ އެސްއޯއެފުން ހިންގި ޝައްކު ކުރެވޭ މުއާމަލާތްތަކަކާ ގުޅިގެން ނޮވެމްބަރު، 27، 2014 ގައި އެފްއައިޔޫ އަށް ފޮނުވި "ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓް"ގެ ވާހަކަ، އެމްއެމްއޭ އިން ބޭއްވި ބައްދަލުވުމަކަށް ފަހު އާތިފް ހިއްސާކުރެއްވި ކަމަށެވެ. އެއާއެކު، ޝައްކުކުރެވޭ މުއާމަލާތް ވަރަށް ރަނގަޅަށް ދިރާސާކުރަން ޖެހޭނެ ކަމަށް އާތިފަށް ދަންނަވާފައި ވާނެ ކަމަށް އަޒީމާ ވިދާޅުވި އެވެ.

އޭސީސީން ފާހަގަކުރި އެފްއައިޔޫގެ އިހުމާލުތައް

- ޖުމްލަ އަށް ޓްރާންސެކްޝަނަކުން 47 މިލިއަން ރުފިޔާ އެސްއޯފްގެ އެކައުންޓުން ނަގާފައިވާ ކަން އެފްއައިޔޫގެ ތަހުގީގަށް އެނގޭ. އަޅައެއް ނުލި.

- އެސްއޯއެފަކީ އެފަދަ ވިޔަފާރީގެ މުއާމަލާތްތައް ހިންގޭވަރުގެ ގާބިލް ކަމެއް ނެތް ކަން އެ ކުންފުނީގެ ޓެކްސް ފައިލިން އާއި އެނުއަލް ރިޕޯޓްތަކުން އެނގޭ.

- އެފްއައިޔޫގެ ރިޕޯޓް ފުލުހުންނަށް ހުށަނޭޅުމުން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާވި އިރު އެކަން ހުއްޓުވަން އެއްވެސް ފިޔަވަޅެއް ނޭޅުމުން އެސްއޯއެފަށް ނާޖާއޒު ފައިދާ ލިބިފައިވުން.

- އެފްއައިޔޫގެ އެނަލިސިސް ރިޕޯޓް ތަހުގީގީ އިދާރާ އަކަށް ނުފޮނުވަން ނިންމީ އޭރުގެ ވެރިޔާ (އާތިފް) ކަން އޭނާގެ އިއުތިރާފުންނާއި ތަހުގީގަށް ލިބިފައިވާ ހެކިތަކުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވުން.

- ދައުލަތުގެ ފައިސާ އިން މަނީ ލޯންޑެރިން ހިންގި އިރު އެކަން ތަހުގީގު ކުރަން އެފްއައިޔޫން ފުލުހުންނަށް ހުށަނޭޅުން.

މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެފްއައިޔޫން ނިންމާ ނިންމުންތައް ނިންމުމުގެ ފުރިހަމަ މިނިވަންކަން އެ ޔުނިޓަށް ވަނީ ދީފަ އެވެ. އަދި އެ ޔުނިޓުން ހަދާ އެނަލިސިސް ރިޕޯޓްތަކާއި ގުޅިގެން އަޅާނެ ފިޔަވަޅެއް ނިންމުމުގެ ބާރު ދީފައި ވަނީ ވެސް އެ ޔުނިޓުގެ އިސްވެރިޔާ އަށެވެ.