ނަސަންދުރާގެ މައްސަލައިގައި އަދި ގޮތެއް ނުނިންމަން: އޭޖީ ރިފްއަތު

ނަސަންދުރާ ޕެލަސް ހޮޓެލް ހުރި ތަން އިތުރު ބިމަކާ އެކު 50 އަހަރަށް ކުއްޔަށް ދޭން ހެދި އެއްބަސްވުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.


ހުޅުމާލޭގެ ފެރީ ޓާމިނަލް ކައިރީގައި ހުންނަ ނަސަންދުރާގެ ބިމާ އިން ވެގެން އޮތް، އައިލެންޑް އޭވިއޭޝަން ސާވިސަސް ކުރިން ހިންގި ހ. އޯކިޑް ލޮޖްގެ ބިމާ އެކު 50 އަހަރަށް ކުއްޔަށް ދިން އެއްބަސްވުމާ މެދު އަލުން ގޮތެއް ނިންމުމަށް ޓޫރިޒަމް މިނިސްޓްރީ އަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާދެއްވައިފަ އެވެ. އަދި އެކަމާ މެދު ގޮތެއް ނިންމަން މިހާރުގެ ސަރުކާރުގެ ޓޫރިޒަމް މިސްޓްރީން ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގައި އެދިފަ އެވެ.

އެކަމަކު، ރިފްއަތު "މިހާރު" އަށް ވިދާޅުވީ ނަސަންދުރާ ކުއްޔަށް ދިން މައްސަލައިގައި ޓޫރިޒަމް މިނިސްޓްރީގެ ހުށަހެޅުމާ ގުޅިގެން އެޓާނީ ޖެނެރަލް އޮފީހުން އަދި ގޮތެއް ނިންމާފައި ނެތް ކަމަށެވެ. އަދި އެއްބަސްވުން ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭއްވެވި ޕްރެސް ކޮންފަރެންސްގައި "މިހާރު"ން ދެންނެވި ސުވާލެއްގެ ޖަވާބުގައި އެމަނިކުފާނު ވެސް ވިދާޅުވީ ނަސަންދުރާފެ މައްސަލައިގައި ރިޕޯޓެއް ރައީސް އޮފީހަށް ލިބިފައި ނުވާ ކަމަށާއި އެކަން ބައްލަވާނެ ކަމަށެވެ.

ނަސަންދުރާ 2010 އިން ފެށިގެން ހިންގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަން، އެކަމަކު ފަހުން އަވަހާރަވެފައިވާ އެއްލައިދޫ މުހަންމަދު މަނިކުގެ މަސްހަލަތު އޮންނަ ގެލެކްސީ އެންޓަޕްރައިޒަސް އިންނެވެ. އެ ބިން 2015 ގައި އެމްއެމްޕީއާރުސީގެ ދަށަށް ބަދަލޮށް، ކުރީގެ އެއްބަސްވުން އުވާލައި، ހަމަ އެ ދުވަހު މަނިކުގެ އެހެން ކުންފުންޏެއް ކަމަށްވާ އެންޕީއެޗް އިންވެސްޓްމެންޓާ އެތަން ހަވާލުކުރުމުގެ އެއްބަސްވުމެއް ހެދި އެވެ.

ނަސަންދުރަ ހަދާ ނިމުމުން ބޭރުން ފެންނަން ހުންނާނެ ގޮތް ދައްކައިދޭ ކުރެހުމެއް.

މި މުއާމަލާތް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ތަހުގީގުކޮށް، ދައުވާކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން "ދައުވާ ކުރެވެން ނެތް ކަމަށް" ބުނެ އަނބުރާ ފޮނުވާލީ އެވެ. އޭސީސީގެ ނިންމުމުގައިވާ ގޮތުން ނަސަންދުރާގެ އެއްބަސްވުން އުވާލައި އެ ތަން މިހާރު ތަރައްގީކުރާ އެންޕީއެޗް އިންވެސްޓްމެންޓާ ހަވާލުކުރުމުގައި ތުހުމަތުކުރެވޭ ޚިޔާނާތް 86 މިލިއަން ރުފިޔާ އަށް އަރަ އެވެ.

އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް އަނބުރާ ފޮނުވާލެއްވީ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަމަށް ޔާމީންގެ ސަރުކާރުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ލަފާ ދެއްވުމުންނެވެ.

ނަސަންދުރާގެ މައްސަލައިގައި ދައުވާކުރަން ފޮނުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތް ހިންގުމުގައި އަމަލީ ގޮތުން އިސްކޮށް އުޅުއްވި ކަމަށް ތުހުމަތު ކުރެވޭ ދެ ބޭޅުންނަށެވެ. އެއީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ.

ޕީޖީން ވެސް ބުނިގޮތުގައި އަދީބުގެ މައްޗަށް ދައުވާނުކުރީ ނަސަންދުރާ އެންޕީއެޗަށް ދިނީ ޓޫރިޒަމް ގާނޫނާ އެއްގޮތަށް ކަމަށް ބަންޑާރަ ނައިބު ލަފާ ދެއްވާފައި އޮތުމުންނެވެ. ޒިޔަތުގެ މައްޗަށް ދައުވާކުރަން ފޮނުވި އިކުއިޒިޝަން ކޮސްޓުގެ މައްސަލައިގައި ދައުވާ ނުކުރީ، އިކުއިޒިޝަން ކޮސްޓު ނަގަން ޖެހޭ ކަމަށް އޭރު އެއްވެސް ގާނޫނެއްގައި ކަނޑައަޅާފައި ނުވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. މި ސަބަބާ އެކު، ދައުވާނުކުރި ނަމަވެސް އެ މުއާމަލާތުން ޚިޔާނާތްވި ގޮތް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ވަނީ އާއްމުކޮށްފަ އެވެ.

މި ސަރުކާރުން ނަސަންދުރަ އެއްބަސްވުން ދިރާސާ ކުރަމުން އަންނަ އިރު، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރިން ވިދާޅުވި ގޮތުގައި އެ މައްސަލައިގައި ގޮތެއް ނިންމާނީ ޕޮލިސީ ލެވަލެއްގަ އެވެ.

ނަސަންދުރާގެ މަސައްކަތް ހުއްޓުމެއް ނެތި މިހާރު ވެސް ދަނީ ކުރިއަށެވެ. އެއީ މާލޭގައި މިހާތަނަށް ހަދާ އެންމެ ބޮޑު އިމާރާތެވެ.