ރިވެލި އެވޯޑް 21 މީހަކަށް ދީފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދޭ ރިވެލި އެވޯޑް 21 މީހަކަށް މިއަދު ދީފި އެވެ.


އިސްލާމިކް މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފެވެ.

ޝިދާތާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ކާމިޔާބީތައް ހޯދަމުން އަންނަނީ ތަފާތު ގޮންޖެހުންތައް ހުރަސްކޮށްގެން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި އުމުރާނީ ތަރައްގީ ގެނައީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވިސްނާލުމެއް ނެތި އެވެ. އަދި އާންމު ހިދުމަތް ދޭ ތަންތަން ހެދުމުގައި ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހާލަތަށް ރިއާޔަތްކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް އެހެން މީހެއްގެ އެހީތެރިކަމެއް ނެތި ހިނގާ ބިނގާވެ އުޅުމާއި ދަތުރުފަތުރު ކުރުމާއި އިމާރާތްތަކަށް ވާސިލު ވެވޭނެ މިންވަރަށް އިންތިޒާމުތައް ހަމަޖެހިފައި ނެތުމަކީ އަޅުގަނޑުމެން އެންމެން އެކަމާ ލަދުގަންނަން ޖެހޭ ކަމެއް،" ޝިދާތާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަންކަން އިސްލާހު ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ނިމޭއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދިރިއުޅޭ މާހައުލުން އެ ބަދަލުތައް ފެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކޮންމެ ދެ އަހަރަކުން އެއް އަހަރު ދޭ އެވޯޑެކެވެ.

މި އަހަރު ރިވެލި އެވޯޑް ހާސިލްކުރި ފަރާތްތައް

* މުހައްމަދު ރައިޝާން އަހުމަދު، ހުސްނޫވިލާ، މ.މުލައް

* އަލްހާފިޒު އަހުމަދު ނަބީހު އަބްދުލްޤާދިރު، މާބަގީޗާގެ، ލ.މާވައް

* މަރްޔަމް ނޫރާ ރަޝާދު، މއ.ސެނަކާ

* ފާތިމަތު އިބްރާހީމް، ކާނިމާގެ، ޅ.ހިންނަވަރު

* އަލްހާފިޒު އަލީ އަމްޖަދު، ރަބީއު، ހދ.ކުޅުދުއްފުށި

* ޝަފީނާޒް ސައީދު، ހީނާމާގެ، ގއ.ކޮލަމާފުށި

* ރަޙުމާ އީސާ، ހ.ފިލްމީ ސައިޓް

* ދިމްނާ ފާކިރު، ގުލްދަސްތާގެ، ސ.ފޭދޫ

* ނަޙްވާން ޔޫސުފް، ތަންހަޅިއާގެ، ޅ.ނައިފަރު

* އަޔާން އާލް ބިން އަޙްމަދު ނާސިރު، މ.އަބާނާ

* އަބްދުﷲ ޟިޔާއު، ދެވެލި، ސ.މަރަދޫ

* ސިފުނާ އިބްރާހީމް، ފެހިވާދީ/ މ.މުލައް

* އަހުމަދު ނަހުޔާން ފައިސަލް، ނޫޑަލްހީ/ ޏ.ފުވައްމުލައް

* މަރިޔަމް ލުމައިހާ އާދިލް، މ.ސާނިޔާ

* މުޙައްމަދު ނިޔާފް، ލޫބިޔާ، ލ.ފޮނަދޫ

* ވަސްމީ ވަހީދު، ސޯސަންމާގެ، ބ.ތުޅާދޫ

* ޢަލީ އަމީން، ގ.ރަންރީދޫގެ

* މޯލްޑިވްސް އޯޓިޒަމް ސެންޓާ

* ބްލައިންޑް އެންޑް ވިޝުއަލީ އިމްޕަޔަޑް ސޮސައިޓީ އޮފް މޯލްޑިވްސް

* ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

* ރޭޑިއޯ އެޓޯލް