ރައީސް ނަޝީދު އެންމެ ފަހުން މިނިސްޓަރު އިމްރާންގެ ދިފާއުގައި!

އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ފިލައިގެން އުޅުނު އަބްދުﷲ ލުތުފީގެ މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ރައްޔިތުންގެ މަޖިލިހުގައި ދޮގު ހައްދަވާނެ ކަމަށް ދެކިގެން ނުވާނެ ކަމަށް ވިދާޅުވެ، އިމްރާންގެ ދިފާއުގައި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ނުކުންނަވައިފި އެވެ.


ނޮވެމްބަރު 3، 1988 ގައި ރާއްޖޭގެ ވެރިކަން ވައްޓާލަން ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއްގެ ބަޔަކާ އެކު ރާއްޖެ އަރައި އުދުވާނީ ހަމަލާ ދިނުމުގެ މޭސްތިރިޔާ ލުތުފީ، ރާއްޖެ ނުގެނެވުމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިހުމާލު އޮތް ކަމަށް ދޭހަވާ ގޮތަށް އިމްރާން ވަނީ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ވާހަކަ ދައްކަވައިފަ އެވެ. އެކަމަކު، އިމްރާންގެ އެ ވާހަކަތައް ކުރީގެ ތިން ޕޮލިސް ކޮމިޝަނަރުން ވެސް ދޮގު ކުރައްވަ އެވެ.

ނަޝީދު މިރޭ ކުރެއްވި ޓުވީޓު.

މި މައްސަލައިގައި މިނިސްޓަރު އިމްރާން ހޫނު ފެނަށް ވެއްޓިފައި ވަނިކޮށް، ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލިހުގެ ތަޅުމުގައި އިމްރާން އިތުރުފުޅު ހައްދަވާނެ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. އަދި އެތައް ޕޮލިސް ކޮމިޝަނަރަކާއި ހޯމް މިނިސްޓަރުންގެ ދައުރު ނިމި ދިޔަ އިރު ވެސް ލުތުފީ ރާއްޖެ ގެނެވިފައި ނުވާ ކަމަށެވެ.

"އެކަންވީ އިބްރާހިމް މުހައްމަދު ސޯލިހްގެ ރައީސް ކަމުގައި. އިމްރާންގެ ހޯމް މިނިސްޓަރު ކަމުގައި. މުހައްމަދު ހަމީދުގެ ޕޮލިސް ކޮމިޝަނަރު ކަމުގައި،" ތިން ބޭފުޅުން ޓެގް ކުރައްވައި ނަޝީދު ވިދާޅުވި އެވެ.

ތިން އަހަރެއްހާ ދުވަހު ރާއްޖޭގެ ވެރިކަން ކުރެއްވި ނަޝީދު، އިމްރާންގެ ދިފާއުގައި ނުކުންނެވި އިރު، ލުތުފީގެ މައްސަލައިގައި އުމަރާ އެއްކޮޅަށް ވާހަކަ ދެއްކެވީ ކުރިން ޕޮލިސް ކޮމިޝަނަރު ކަން ކުރެއްވި ހުސައިން ވަހީދާއި އަހުމަދު އަރީފާއި ތިމަރަފުށީ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.

ކުށެއް ނެތް އެތައް ދިވެހިންނެއްގެ މަރާލުމުގެ މޭސްތިރި ލުތުފީ، ފުލުހުންގެ ބެލުމުގެ ދަށުން މިރޭ ގެންދަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ފިލައިގެން އުޅޭތާ ނުވަ އަހަރު ފަހުން މިދިޔަ މެއި މަހު ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ވަދެ އަމިއްލަ އަށް ލުތުފީ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގޮސްފަ އެވެ. އޭނާއާ ހަވާލުވިކަން އާންމުންނަށް ސިއްރުކޮށްގެން ސަރުކާރުން ތިއްބައި އެކަން ފަޅާއަރުވާލެއްވީ އުމަރެވެ. އޭގެ ފަހުން ކުރިމަތިވި ބޮޑެތި ޕްރެޝަރުތަކަށް ފަހު، ބާޣީ ލުތުފީ މިރޭ ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ރާއްޖެ ގެނެސްފަ އެވެ.

މަޖިލީހުގައި މެމްބަރުން އިއްޔެ ކުރެއްވި ސުވާލުތަކަށް އިމްރާން ވިދާޅުވެފައި ވަނީ މި ސަރުކާރުން ލުތުފީ ގެނެސް ހުކުމް ތަންފީޒު ކުރުވާނެ ކަމަށެވެ. ކުރީގެ ސަރުކާރުތަކަށް ލުތުފީ އަތުޖެހުމުން ވެސް ނުގެނައި ގޮތަށް މި ސަރުކާރުން ދޫކޮށެއް ނުލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ ސަރުކާރުގައި ވެސް ލުތުފީ ހައްޔަރުކޮށް މާލެ ގެނެވެން އޮތެވެ. އެކަމަކު އެކަން ނުކުރެވުނީ އޭރުގެ ހޯމް މިނިސްޓަރު އުމަރުގެ ހުއްދަ ނުލިބިގެން ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

ލުތުުފީ ރާއްޖެ ގެނައުމަކީ މުހިއްމު ކަމެއް ނޫން ކަމަށް ވިދާޅުވެ ފުލުހުންނަށް އޭރު އެންގެވީ އުމަރު ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު ކުރީގެ ތިން ޕޮލިސް ކޮމިޝަނަރުން އެ ތުހުމަތުތައް ދޮގުކުރައްވައި ވިދާޅުވީ ލުތުފީ ރާއްޖެ ގެނައުމަށް އެކި ފަހަރު މަތިން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ލުތުފީ ބޭސްފަރުވާ އަށް އިންޑިއާ އަށް ފޮނުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނުއަރީ 16، 2010 ގަ އެވެ. އެކަމަކު އޭނާ ފިލައިގެން ގޮސް މިހާތަނަށް ދިރިއުޅެމުން ދިޔައީ ސްރީ ލަންކާގަ އެވެ.

ބާޣީ ލުތުފީގެ ގޮތުގައި ރާއްޖެ އަށް މަޝްހޫރު ކުށްވެރިޔާ އަމާންދޭން މަޖުބޫރުވީ ލަންކާގައި އޭޕްރީލް މަހު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ސިފައިން ގެތަކަށް ވަދެ ހިންގި އޮޕަރޭޝަނުގައި އޭނާ އަތުލައިގެންފާނެ ކަމުގެ ބިރު އޮތުމުންނެވެ. ލަންކާގައި ދިރިއުޅޭ ބިދޭސީން އެންމެ ކައިރި ޕޮލިސް ސްޓޭޝަންތަކުގައި ރަޖިސްޓްރީން ވާން ވެސް އެންގި އެވެ. އެހެންވެ އޭނާ ސަލާމަތްކަން ހޯދީ އެމްބަސީ އަށް ވަދެގެންނެވެ.

ސްރީ ލަންކާ އިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.