މިނިސްޓަރު އިމްރާން ހޫނު ފެނަށް، 3 ޕޮލިސް ކޮމިޝަނަރުން އުމަރާ އެއްކޮޅަށް!

އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ފިލައިގެން އުޅުނު އަބްދުﷲ ލުތުފީ ރާއްޖެ ނުގެނެވުމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިހުމާލު އޮތް ކަމަށް ދޭހަވާ ގޮތަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ދެއްކެވި ވާހަކަތަކަށް ކުރީގެ ޕޮލިސް ކޮމިޝަނަރުން ފާޑުވިދާޅުވެއްޖެ އެވެ.


ފިލައިގެން އުޅޭތާ ނުވަ އަހަރު ފަހުން މިދިޔަ މެއި މަހު ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ވަދެ އަމިއްލަ އަށް ލުތުފީ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގޮސްފަ އެވެ. އޭނާއާ ހަވާލުވިކަން ސިއްރުކޮށްގެން ސަރުކާރުން ތިއްބައި އެކަން ފަޅާއަރުވާލެއްވީ އުމަރެވެ.

އެއާ އެކު ސަރުކާރަށް ޕްރެޝަރު ބޮޑުވެ، ހޯމް މިނިސްޓަރު އިމްރާނަށް ޖެހިވަޑައިގަތީ މަޖިލީހުގައި ޖަވާބުދާރީވެވަޑައިގަންނަވާށެވެ. އެކަމަކު ލުތުފީ އަތުޖެހި މިދިޔަ ސަރުކާރުން ނުގެނައީ ކަމަށް އިމްރާން ދެއްކެވި ވާހަކަތައް ގަބޫލުނުކުރައްވައި ކުރީގެ ތިން ޕޮލިސް ކޮމިޝަނަރުން ކަމަށްވާ އަހްމަދު އަރީފާއި ހުސެއިން ވަހީދުގެ އިތުރުން އަބްދުﷲ ރިޔާޒް ވެސް ބުރަވެވަޑައިގަތީ އުމަރުގެ ކޮޅަށެވެ.

މަޖިލީހުގައި މެމްބަރުން އިއްޔެ ކުރެއްވި ސުވާލުތަކަށް އިމްރާން ވިދާޅުވެފައި ވަނީ މި ސަރުކާރުން ލުތުފީ ގެނެސް ހުކުމް ތަންފީޒުކުރުވާނެ ކަމަށެވެ. ކުރީގެ ސަރުކާރުތަކަށް ލުތުފީ އަތުޖެހުމުން ވެސް ނުގެނައި ގޮތަށް މި ސަރުކާރުން ދޫކޮށެއް ނުލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުގައި ވެސް ލުތުފީ ހައްޔަރުކޮށް މާލެ ގެނެވެން އޮތް ކަމަށެވެ. އެކަމަކު އެކަން ނުކުރެވުނީ އޭރުގެ ހޯމް މިނިސްޓަރު އުމަރުގެ ހުއްދަ ނުލިބިގެން ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

ލުތުުފީ ރާއްޖެ ގެނައުމަކީ މުހިއްމު ކަމެއް ނޫން ކަމަށް ވިދާޅުވެ ފުލުހުންނަށް އޭރު އެންގެވީ އުމަރު ކަމަށް ވެސް ވިދާޅުވި އެވެ.

ލުތުފީއާ ގުޅޭ ގޮތުން މެމްބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަން ހޯމް މިނިސްޓަރު އިމްރާން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި: އުމަރުގެ ބޮލުގައި ދޮގު އިލްޒާމް އެޅުވި ކަމުގެ ތަުހުމަތު އިމްރާންގެ މައްޗަށް ވަނީ ކޮށްފައި.---ފޮޓޯ: މަޖިލިސް

ފުލުހުންގެ އިސް ބައެއް އޮފިސަރުން ވެސް ވިދާޅުވާ ގޮތުގައި ލުތުފީ ހޯދަން ހިންގި އޮޕަރޭޝަނަކަށް ފަހު އޭނާ ހުރި ތަން ލޮކޭޓްކޮށް، އެކަން އުމަރަށް އެންގެވުމުން މާ ބޮޑު ކަމަކަށް ނުހައްދަވައި ދޫކޮށްލެއްވީ އެވެ. ދެ ފަހަރަކަށް އެ ގޮތަށް އަމަލު ކުރެއްވި ކަމަށް އުމަރަށް ތުހުމަތުކުރެ އެވެ. އިމްރާން ވެސް މަޖިލީހުގައި އިއްޔެ އިޝާރާތް ކުރެއްވީ އެ ވާހަކަތަކަށެވެ.

އެކަމަކު ކުރީގެ ތިން ޕޮލިސް ކޮމިޝަނަރުން އެ ތުހުމަތުތައް ދޮގުކުރައްވަ އެވެ.

އަރީފް މީޑީއާތަކަށް ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުގައި ލުތުފީ ނުގެނައީ ކަމަށް ވިދާޅުވެ އިމްރާން ހެއްދެވީ އިތުރުފުޅެކެވެ. އޭނާ ގެންނަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އަރީފް ވިދާޅުވި އެވެ.

ލުތުފީ ގެނައުން ލަސްވާ މައްސަލަ ދިފާއުކުރައްވައި އިމްރާން ދެއްކެވި ވާހަކަ، ކުރީގެ ކޮމިޝަނަރު ހުސެއިން ވަހީދު ސިފަކުރެއްވީ، "އަމިއްލަ ހިޔާލުތަކެއް"ގެ ގޮތުގަ އެވެ. ފުލުހުންގެ އެންމެ އިސް މަގާމުގައި 2014 ގައި އޭނާ ހުންނެވި އިރު ލުތުފީ ނުގެނައުމަށް ހިތްވަރު ދެއްވައި އުމަރު އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"ލުތުފީ ހޯދުމަކީ މިނިސްޓަރު އުމަރު އަދި ރައީސް ޔާމީންގެ ވެސް ޕްރިއޯރިޓީއެއް،" ހުސެއިން ވިދާޅުވި އެވެ.

އިމްރާނަށް ރައްދު ދެއްވައި ފޭސްބުކްގައި ލިއުއްވި ދިގު ޕޯސްޓެއްގައި ހުސެއިން ވިދާޅުވި ގޮތުގައި ލުތުފީ ގެންނަން ޔާމީންގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ވެސް ކުރި އެވެ. ލުތުފީ ފެނުމުން އޭނާ ގެނައުމަށް ކުރަން ޖެހޭ ކަންކަން ނުކޮށް، އަސްލެއް ނެތް ވާހަކަތައް ފެތުރުމަކީ އޮޅުވާލުން ކަމަށް ހުސެއިން ވިދާޅުވި އެވެ.

"މަޖިލީހުގައި މިނިސްޓަރު އިމްރާން ދެއްކެވި ވާހަކަފުޅުތަކަކީ މަޖިލީސް މެމްބަރުންނަށް އޮޅުވާލެއްވުމުގެ ގަސްތުގައި ކުރެއްވި ދަށު ދަރަޖައިގެ އަމަލެއް،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒް ވިދާޅުވީ ފިލައިގެން އުޅޭ މީހަކު ހޯދުމަށް ހޯމް މިނިސްޓަރުގެ ހުއްދަ ފުލުހުން ހޯދާކަށް ނުޖެހޭނެ ކަަމަށެވެ. ގާނޫނާއި ގަވާއިދުތަކަށް އަމަލުކުރުމަކީ ފުލުހުންނަށް ލާޒިމް ކަމެއް ކަން ވެސް ރިޔާޒް ފާހަގަކުރައްވާފައިވެ އެވެ.

ނޮވެމްބަރު 3، 1988 ގައި ރާއްޖޭގެ ވެރިކަން ވައްޓާލަން ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއްގެ ބަޔަކާ އެކު ރާއްޖެ އަރައި އުދުވާނީ ހަމަލާ ދިނުމުގެ މޭސްތިރި ކަމަށް ވާ ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ގޮސް އަމާންދިނީ މިދިޔަ މެއި 1 ގަ އެވެ. އޭގެ ފަހުން ދެ މަސް ވި އިރު ވެސް ސަރުކާރުގެ އިދާރާތަކުން އެކަން އާއްމުނުކޮށް ތިއްބައި އެކަން ފަޅާއަރުވާލެއްވީ އުމަރެވެ.

ލުތުފީގެ އެހާރާއި މިހާރުގެ ފޮޓޯއެއް.

ލުތުފީ ބޭސްފަރުވާ އަށް އިންޑިއާ އަށް ފޮނުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނުއަރީ 16، 2010 ގަ އެވެ. އެކަމަކު އޭނާ ފިލައިގެން ގޮސް މިހާތަނަށް ދިރިއުޅެމުން ދިޔައީ ސްރީ ލަންކާގަ އެވެ.

ބާޣީ ލުތުފީގެ ގޮތުގައި ރާއްޖެ އަށް މަޝްހޫރު ކުށްވެރިޔާ އަމާންދޭން މަޖުބޫރުވީ ލަންކާގައި އޭޕްރީލް މަހު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ސިފައިން ގެތަކަށް ވަދެ ހިންގި އޮޕަރޭޝަނުގައި އޭނާ އަތުލައިގެންފާނެ ކަމުގެ ބިރު އޮތުމުންނެވެ. ލަންކާގައި ދިރިއުޅޭ ބިދޭސީން އެންމެ ކައިރި ޕޮލިސް ސްޓޭޝަންތަކުގައި ރަޖިސްޓްރީން ވާން ވެސް އެންގި އެވެ. އެހެންވެ އޭނާ ސަލާމަތްކަން ހޯދީ އެމްބަސީ އަށް ވަދެގެންނެވެ.

ސްރީ ލަންކާ އިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.