ލުތުފީގެ މައްސަލާގައި ކުރީގެ ދެ ސަރުކާރުން އަޅާނުލި ސަބަބު ތަހުގީގުކުރަނީ

ފިލައިގެން އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމާ ގުޅޭ މާ ބޮޑު ތަފްސީލެއް ނުދީ، އޭނާ ފިލައިގެން އުޅޭކަން ކުރީ ދެ ސަރުކާރަށް އެނގި ތިބެ އަޅާނުލި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.


ލުތުފީގެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު މެންދުރުފަހު ނެރުނު ބަޔާނުގައި ބުނީ 2012-2016 އާ ދެމެދު ތަފާތު އެކި ފަހަރުމަތިން ލުތުފީ ފިލައިގެން އުޅުނު ތަންތަނާ ބެހޭ މައުލޫމާތު އޭރުގެ ސަރުކާރުތަކަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭރު ފިޔަވަޅު އަޅާފައިނުވާތީ މިހާރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ޕްރޮފެޝަނަލް ސްޓޭންޑާޑްސް އިން އެ މައްސަލަ ތަހުގީގުކުރަން ހުށަހަޅުއްވައިފައި ކަމަށް، ބަޔާނުގައިވެ އެވެ.

ކުށެއް ނެތް 19 ދިވެއްސެއްގެ ލޭ އޮހޮރުވާލި ނޮވެމްބަރު 3 ގެ ހަމަލާގައި އިސްކޮށް ހުރި، ލުތުފީ ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ދިޔައީ މިދިޔަ މަހުގެ 1 ގަ އެވެ. އެމްބަސީ އަށް ހާޒިރުވެ ހުކުމް ތަންފީޒުކުރަން އެނބުރި ރާއްޖެ ދާން ބޭނުންވާ ކަމަށް ބުނެފައި ވެ އެވެ. އެ ދުވަހުން ފެށިގެން ފޮރިން މިނިސްޓްރީ އާއި ފުލުހުން ލުތުފީ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބަޔާނުގައި ބުންޏެވެ.

ބާގީ ލުތުފީގެ ގޮތުގައި މުޅި ރާއްޖެ އަށް މަޝްހޫރުވެފައިވާ ލުތުފީ ފިލީ އެމްޑީޕީގެ ސަރުކާރުގައި ޖެނުއަރީ، 16، 2010 ގައި ބޭސްފަރުވާ އަށް އިންޑިޔާ އަށް ފޮނުވުމުންނެވެ. އެގޮތުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެކަމަށް އިހުމާލުވި ކަމަށް ބަލައި ފުލުހުން އަންނަނީ އެކަން ތަހުގީގު ކުރަމުންނެވެ.

"ސްރީ ލަންކާގެ އެއްވެސް އިދާރާއަކުން ލުތުފީގެ މައްސަލައެއް ބަލަމުން ދޭތޯ އާއި އޭނާއަކީ ގިނަ ދުވަސްތަކެއް ވަންދެން ސްރީލަންކާގައި ގަވާއިދާ ހިލާފަށް އުޅެފައިވާ މީހަކަށްވާތީ، ސްރީލަންކާގައި އޭނާއަކީ އެއްވެސް މައްސަލައެއްގައި ހޯދާ މީހެއްތޯ ބަލައި އަދި އޭނާއާ މެދު އެއްވެސް ތަހުގީގެއް ހިނގަމުންދޭތޯ ބަލައި އަދި އަބްދުﷲ ލުތުފީއަކީ ރާއްޖޭގެ ސަރުކާރުން ހޯދާ މީހަކަށްވާތީ، ސްރީލަންކާގެ އިދާރާތަކުން ހޯދަންޖެހޭ ކްލިއަރެންސް ހޯދުމުގެ މަސައްކަތްތައް ކުރެވެމުން ދެ އެވެ،" ބަޔާނުގައި ވެ އެވެ.

ލުތުފީ ގެނައުމަށްޓަކައި ލަންކާގެ ކަމާބެހޭ ފަރާތްތަކުގައި އެދިފައިވާ ކަންކަމަށް އަވަސް ފިޔަވަޅެއް އަޅައިދިނުމަށް އެ ގައުމުގެ ޕޮލިސް ފޯސްގެ އެކްޓިން އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ސީޑީ ވިކްރަމަތުނަ އާއި ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑެޕިއުޓީ އިންސްޕެކްޓާ ޖެނެރަލް ރަވީ ސެނަވިރަތުނަ އަށް ފޯނުން އަދި ސިޓީން އެކި ފަހަރުމަތިން މުއާމަލާތް ކޮށްފައިވާ ކަމަށާއި ލުތުފީގެ ކައިރީގައި ދިވެހި ފުލުހުންގެ ޓީމެއް އެ ގައުމުގައި ހަރަކާތްތެރިވަމުން އަންނަކަން ބަޔާނުގައި ފާހަގަކުރި އެވެ.

ލުތުފީ، ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް މިދިޔަ މޭ މަހުގެ 1 ގައި ގޮސް އޭނާ އެމްބަސީގެ ބެލުމުގެ ދަށަށް އަމިއްލަ އަށް ދިޔަ ކަމަށް ދިވެހި ފުލުހުން ހާމަކުރީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެކަން ފަޅާ އަރުވާލުމާ އެކު ސަރުކާރަށް އައި ފިއްތުންތަކުގެ ތެރޭގަ އެވެ. އަދި ލުތުފީ 48 ގަޑިއިރުގެ ތެރޭގައި ރާއްޖެ ގެނެވޭތޯ މަސައްކަތް ކުރާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިދިޔަ އަންގާރަ ދުވަހު މީޑިއާގައި ވިދާޅުވި ނަމަވެސް އެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހުގެ ރެއާ ހަމަވި އިރު ވެސް އެކަމެއް ނުވި އެވެ.