ލުތުފީ ގެންނަން ކުރާ މަސައްކަތް ސާފުކޮށް ކިޔައިދޭންޖެހޭ: ހަސަން ލަތީފް

ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ޖަލު ހުކުމަށް ފިލައިގެން އުޅުނު ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެންނަން ފުލުހުން ކުރާ މަސައްކަތެއް އޮތިއްޔާ އެ ކަމެއް ރައްޔިތުންނަށް ސާފުކޮށް ކިޔައިދޭން ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ގޮވާލައްވައިފި އެވެ.


ނޮވެމްބަރު 3، 1988 ގައި ރާއްޖޭގެ ވެރިކަން ވައްޓާލަން ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއްގެ ބަޔަކާ އެކު ރާއްޖެ އަރައި އުދުވާނީ ހަމަލާ ދިނުމުގެ މޭސްތިރި ލުތުފީ ވަނީ ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ ތެރެއަށް ވަދެ، ފުލުހުންގެ ބެލުމުގެ ދަށަށް އަމިއްލަ އަށް ގޮސްފަ އެވެ. މިދިޔަ މަހުގެ އެކެއްގައި އޭނާ އަމާން ދިން ނަމަވެސް ސަރުކާރުގެ އިދާރާތަކުން އެކަން އާއްމެއް ނުކުރެ އެވެ. އެކަން ފަޅާއަރުވާލީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

ލުތުފީ އެމްބަސީގައި ހުރި ކަން ފަޅާއަރުވާލުމާ އެކު ސަރުކާރަށް ފާޑުކިއުން ބޮޑުވުމުން އޭނާ 48 ގަޑިއިރުގެ ތެރޭގައި ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިދިޔަ އަންގާރަ ދުވަހު ބުންޏެވެ. އެކަމަކު އެ މުއްދަތުގައި ނުގެނެވުނީ ގާނޫނީ ލިޔެކިޔުންތައް ފުރިހަމަ ނުވެގެން ކަމަށް ފުލުހުން ފަހުން ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ޓެގު ކުރައްވައި ކުރެއްވި ޓުވީޓެއްގައި ހަސަން ލަތީފް ވިދާޅުވީ، ކަންކަން ވަންހަނާ ކުރުމަކީ މި ސަރުކާރުގެ ސިފައެއް ނޫން ކަމަށެވެ. ލުތުފީ ގެނައުމުގެ ކުރާ މަސައްކަތެއް އޮތިއްޔާ އެ ކަމެއް ރައްޔިތުންނަށް ހާމަކުރަން އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

ހަސަން ލަތީފް ކުރެއްވި ޓުވީޓް.

ފުލުހުންނާއި ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ލުތުފީ ގެނައުން ލަސްވަނީ ބައިނަލްއަގްވާމީ އިޖުރާއަތުތައް ފުރިހަމަކުރުމުގައި ދަތިތަކެއް ކުރިމަތިވަމުންނެވެ. އެއީ އޭނާ ހޯދަން އިންޓަޕޮލް އިން އިއުލާންކޮށްފައި ވުމާއި ސައްހަ ވިސާއަކާ ނުލައި ލަންކާގައި ދިރިއުޅުމުގެ އިތުރުން އދ. އިން ހިޔާމަތް ހޯދަން މަސައްކަތްކޮށްފައި ވާތީ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ލުތުފީ ފުލުހުންގެ ބެލުމުގެ ދަށަށް ދިޔައީ، ލަންކާގައި އިތުރުން ލަންކާގައި ބޮމުގެ ހަމަލާތަކެއް ދީ އެ ގައުމުގެ ހާލަތު ގޯސްވެފައި އޮތް ދަނޑިވަޅެއްގަ އެވެ. ބާޣީ ލުތުފީގެ ގޮތުގައި ރާއްޖެ އަށް މަޝްހޫރުވެފައިވާ ކުށްވެރިޔާ އަމާންދޭން މަޖުބޫރުވީ ލަންކާގައި އޭޕްރީލް މަހު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ސިފައިން ގެތަކަށް ވަދެ ހިންގި އޮޕަރޭޝަނުގައި އޭނާ އަތުލައިގެންފާނެ ކަމުގެ ބިރު އޮތުމުންނެވެ. އެހެންވެ އޭނާ ސަލާމަތްކަން ހޯދީ އެމްބަސީ ތެރެ އަށް ވަދެގެންނެވެ.

ސްރީ ލަންކާ އިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.