ބާ ކައުންސިލާ މެދު ޔަގީންކަން އެބަ އޮތް: ރައީސް

ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެއްދި ބާ ކައުންސިލުން ގާނޫނީ ދާއިރާގެ ކުރިއެރުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.


ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ބާ ކައުންސިިލް އުފެއްދުމަށް މިއަދު ބޭއްވި އިންތިޚާބުގައި އެ ކައުންސިލްގެ ރައީސްގެ މަގާމަށް އިންތިޚާބުވެ ވަޑައިގެންނެވި މައުމޫން ހަމީދަށާއި އެ ކައުންސިލަށް އިންތިޚާބުވި އެހެން ބޭފުޅުންނަށް މަރުހަބާ ދަންނަވައި ރައީސް ވަނީ ޓްވީޓް ކުރައްވައިފަ އެވެ.

މަރުހަބާ ވިދާޅުވެ ރައީސް ކުރެއްވި ޓްވީޓް--

ބާ ކައުންސިލްގެ ފުރަތަމަ ރައީސްކަން މައުމޫނަށް ލިބިވަޑައިގަތީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާ ވާދަކުރައްވަ އެވެ.

ނައިބު ރައީސްގެ މަގާމަށް އިންތިހާބުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ. އޭނާއާ ވާދަކުރެއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.

ރައީސާއި ނައިބު ރައީސް އަދި ބަންޑާރަ ނައިބުގެ އިތުރުން އެގްޒެކަޓިވް ކޮމިޓީގައި ތިއްބަވާނެ ހަ ބޭފުޅަކު ވެސް މިއަދު ވަނީ އިންތިހާބުކޮށްފަ އެވެ.

ބާ ކައުންސިލްގެ އެގްޒެކަޓިވް ކޮމިޓީގެ މެންބަރުންގެ ދައުރަކީ ތިން އަހަރެވެ. އަދި ދެ ދައުރަށް ވުރެ ގިނައިން އެ ކޮމިޓީގައި ނުހިމެނޭނެ އެވެ. އަދި ރައީސް ކަމަށް އިންތިހާބުކުރާ މީހަކަށް އެ މަގާމު އަދާކުރެވޭނީ އެއް ދައުރަށެވެ. ބާ ކައުންސިލް ހިންގަން ދައުލަތުން ބަޖެޓް ދިން ނަމަވެސް އެ ކައުންސިލްގެ އެގްޒެކަޓިވް ކޮމިޓީގެ މެންބަރުންނަށް އެއްވެސް މުސާރައެއް އަދި މާލީ އިނާޔަތެއް ވެސް ނުލިބޭނެ އެވެ.