ސައުދީ ޔުނިވާސިޓީއެއްގެ ސްކޮލަޝިޕްތަކަކަށް ހުޅުވާލައިފި

ސައުދީ އަރަބިއްޔާގެ ޔުނިވާސިޓީއަކުން ދިން ސްކޮލަޝިޕްތަކަކަށް ކުރިމަތިލާން ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް އިން މިއަދު ހުޅުވާލައިފި އެވެ.


ފެކަލްޓީގެ ޑީން އަލީ ޒާހިރު ވިދާޅުވީ ސައޫދީގެ އަލްއަމީރު ސައްޠާމް ބިން އަބްދުލް އަޒީޒް ޔުނިވާސިޓީން ޑިގްރީ އަށް ކިޔަވަން، ހުރިހާ ޚަރަދެއް ކޮށްދޭ މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ.

ސެޓްފިކެޓުތަކާއި ޕާސްޕޯޓު ކޮޕީ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށްފަހު ހުށަހަޅަންޖެހޭނީ ލޯ އެންޑް އިސްލާމިކް ސްޓަޑީޒް ފެކަަލްޓީއަށެވެ. ސެޓްފިކެޓުތައް އެޓެސްޓު ކުރުމުގައި ފެކަލްޓީން އެހީތެރިކަން ދޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްކޮލަޝިޕުން ކިޔެވޭނީ މައިގަނޑު ފަސް ދާއިރާއަކުން ކަމަށެވެ. އެއީ އިންޖީނިއަރިން، ކޮމްޕިއުޓިން، ސައިންސް، މެނޭޖްމަންޓް އަދި އެޑިއުކޭޝަނެވެ. އެ ފުރުސަތަށް އެދުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 24 އަހަރަށް ވުރެ ދޮށީ ނުވުމާއި އޭލެވެލް ސެޓްފިކެޓް ނުވަތަ ޝަހާދާ ސާނަވިއްޔާ ހާސިލްކޮށްފައިވުމާއި އެކަށީގެންވާ ސިއްހަތެއްގައި ހުރުން ހިމެނެ އެވެ.

އަލީ ޒާހިރު ވިދާޅުވި ގޮތުގައި، ސްކޮލަޝިޕް ދޭނެ އަދަދެއް އަދި އެ ޔުނިވާސިޓީއަކުން ނާންގަ އެވެ.

"އެ ޔުނިވާސިޓީގެ އެކަންތަކާ ބެހޭ ޑީން މިކޮޅަށް ވަޑައިގެން، ދެ ފަރާތުން ގުޅިގެން އިންޓަވިއުކުރަން ހަމަޖައްސާފައިވަނީ. އެއަށްފަހު ދަރިވަރުން ހޮވާނީ،" އަލީ ޒާހިރު ވިދާޅުވި އެވެ.

ކޯސްތަކަށް ހޮވޭ ކޮންމެ ދަރިވަރަކުު ވެސް ފުރަތަމަ އަހަރުގައި އަރަބި ބަސް ކިޔަވާނެ އެވެ. އެހެންވެ ކޯހަށް އެދޭ އިރު އަރަބި ބަސް އެނގުމަކީ ޝަރުތެއް ނޫނެވެ.