ޕީޖީ ބިޝާމް ޖުޑީޝަރީ ކޮމެޓީ އަށް ހާޒިރުކުރަނީ

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް އަންނަ ހޯމަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ އަށް ހާޒިރުވާން އަންގައިފި އެވެ.


އެ ކޮމެޓީގެ ނައިބު މުގައްރިރް، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު މިރޭ ވިދާޅުވީ ތައާރަފްވުމުގެ ބައްދަލުވުމަކާ އެކު އެކި މައްސަލަތަކާ ގުޅޭގޮތުން ސުވާލުކުރަން އަންނަ ހަފުތާގެ ހޯމަ ދުވަހު މަޖިލީހަށް ހާޒިރުވާން ބިޝާމަށް އަންގާފައިވާ ކަމަށެވެ.

މީގެ ކުރިން އޭނާ ހާޒިރުވާން އަންގާފައި އޮތީ މި ހަފުތާގެ ތެރޭގަ އެވެ. ނަމަވެސް ރަސްމީ ދަތުރެއްގައި މިއަދު ދުބާއީ އަށް ވަޑައިގަތުމުން މަޖިލީހަށް ހާޒިރުކުރުވުން ފަސްކުރީ އެވެ.

ސިރާޖު ވިދާޅުވީ ރަސްމީ ދަތުރެއްގައި މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވާކަން ބިޝާމް އިއްޔެ އަންގަވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި ބިޝާމް ހާޒިރުކޮށް ޓެރަރިޒަމްގެ ގާނޫނާ ހިލާފަށް އެހާ ގިނަ ބަޔަކަށް ދައުވާކުރި ސަބަބާއި ޕްރޮސެކިއުޓްރަލް ގައިޑްލައިނާ އެއްގޮތަށް އަމަލުނުކުރާ ސަބަބާއި ވާނުވާގައި ތިބޭ މީހުން އެހާ ގިނަ ދުވަހެއް ވަންދެން ބަންދުގައި ތިބެނީ ކީއްވެގެންތޯ އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ހަރުގަނޑުގެ މައްސަލަ ނެގީ ކީއްވެގެންތޯ ސުވާލުކުރާނެ ކަމަށެވެ.

ބިޝާމް ހާޒިރުވާން އެންގިއިރު، އޭނާއާ ގުޅޭ ކަންބޮޑުވުންތަކަކާ އެކު އެ އޮފީހުގެ ފިރިހެން ވަކީލުންތަކެއް ވަނީ ޖުޑީޝަރީ ކޮމެޓީއަށް ސިޓީއެއް ފޮނުވައިފަ އެވެ. މިދިޔަ މަހުގެ 13 ވަނަ ދުވަހު ފޮނުވި ސިޓީގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލަކަށް ކުރިން ހުންނެވި އައިޝަތު ފަޒްނާ އަހުމަދުގެ ޖިންސީ ފުރައްސާރައިގެ މައްސަލަ އަށް ފިޔަވަޅެއް އަޅާފައިނުވުމުގެ ކަންބޮޑުވުންތަކެވެ.

ސިރާޖު ވިދާޅުވީ ޕީޖީ އޮފީހުގެ ފިރިހެން ވަކީލުންތަކެއް ކަންބޮޑުވުން ފާޅުކޮށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެ ސިޓީ ދިރާސާކުރުން އަދި ނުނިމޭތީ އެކަމާ ގުޅޭގޮތުން އަދި ވަކިގޮތެއް ނުނިންމާ ކަމަށް ވިދާޅުވި އެވެ.