ހިތަދޫ ހޮސްޕިޓަލްގެ ހުރިހާ ވޯޑުތައް އޭސީކޮށް، ޚާއްސަ ބަލިތަކުގެ ޑޮކްޓަރުން ހަމަކޮށްފި

ހޫނުގަދަވުމުގެ ސަބަބުން އެތައް ބައެއްގެ ޝަކުވާ އިތުރުވެފައިވަނިކޮށް، އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ހުރިހާ ވޯޑުތައް އޭސީކޮށް މިހާތަނަށް ނުލިބިވާ ޑޮކްޓަރުން ހަމަކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.


ހިތަދޫ ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު ވަހީދު "މިހާރު" އަށް ދެއްވި އިންޓަވިއުއެެއްގައި ވިދާޅުވީ، މެޓާނިޓީ ވޯޑު ފިޔަވައި އެހެން ހުރިހާ ވޯޑެއްގައި މިހާރު އޭސީ ބޭނުންކުރަމުން އަންނަ ކަމަށެވެ. މެޓާނިޓީ ވޯޑުގައި އޭސީ ހަރުކޮށްފައިވީ ނަމަވެސް މިހާތަނަށް އެ ބޭނުންކުރަން ނުފެށި ވަނީ ވަހީދު ވިދާޅުވި ގޮތުގައި، ކެޕޭސިޓީ އަށް ވުރެ އިތުރަށް ކަރަންޓު ބޭނުންކުރަން ޖެހި، މައްސަލަތަކެއް ކުރިމަތިވެދާނެތީ ކަމަށެވެ.

ޑިރެކްޓަރު ޝާހް ސައީދު ވިދާޅުވީ، ހިތަދޫ ހޮސްޕިޓަލް ހަދާފައި ވަނީ އޭސީ ކުރާ ގޮތަކަށް ނޫން ކަމަށް ވެފައި، އޭސީ ހަރުކުރަން ފެށުމުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރު ވުމުގެ މައްސަލަތަކެއް ދިމާވެދާނެތީ ސަމާލުވާންޖެހޭ ކަމަށެވެ.

"މިހާރު މި ހޮސްޕިޓަލްގެ 90 ޕަސެންޓު ވާނީ އޭސީކޮށްފައި،" ޝާހް ވިދޅުވި އެވެ.

ހޮސްޕިޓަލަށް އޭސީ ދީފައި ވަނީ ހެލްތު މިނިސްޓްރީ އާއި އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ފަރާތުންނެވެ.

ހިތަދޫ ހޮސްޕިޓަލަށް ޚިދުމަތް ހޯދަން ގޮސްފައި ތިބި ބަޔަކު މިއަދު ބުނީ، އެތަނުގެ ބޮޑު ބައެއް އޭސީ ކުރުމަކީ މި ވަގުތަށް ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ. މީގެ ކުރިން ހޮސްޕިޓަލްތެރޭގައި ހޫނުގަދަ ވުމުގެ ސަބަބުން އަންނަ ރުޅީގެ ސަބަބުން ވެސް އިތުރަށް ސްޓްރެސް ވާ ކަމަށް އޭނާ ބުންޏެވެ.

"ވޯޑުގައި ފަންކާ ހުއްޓަސް އެއިން ވާ ކަމެއް ނޯވޭ. ފިންޏެއް ނުވޭ. ފަންކާ ހުރެދާނެ ހަލާކުވެފައި ދުވަސްތަކެއް ވެފައި. ވޯޑެކޭ އަވަނެކޭ ތަފާތެއް ނުހުރޭ. އެކަމަކު އޭސީ ހަރުކުރިޔަސް އަދި އެ ހިސާބުން ނުނިމޭ. މި ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކިޔަސް މާލެ ނުގޮސް ފަރުޖެއްސޭކަށް ނެތް. އޮޕަރޭޝަނެއް ވެއްޖިއްޔާ ހަމަ މާލެ ދާން ޖެހެނީ،" ޑޮކްޓަރުގެ ކިއު ނަމްބަރުގެ އިންތިޒާރުގައި ހުރި އެ މީހާ ބުންޏެވެ.

ހިތަދޫ ހޮސްޕިޓަލްގެ އިމާރާތުގެ ބޮޑު ބައެއް މިހާރު އޭސީކޮށްފައި ވާއިރު، އެތަން ހޫނުވުމާއި އަދި އެކަން ހައްލު ކުރުމަށްޓަކައި ހަރުކުރި ފަންކާތަކުން އެކަށީގެންވާ މިންވަރަށް ފިނި ނުވާ މައްސަލާގައި އެތައް ބަޔަކު ރުޅިގަދަވެ، ކަމާ ބެހޭ ފަރާތްތަކަށް އެތައް ފަހަރަކު މީގެ ކުރިން ވަނީ ޝަކުވާ ކޮށްފަ އެވެ.

މިހާރު ހެނދުނާއި މެންދުރު ވެސް ރޭޑިއޮލޮޖިސްޓެއް ހުންނާނެ. ކުޑަކުދިންގެ ޑޮކްޓަރެއް ނެތިގެން ވެސް މީގެ ކުރިން ޝަކުވާ އިތުރުވި. މިހާރު އެ މަގާމަށް ޑޮކްޓަރުން އިތުރުކޮށް ތިނެއް ވާނީ ހަމަކޮށްފައި. ކަށީގެ ޑޮކްޓަރު ވެސް ވަނީ ރިޕްލޭސް ކޮށްފައި. މި ތިން ސްޕެޝަލައިޒްޑް އޭރިއާގެ ޑޮކްޓަރުން އެއްފަހަރާ ދިޔައީމާ ކުރިން އެ ޝަކުވާ ބޮޑުވީ،" ޝާހް

ޝާހް ވިދާޅުވި ގޮތުގައި، ހޮސްޕިޓަލްގެ އިމާރާތުގައި ކުދިކުދި މަރާމާތު ކުރި ނަމަވެސް ފުރާޅުން ފެން ބައިބާ މައްސަލަ އަށް އަދިވެސް ދާއިމީ ހައްލެއް ނުލިބެ އެވެ. ހިތަދޫ ހޮސްޕިޓަލް ތަފާތު އިމާރާތްތަކަކުން ގުޅުވާލާފައިވާއިރު، ބޮޑަށް ފެން ފައިބަނީ އޭނާ ވިދާޅުވި ގޮތުގައި އެއް ފުރާޅު އަނެއް ފުރާޅާ ގުޅުވައި ހަރުކޮށްފައިވާ ދިޔަދޮވިތަކުންނެވެ.

"ބަލި މީހުން ތިބޭ އޭރިއާތަކަކަށް އެކަމަކު ފެން ނުފައިބާނެ. ހޮސްޕިޓަލްގެ ތެރޭގައި މީހުން ހިނގާ ގޯޅިތަކަށް ފެން ފައިބާނީ،" ހެލްތު މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ވަހީދު ވިދާޅުވި އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި ވަހީދާއި ޑިރެކްޓަރު ޝާހް މިއަދު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: މިހާރު

އޭނާ ވިދާޅުވީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ކަނޑައަޅާފައިވާ ޚާއްސަ ޑޮކްޓަރުންގެ ޓީމު މިހާރު ހަމަވެފައިވާ ކަމަށެވެ. ޚާއްސަކޮށް ރޭޑިއޮލޮޖިސްޓަކު ނެތިގެން އެތައް ބައެއްގެ ޝަކުވާ މީގެ ކުރިން އައިސްފައިވާއިރު، އޭގެ ބަދަލުގައި ދެ ރޭޑިއޮލޮޖިސްޓުން ގެނެސްފައިވާ ކަަމަށް ޝާހް ވިދާޅުވި އެވެ.

"އެއީ ވަރަށް ބޮޑު ކުރިއެރުމެއް. މިހާރު ހެނދުނާއި މެންދުރު ވެސް ރޭޑިއޮލޮޖިސްޓެއް ހުންނާނެ. ކުޑަކުދިންގެ ޑޮކްޓަރެއް ނެތިގެން ވެސް މީގެ ކުރިން ޝަކުވާ އިތުރުވި. މިހާރު އެ މަގާމަށް ޑޮކްޓަރުން އިތުރުކޮށް ތިނެއް ވާނީ ހަމަކޮށްފައި. ކަށީގެ ޑޮކްޓަރު ވެސް ވަނީ ރިޕްލޭސް ކޮށްފައި. މި ތިން ސްޕެޝަލައިޒްޑް އޭރިއާގެ ޑޮކްޓަރުން އެއްފަހަރާ ދިޔައީމާ ކުރިން އެ ޝަކުވާ ބޮޑުވީ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ހިތަދޫ ހޮސްޕިޓަލްގައި ވަނީ އެކްސްރޭ ނެގުމުގެ ޚިދުމަޔް ވެސް 24 ގަޑިއިރަށް ބަދަލުކޮށްފަ އެވެ.

ހިތަދޫ ހޮސްޕިޓަލްގެ ވޯޑެއް: ވޯޑުތައް މިހާރު ވަނީ އޭސީ ކޮށްފައި.---ފޮޓޯ: މިހާރު

ހިތަދޫ ހޮސްޕިޓަލަށް ބޭނުންވާ ހާއްސަ ޑޮކްޓަރުން މިހާރު ހަމަވެފައިވީ ނަމަވެސް މެޑިކަލް އޮފިސަރުން މަދުވުމުގެ މައްސަލަ އަދި ހައްލެއް ނުވެ އެވެ. ޖުމުލަ 12 މެޑިކަލް އޮފިސަރުން ބޭނުންވެ އެވެ.

"މެޑިކަލް އޮފިސަރުން މަދުވުމުގެ އިހުސާސް ބައެއް މީހުންނަށް މިވަގުތު ކުރެވޭނެ. އިމަޖެންސީގައި ޚިދުމަތް ލަސްވެދާނެ. އެކަމަކު މެޑިކަލް އޮފިސަރުން ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ،" ޝާހް ވިދާޅުވި އެވެ.

"ސްޕެޝަލިސްޓުން ހަމަވިޔަސް އަދި ހައްލެއް ނާންނާނެ. ރައްޔިތުން ބޭނުންވާ ފެންވަރަށް ޚިދުމަތް ދެވޭނީ ގިނަ ސާޖަރީތައް ހެދޭ ގޮތް ވެގެން. އެކަން ހައްލުވުމާ ގުޅިފައި ވަނީ ޓާޝަރީ ހޮސްޕިޓަލާ،"

އައްޑޫ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ގާއިމްކުރަމުން އަންނަ 100 އެނދުގެ އާ ހޮސްޕިޓަލްގެ މަސައްކަތުގެ އެންމެ ފަހުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދާއިރު، ވަރަށް އަވަހަށް އެ ތަން ބޭނުން ކުރަން ފެށޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.