އައްޑޫގައި މިހާރު ހިންގަމުން އަންނަ ޓާޝަރީ ހޮސްޕިޓަލް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އެންޑޮސްކޮޕީގެ ހިދުމަތް ދޭން ފަށައިފި އެވެ.
އެކަމާ ގުޅޭ ޓްރޭނިން ޕްރޮގްރާމްތަކެއް ވެސް ހިންގުމަށް ފަހު، ހިދުމަތް ދޭން ފެށިކަން ހޮސްޕިޓަލުން އިއުލާންކުރީ މިއަދު އެވެ. އޭއީއެޗުން ބުނި ގޮތުގައި އައްޑޫގައި އެންޑޮސްކޮޕީގެ ހިދުމަތް ދޭން ފެށުމުން ވެރިރަށް މާލެ ފިޔަވައި ރާއްޖޭގައި އެ ހިދުމަތް ލިބޭ ފުރަތަމަ ތަނަކަށް އޭއީއެޗް ވާނެ އެވެ.
އެންޑޮސްކޮޕީ އަކީ ހަށިގަނޑުގެ އެތެރޭގެ ތަހުލީލުތަކަށް ވަކި ހާއްސަ އާލާތެއް ބޭނުންކޮށްގެން ހަދާ ޕްރޮސީޖާއެކެވެ.
އައްޑޫގައި ކުރިން ހިންގި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ ބަދަލުގައި ތަރައްގީކޮށް، ވަރަށް ގިނަ އާ ހިދުމަތްތަކަކާ އެކު 100 އެނދުގެ ހޮސްޕިޓަލެއްގެ ގޮތުގައި އޭއީއެޗުން ހިދުމަތް ދޭން ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ 15 ގަ އެވެ.
އޭއީއެޗުން މިހާރު އައްޑު އާއި ދެކުނުގެ އެހެން އަތޮޅުތަކުގެ އިތުރުން ރާއްޖޭގެ އެހެން ހިސާބުތަކުން ވެސް މީހުން ހިދުމަތް ހޯދަ އެވެ.