ސައިންސް ފެއާތަކަށް ސަރުކާރުން މާލީ އެހީ ދޭން މަސައްކަތްކުރާނަން: މަލީހް

ސްކޫލުތަކުން ބާއްވާ ސައިންސް ފެއާތަކާއި ސައިންސާ ގުޅޭ ހަރަކާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް، ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.


ހިރިޔާ ސްކޫލަށް 10 އަހަރު ފުރުން ފާހަގަކުރުމަށް އެ ސްކޫލުގައި ބޭއްވި ސައިންސް ފެއާ އިފްތިތާހުކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ ގައުމީ ސައިންސް ފައުންޑޭޝަނެއް އުފައްދަވައި، އެ ފައުންޑޭޝަނުގެ ދަށުން ސްކޫލުތަކަށް އެހީ ދިނުމަށް ގަސްތުކުރައްވާ ކަމަށެވެ. މިގޮތަށް މާލީ އެހީތެރިކަން ދޭނީ ސައިންސާ ގުޅޭ ދިރާސާތައް ހެދުމަށާއި ތައުލީމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި [ފައުންޑޭޝަނުގެ] މަގްސަދަކަށް ވާނީ ސައިންސްގެ ދާއިރާ ކުރިއަރުވައި، އެ ދާއިރާއިން ރިސާޗުތައް ހެދުމާއި ސައިންސާއި އިންޖިނިއަރިންގެ ތައުލީމު ފުޅާ ކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.

ހިރިޔާ ސްކޫލުގެ ސައިންސް ފެއާގައި ދަރިވަރުން ތައްޔާރުކޮށްފައިވާ ބައެއް އުފެއްދުންތައް މިނިސްޓަރު ބައްލަވާލައްވަނީ

އެކަމަކު އެ ފައުންޑޭޝަން އުފައްދާނެ ވަކި ދުވަހެއް ވިދާޅެއް ނުވެ އެވެ.

މަލީހް ވިދާޅުވީ ސްކޫލުތަކުން ބާއްވާ މި ފަދަ ސައިންސް ފެއާތަކަކީ، ސައިންސާއި ޓެކްނޮލޮޖީ (ސްޓެމް) ހިމެނޭ ތައުލީމު އުނގެނުމަށް ކުރެވޭ އެންމެ ރަނގަޅު ތަޖުރިބާ ކަމަށެވެ. އަދި އެހެން ދާއިރާތަކާ ހިލާފަށް، އެ ފެއާތަކަކީ ދަރިވަރުން މުސްތަގްބަލަށް ތައްޔާރު ވުމަށް ލިބޭ ރަނގަޅު ޕްލެޓްފޯމެއް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ތަރައްގީގެ ހިތަކީ ސައިންސާއި ޓެކްނޮލޮޖީކަން، ކުރިއަރާފައިވާ ގައުމުތަކުން ވަނީ ސާބިތުކޮށްދީފަ އެވެ. އަދި ގައުމު ކުރިއެރުވުމަށް، ސައިންސް މުހިއްމު ރޯލެއް ކުޅޭކަން ފާހަަގަކުރެއްވި އެވެ.

އާއްމު ދިރިއުޅުމުގެ ކަންކަމަށް ހޯދާ ސައިންޓިފިކް ހައްލުގެ ނަމުގައި ބޭއްވި އެ ފެއާގައި ގިނަ ދަރިވަރުންތަކެއް، ތަފާތު އީޖާދުތަކެއް ދައްކާލި އެވެ.