ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނަށް ނަސޭހަތްތެރިވުމަށް ތަހުގީގު ކޮމެޓީން ހުށަހަޅައިފި

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ މައްސަލަ ބެލި ކޮމެޓީން، އެ ބޭފުޅުންނަށް ނަސޭހަތް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.


އެ ކޮމިޝަނުން ބުނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅި މައްސަލަ ތަހުގީގުކުރި ކޮމެޓީގެ ރިޕޯޓު ބަލައިގަންނަން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. އެއާއެކު ތަހުގީގު ކުރުމަށްފަހު ހުށަހެޅި ރިޕޯޓުގައި ހުށަހަޅާފައި ވަނީ އުއްތަމަ ފަނޑިޔާރާއި ދެން ތިއްބެވި ދެ ފަނޑިޔާރުންނަށް ނަސޭހަތްދިނުމަށެވެ.

އެ ނިންމުމާ ގުޅިގެން ޖޭއެސްސީގެ ގާނޫނުގައި ބުނާ ފަދައިން، މާދަމާއިން ފެށިގެން ޖަވާބުދާރީވުމަށް 30 ދުވަހުގެ މުއްދަތެއް ދޭން ވެސް ވަނީ ނިންމައިފަ އެވެ.

ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ނުނިމި ދިގުދެމިގެންދާ މައްސަލައާ ގުޅިގެން ތައްޔާރުކުރި ރިޕޯޓު ބަލައިގަންނަން ކޮމިޝަނުން ނިންމާފައިވާއިރު އެކަމާ ގުޅޭ ރިޕޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި މަޖިލީހަށާއި ކޯޓުތަކަށް ހިއްސާކުރަން ނިންމާފައި ވެ އެވެ.

އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނާ ގުޅޭ ދެ މައްސަލައެއް ބަލަމުންދާ ކަމަށް ޖޭއެސްސީން ބުނީ މި މަހުގެ 10 ވަނަ ދުވަހެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް ނުދެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އަބްދުﷲ ދީދީގެ މައްޗަށް ކޮރަޕްޝަނުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވި ފުލުހުން މައްސަލަ ބަލަން ފެށުމާ އެކު ވަނީ ސަސްޕެންޑްކޮށްފަ އެވެ. ޖޭއެސްސީގެ ތަހުގީގު ކޮމިޓީން މިހާރު ވަނީ އަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިކުރަން ކޮމިޝަނަށް ހުށަހަޅަން ނިންމައިފަ އެވެ.