މީރާގެ ބޯޑާއި ހިންގުމަށް ބަދަލުތަކެއް ގެންނަން ސަރުކާރުން އިސްލާހުތަކެއް ހުށަހަޅަނީ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑަށް ބައެއް ބަދަލުތައް ގެނައުމަށާއި ޓެކްސްއާ ބެހޭ ބައެއް ކަންކަމަށް ބަދަލު ގެންނަން ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހުތަކެއް ގެނައުމުގެ ބިލެއް ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލައި، ރައީސް އޮފީހަށް ފޮނުވައިފި އެވެ.


ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު އިސްލާހު ކުރުމުގެ ބޭނުމަކީ މީރާ ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނަރު ޖަވާބުދާރީ ކުރުވޭ ގޮތް ހެދުމުގެ އިތުރުން ޓެކުހާ ގުޅޭ ބައެއް ކަންކަމުގައި ލުއިތަކެއް ދިނުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި މިހާރު ރައީސް އޮފީހަށް ފޮޮނުވާފައިވާ އެ ބިލުގައި، މީރާގެ ބޯޑުގައި ފިނޭންސް މިނިސްޓްރީ ތަމްސީލު ކުރެވޭ ގޮތަށް ހަމަޖެއްސުމާ އެކު އެ ބޯޑު އެކުލެވޭ ގޮތް ބަދަލު ކުރުން ހިމަނާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ކޮމިޝަނާ އާއި ޑެޕިއުޓީ ކޮމިޝަނާގެ މަގާމުގެ މުއްދަތެއް މިހާރު ކަނޑައެޅިފައި ނެތުމުން އެ ދެ މަގާމުގެ މުއްދަތެއް ކަނޑައެޅުމާއި އެ ދެ މަގާމުގައި ތިއްބަވާ ބޭފުޅުންގެ މުދަލާއި ފައިސާގެ ބަޔާން އޮޑިޓާ ޖެނެރަލަށް ހުށަހަޅަންޖެހޭ ގޮތަށް ވެސް އެ ބިލުގައި ހިމަނާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ޓެކްސްގެ މައްސަލަތަކުގައި މީރާއިން ނިންމާ ނިންމުން އިސްތިއުނާފް ކުރުމުން ވަކި މުއްދަތެއްގެ ތެރޭގައި މައްސަލަ ނިންމަންޖެހޭ ގޮތަށް ހެދުމާއި އިސްތިއުނާފް ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަމަށް ގާނޫނުގައި ބުނާ ބައެއް ކަންކަމަށް ލުއިތަކެއް ދިނުން ވެސް ހިމެނޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ޓެކްސާ ގުޅޭ ރޫލިންތައް ނެރުމާ ގުޅޭ އުސޫލުތަކަށް ވެސް ބަދަލުތައް ގެންނަން އެ ބިލުގައި ހިމަނާފައިވާނެ އެވެ. ސަބަބަކީ މިހާރު އެފަދަ ރޫލިންތަކުގެ ސަބަބުން ގަވާއިދުތަކަށް އިސްލާހު ގެނެވޭއިރު، އާންމުންނަށް އޭގެ މައުލޫމާތު ނޭނގުމެވެ.