ހުޅުމާލެ ބީޗުގައި ހުރި ތަކެތި ނަގައި ތަން ހުސްކޮށްފި

ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ކެފޭ/ރެސްޓޯރަންޓުތައް ހިންގަން ބޭނުން ކުރި ގޮނޑި އާއި މޭޒު ފަދަ ތަކެތި ނަގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ތަން ރޭ ހުސްކޮށްފި އެވެ.


ހުޅުމާލޭގެ އިރުމަތީ ފަރާތު ގޮނޑުދޮށުގައި ފިތުރޯނު ގަހާއި މަގޫ ގަހާއި ރުށްތަކުން ނިވާވެފައި އޮއްވައި އެ ތަން ސާފުކޮށް މޭޒުތަކާއި ގޮނޑިތައް އަތުރާލައި، އެޗުޑީސީގެ ހުއްދައެއް ނެތި، ބައެއް ފަރާތްތަކުން ވިޔަފާރި ފެށީ، މީގެ ފަސް އަހަރު ކުރިންނެވެ.

ސިނަމާލެ ބްރިޖުން މާލެ އާއި ހުޅުމާލެ މިދިއަ އަހަރު ގުޅާމުން، މުޅި ބީޗު ސަރަހައްދު ކަހަލަ ގޮތަކަށް ބަދަލުވީ ކެފޭ/ރެސްޓޯރެންޓް ހިންގާ މީހުންގެ ތަނަކަށެވެ. އެކަމަކު އެ ސަރަހައްދު އެއްވެސް ބަޔަކަށް އެޗުޑީސީން ކުއްޔަށް ދީފައެއް ނުވެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ނަރުދަމާ އާއި ފެން ހޮޅި ވަޅުލަން ބީޗު ސަރަހައްދު ހުސްކުރާށާއި އޭގެ ފަހުން އުސޫލެއްގެ ދަށުން އެ ސަރަހައްދު އާންމުންނަށް ހުޅުވާލާނެ ކަމަށް ބުނެ ތަން ހުސްކުރަން އިއްޔެއާ ހަމައަށް ފުރުސަތު ދިނެވެ. އެ ފުރުސަތުގައި ނުނަގާ ހުރި ބައެއް ތަންތަން އެޗްޑީސީން ވަނީ ރޫޅާލައިފަ އެވެ.

ހުޅުމާލެ ބީޗު ސަރަހައްދުގައި ޓޭޕް ދަމާ ބަންދުކޮށްފައި.

ހުޅުމާލޭގެ ބީޗުގައި ހުރި ކެފޭ/ރެސްޓޯރަންޓުތަކުގެ ސާމާނުތައް ނަގަން އެޗްޑީސީން މީގެ ކުރިން ވެސް އެތައް ފަހަރަކު މުހުލަތެއް ދިނެވެ.

ބައެއް ޓެންޓާއި ދަގަނޑު ހޮޅި ފަދަ ތަކެތި ހަރުކޮށްފައި ހުރުމުން އެ އެއްޗެހި ނަގަން ޖެހުނީ އެޗްޑީސީގެ ބުލްޑޯޒަރު ފަދަ ވެހިކަލް ބޭނުންކޮށްގެންނެވެ. ބީޗު ސަރަހައްދު ސާފުކުރަން އެޗްޑީސީގެ ގިނަ މުވައްޒަފުންތަކެއް ބައިވެރިވި އެވެ.

ހުޅުމާލެ ބީޗުތަކުގައި ވިޔަފާރި ހިންގާ ބައެއް މީހުން "މިހާރު" އަށް މިއަދު ބުނީ ބީޗުގައި ބެހެއްޓި ގޮނޑި އާއި މޭޒު ފަދަ ބައެއް ތަކެތި ނެގީ އަމިއްލަ އަށް ކަމަށެވެ. އަދި ބީޗު ބޭނުން ނުކުރެވޭނެތީ ވިޔަފާރިވެރިންނަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް ވެސް އެމީހުން ބުންޏެވެ.

ހުޅުމާލެ ބީޗު ސަރަހައްދު ހުސް ކުރުމުގެ މަސައްކަތް އެޗްޑީސީން އިއްޔެ ކުރަނީ. -

"ބީޗު ބޭނުން ނުކުރެވޭ ގޮތަށް އޮތީމަ ގެއްލުން ވަރަށް ބޮޑު ވާނެ. އެއީ ހަމައެކަނި ބީޗުގައި ގޮނޑި އާއި މޭޒު ޖަހައިގެން ވިޔަފާރި ކުރާ ތަންތަން އެބަހުރި. އެމީހުންނަށް ލިބިފައި އިންނަނީ ކުޑަކުޑަ ތަންކޮޅެއް މިހާރު. އެ ތަންކޮޅުގައި ވިޔަފާރި ކުރަން ވަރަށް އުނދަގޫވާނެ،" ހުޅުމާލޭގެ ގޮނޑުދޮށް ކައިރީގައި އެންމެ ފުރަތަމަ ކެފޭއެއް ހިންގަން ފެށި ބީޗު ކްލަބްގެ ވެރިޔާ އަލީ ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބީޗުގައި ކެފޭ/ރެސްޓޯރަންޓުތައް ހިންގައިގެން ގިނަ ވިޔަފާރިވެރިން މަހެއްގެ މައްޗަށް 400،000ރ. ގެ އާމްދަނީއެއް ލިބެ އެވެ. ޖީއެސްޓީގެ ގޮތުގައި ސަރުކާރަށް ކޮންމެ މަހަކު ބައެއް ވިޔަފާރިތަކުން 30،000ރ. ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިވީ ގޮތުން ބައެއް ވިޔަފާރިތައް ހުއްޓާލަން ޖެހޭނީ،" ރިޔާޒް ވިދާޅުވި އެވެ.

ބީޗު ސަރަހައްދު ބޭނުން ނުކުރެވޭނެތީ ބައެއް ރެސްޓޯރަންޓްތަކުން މިހާރު ވަނީ ކައިރީގައި ހުރި އެހެން މީހުންގެ ހުސް ބިންތައް ކުއްޔަށް ނަގައިގެން މޭޒާއި ގޮނޑި ޖަހަން ފަށައިފަ އެވެ. އެކަމަކު ބީޗާ ޖެހިގެން އެގޮތަށް ހުސްކޮށް މިހާރު އޮތީ މަދު ބިންތަކެއް ކަމަށް ވާތީ ހުރިހާ ވިޔަފާރިވެރިންނަށް އެ ފުރުސަތެއް ނެތެވެ.

ހުޅުމާލެ ބީޗު ސަރަހައްދުގައި ހުރި ތަކެތި ހުސްކޮށްފައި. ---

އެޗުޑީސީން ބުނި ގޮތުގައި އެމްޑަބްލިއުއެސްސީ އިން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް އަޅަން ޖެހޭ ނަރުދަމާ އާއި ފެން ހޮޅި ވަޅުލުމުގެ މަޝްރޫއު ގާތްގަނޑަކަށް އަށް މަސް ދުވަހުގެ ތެރޭގައި ނިމޭނެ އެވެ.

އެޗްޑީސީން ބުނީ މި މަޝްރޫއު ނިމުމުން ހުޅުމާލެ ބީޗު ސަރަހައްދު އާ އުސޫލެއްގެ ދަށުން ހުޅުވާލާނެ ކަމަށާއި އޭގެ އުސޫލުތައް އާންމުކޮށް ހިއްސާކުރާނެ ކަމަށެވެ.

ހުޅުމާލޭގައި ހުރި ކެފޭ/ރެސްޓޯރަންޓުތައް ރޭ ރޫޅާލަނީ.