ރާއްޖޭގެ ގާނޫނު ނުހިނގާ ސަރަހައްދަކުން އަދީބު ހައްޔަރުކުރުމުން ކޯޓުން ބަންދު އަމުރެއް ނުދިން

ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގެއްގައި ރާއްޖެ އިން ފިއްލެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހައްޔަރުކޮށް މިރޭ މާލެ ގެނައުމަށް ފަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.


އަދީބު ހައްޔަރުކުރަން ކޯޓުން އަމުރު ހިފައިގެން ދިޔަ ފުލުހުން އޭނާ ހައްޔަރުކުރީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ. ރާއްޖޭގެ ގާނޫނީ ބާރު ހިނގާނީ ރާއްޖޭގެ ސަރަހައްދުގައި ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވެ އެވެ.

އަދީބުގެ މައްޗަށް ތުހުމަތުކުރީ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ރާއްޖޭން ބޭރަށް ދިއުމާއި ޖިނާއީ މައްސަލައެއްގައި ކުށަށް އިއުތިރާފުވެ، ކޯޓަށް ހާޒިރުވެ ހެކި ބަސް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހު ފިލި ކަމަށް ބުނެ އެވެ.

އަދީބު ހައްޔަރުކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ކަމަށް ވެފައި، އެ ހިސާބުގައި ރާއްޖޭގެ ގާނޫނާއި ގަވައިދުތައް ނުހިނގާނެކަން ގާޒީ ފާހަގަކުރެއްވި އެވެ. ޝަރީއަތުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ ވަކީލާއި ފުލުހުން ވެސް ވަނީ އަދީބު ހައްޔަރުކުރީ ރާއްޖޭ ސަރަހައްދުން ބޭރުން ކަމަށް އެއްބަސްވެފަ އެވެ. އަދި އަދީބު ހައްޔަރުކުރި އިރު ހުރީ އިންޑިއާ ދިދަ ޖެހި އުޅަނދެއްގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގާޒީ ވިދާޅުވީ އަދީބު ހައްޔަރުކުރީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ކަމަށް ފުލުހުންނާއި ޕީޖީން އެއްބަސް ވާއިރު، އެ ހާލަތުގައި އެ އުޅަނދަކަށް، ބައިނަލްއަގުވާމީ ކަނޑުތަކުގެ ގާނޫނުގެ ދަށުން ހިނގާނީ އެ އުޅަނދެއްގައި ނަގާފައި ހުރި ދިދަ ނިސްބަތްވާ ގައުމެއްގެ ގާނޫނުތައް ކަމަށެވެ. އެހެންވެ، ހައްޔަރުކުރުން ގާނޫނާ ހިލާފް ކަމަށް ފުލުހުންނާއި ޕީޖީގެ ބަހުން އެނގޭއިރު ބަންދުގެ މުއްދަތު އިތުރުކުރާ މެދު ސުވާލެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ. އެއީ ހައްޔަރުކުރުން ގާނޫނާ ހިލާފް ވުމުން، ބަންދުގައި ބަހައްޓަން އަމުރުކުރެވެން ނެތުމެވެ.

އަދީބު މާލެ ގެނައީ މިރޭ 10:30 ހާއިރު އެވެ. ފުލުހުންގެ އުޅަނދެއްގައި އަދީބު މާލެ އަށް ބޭލުމަށް ފަހު އެންމެ ފުރަތަމަ ގެންދިޔައީ ފުލުހުންގެ މައި މަރުކަޒު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށެވެ. އަދި ކުޑަ އިރުކޮޅެއް ފަހުން، ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރި އެވެ.

ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލިސް ތިން ގަޑިއިރަށް ދިގު ދެމިގެން ދިޔަ އެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާއި ބޮޑެތި އެހެން މައްސަލަތަކުގެ ތުހުމަތު އެޅިފައިވާ އަދީބު މިދިޔަ ހޮނިހިރު ދުވަހު ފިއްލެވީ ތިން މައްސަލައެއް ސާބިތުވެ އެމަނިކުފާނުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް ބާތިލްކޮށް އަލުން ޝަރީއަތް ހިންގުމަށް ކޯޓުން އަމުރުކޮށް، އަދި އެއް މައްސަލައެއްގެ އިސްތިއުނާފު ހިނގަމުން ދާތީ ސުޕްރީމް ކޯޓުގެ އަމުރަކުން ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށެވެ.

އަދީބު ފިއްލެވީ އެމަނިކުފާނު ބަންދުކުރުމުގެ އަމުރަކަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދުނުތާ ދެ މަސް ވީއިރު ވެސް އެ އަމުރާ މެދު ގޮތެއް ނުނިންމާ އޮއްވަ އެވެ.

އިންޑިއާ އަށް ދަތުރުކުރަމުން ދިޔަ ޓަގުގައި ހުންނެވި އަދީބު އަތުލައިގަތީ އެ ގައުމުގެ ސިފައިންނެވެ. ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައިވާ އެ ޓަގު ބޯޓަކީ އިންޑިއާ އިން ހިލަ ހިފައިގެން ރާއްޖެ އަންނަ ބޯޓެކެވެ. އަދީބު އިންޑިއާ އަށް އެތެރެވިޔަ ނުދީ ހިފެހެއްޓުމުން އޭނާ ވަނީ ރާއްޖޭގައި ފުރާނަ އަށް ނުރައްކާ ވެދާނެ ކަމަށް ވިދާޅުވެ އިންޑިއާގެ ހިމާޔަތަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް އިންޑިއާ އިން އަދީބަށް ހިމާޔަތް ނުދީ ދިވެހި ސިފައިންނާ ކަނޑުމަތިން ހަވާލުކުރީ އެވެ.