އަދީބުގެ ދައުވާތައް ބޭރުކޮށްލި މައްސަލަ އިސްތިއުނާފްކޮށްފި

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކަމަށް ތުހުމަތުކުރާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށް އޭނާ މިނިވަންވި މައްސަލަ ދައުލަތުން ހައި ކޯޓުގައި މިއަދު އިސްތިއުނާފްކޮށްފި އެވެ.


އަދީބު މިނިވަންވި މައްސަލަ އިސްތިއުނާފް ކުރި ކަން އާއްމުކުރެއްވީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ކުރެއްވި ޓުވީޓެއްގަ އެވެ.

އަދީބު މިނިވަންވީ އޭނާގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުންނެވެ. ކޯޓުގެ މި ނިންމުން ބަލައި ނުގަންނަ ކަމަށް ޕީޖީ ވަނީ ވިދާޅުވެފަ އެވެ.

ގިނަ ސަބަބުތަކެއް ދައްކަވަމުން ޝަމީމް ވިދާޅުވެފައި ވަނީ އެ ނިންމުން ޖިނާއީ އިޖުރާއަތުގެ ގާނޫނާ ވެސް ޚިލާފު ކަމަށެވެ. އަދީބު ބަންދުކުރުމުގެ އަމުރަކަށް އަލުން އެދިވަޑައިގަންނަވާނީ ހައްޔަރު ކުރަންޖެހޭ ސަބަބެއް އޮވެއްޖެ ނަމަ ކަމަށާއި އޭނާ ފުރުން މަނާކުރުމުގެ އަމުރަކަށް އެދޭނެ ކަމަށް ޕީޖީ އިއްޔެ ވަނީ ވިދާޅުވި އެވެ.

އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލީ 2014 އަދި 2015 ގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަނާއި ޚިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލަތަކާ ގުޅިގެން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ރިޔާސީ ކޮމިޝަން ގުޅިގެން ހިންގި ތަހުގީގާ ގުޅިގެންނެވެ.

އަދީބުގެ މައްޗަށް އުފުލި ދައުވާތައް:

- ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ - މަނީ ލޯންޑަރިންގެ 2 ދައުވާ - މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއެއް - މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއް - ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެއް ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، ފިލި މައްސަލައިގައި ތިން މަހުގެ ޖަލު ހުކުމެއް ވެސް އިއްވައި ގޭ ބަންދުގައި ހުންނެވި އަދީބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ނުފޫޒުގަދަ ބޭފުޅާ އެވެ. އެމްއެމްޕީއާރުސީގެ ފައިސާ އިން ސިޔާސީ ބާރުވެރިކަން ހޯއްދަވައި، މުއައްސަސާތައް ކޮންޓްރޯލް ކުރެއްވި ކަމަށް ތުހުމަތުކުރެވޭ އަދީބުގެ މައްޗަށް ކުރިން 33 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.

ކޯޓުތަކުން އަދީބު މިނިވަންކުރީ، އެ ދައުވާތައް ގޯސްކޮށް އުފުލާފައިވާ ކަމަށް ބުނެ އެވެ.