11 އަހަރުގެ ކުއްޖާ ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މީހާގެ ބަންދަށް ހަތް ދުވަސް

އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތު ކުރެވޭ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ހަތް ދުވަސް އިތުރުކޮށްފި އެވެ.


މިދިޔަ ބުދަ ދުވަހު މާލޭގެ ގެސްޓް ހައުސްއަކަށް ކުއްޖާ ގެންގޮސް ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ "މިހާރު" އަަށް ކަށަވަރުވެފައިވާ ގޮތުގައި ހއ. ބާރަށު، އަނީސް ހިލްމީ އެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެދިވަޑައިގެން ޕްރޮސިކިއުޓަ ޖެނެރަލްގެ ފަރާތުން ކޯޓުގައި އެދުނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދޭށެވެ.

އެކަމަކު ކޯޓުން މިއަދު އޭނާގެ ބަންދަށް ޖެހީ ހަތް ދުވަހެވެ. އެނގިފައިވާ ގޮތުގައި، އޭނާ ވަނީ ވަކީލެއްގެ ފުރުސަތަށް އެދިފަ އެވެ.

ތުހުމަތު ކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން މިއީ މިދިޔަ ފަސް އަހަރު ތެރޭ މިފަދަ އަމުރަކަށް ފުލުހުން އެދުނު ފުރަތަމަ ފަހަރެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުން، ކުށުގެ ތުހުމަތު ކުރެވޭ މީހަކާ މެދު، އެ ގާނޫނުން ލިބިދޭ ހާއްސަ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުމަށް، ފުލުހުންނަށް ފެނިއްޖެ ހިނދެއްގައި، ގާނޫނުގެ ދަށުން ކުށެއް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހާގެ ތަހުގީގުގެ މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން، ބަންދުގައި ދެމެހެއްޓުމުގެ އަމުރަކަށް ޕޮލިސް ކޮމިޝަނަރަށް ޕީޖީގައި އެދެވިދާނެ އެވެ.

ކުޑަކުއްޖާގެ ރޭޕްގެ މައްސަލަ ބަލަމުން އަންނަނީ ހާއްސަ ސަމާލުކަމެއް ދީގެން ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި ރޭޕްކުރީ އެ ކުއްޖާ މަގުމައްޗަށް ނުކުތް ތަނުން، މަގުމަތީގައި ހުރި މީހަކު އެ ކުއްޖާ ގެސްޓް ހައުސްއަކަށް ގެންގޮސްނެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ވެސް ވަނީ އުމުރުން 16 އަހަރު ވެސް ނުވާ ކުއްޖެއްގެ އާއިލާ އަށް އޮޅުވާލައިގެން ރަށަކުން މާލެ ގެނެސް ގެސްޓް ހައުސްއެއްގައި ރޭޕްކުރި މައްސަލައެއް ފަޅައިއަރައިފަ އެވެ. މި މައްސަލައިގައި ވެސް 24 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ.