ޕީޖީ އޮފީހުން ބުނަނީ ރިލްވާންގެ މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދަ އަށް އެދިފައިވާ ކަމަށް

ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނެގި މައްސަލައިގައި ދައުލަތުން ދައުވާކުރި މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކުރި ދުވަހު، އެ މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދަ އަށް ހައި ކޯޓުގައި އެދިފައި ވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.


ރިލްވާން ވަގަށް ނެގުމުގެ ތުހުމަތުކުރި މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދަ އަށް އެދިވަޑައިގެންފައި ވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވިދާޅުވި ނަމަވެސް އެގޮތަށް އަމަލުކުރައްވާފައި ނުވާކަން ހައި ކޯޓުން ރިލްވާންގެ އާއިލާ އަށް ލިޔުމުން އިއްޔެ ދިން ޖަވާބުގައި ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން، ޕީޖީ އޮފީހުން ރޭ ދަންވަރު ކުރި ޓްވީޓެއްގައި ބުނީ ކުށް ސާބިތުނުވާ ކަމަށް މިދިޔަ އަހަރުގެ އޯގަސްޓް 2 ވަނަ ދުވަހު ހުކުމް ކުރުމާ އެކު ހަމަ އެ ދުވަހު، އެ މައްސަލަ އިސްތިއުނާފުކުމުގެ ހުއްދަ އަށް އެދިފައިވާ ކަމަށެވެ. އަދި އެގޮތަށް އެދުމުން އޯގަސްޓް ހަ ވަނަ ދުވަހު ހައި ކޯޓުން ޖަވާބު ދީފައިވާ ކަމަށް ވެސް ބުންޏެވެ.

ރިލްވާންގެ ގެއްލުނު މައްސަލާގައި ކުރި ހުކުމް އިސްތިއުނާފުކުރުމުގެ ހުއްދަ އަށް އެދިފައި ވާނެ ކަމަށް ބިޝާމް ވިދާޅުވީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގަ އެވެ. ނަމަވެސް ރިލްވާންގެ އާއިލާ އިން އެކަން ސާފުކުރުމަށް ހައި ކޯޓަށް ފޮނުވި ސިޓީއެއްގެ ޖަވާބުގައި އެ ކޯޓުން އިއްޔެ ބުނެފައިވަނީ އެ ގަޒިއްޔާ އިސްތިއުނާފު ކުރުމަށް ނުވަތަ އިސްތިއުނާފު ކުރުމުގެ ހުއްދަ އަށް އެދި ހުށަހަޅާފައިވާ ކަމަށް ކޯޓުގެ ރެކޯޑްތަކުން ނުދައްކާ ކަމަށެވެ. އެ ސިޓީގެ ކޮޕީއެއް "މިހާރު" އަށް ލިބިފައިވެ އެވެ.

ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ދައުލަތުން ތުހުމަތު ކުރި ގޮތުގައި ރިލްވާން ގަދަކަމުން ފޮރުވީ އާލިފް ގެންގުޅުނު ރަތް ކުލައިގެ ކާރަކަށް ރިލްވާން އަރުވައިގެން ގެންގޮސްގެންނެވެ. ނަމަވެސް އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ. ކުށް ސާބިތުވި ނަމަ އާލިފާއި ނޫރައްދީންގެ މައްޗަށް 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެ އެވެ. ރިލްވާން ގެއްލުވާލިތާ އިއްޔެ އަށް ވަނީ ފަސް އަހަރު ވެފަ އެވެ.