ކުޅުދުއްފުށީ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށައިފި

ކުޅުދުއްފުށީ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް މޯލްޑިވިއަން އިން މިއަދު ހެނދުނު ފަށައިފި އެވެ.


އެ ރަށަށް ދިއުމަށް މިދިޔަ ބުދަ ދުވަހުން ފެށިގެން މޯލްޑިވިއަނުން ވަނީ ޓިކެޓު ވިއްކަން ފަށައިފަ އެވެ. ނަމަވެސް ފުރަތަމަ ދަތުރުގައި ކުޅުދުއްފުއްޓަށް ދިޔައީ ކިހާ މީހުންނެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

ގައުމީ އެއާލައިން އިން ކުޅުދުއްފުށްޓަށް ޝެޑިއުލް ދަތުރުތައް މިއަދު ފެށިއިރު، އަންނަ ހަފުތާގެ ހޮނިހިރު ދުވަހާ ހަމައަށް ޖާގަތައް ފުލްވެފައިވާ ކަމަށް އެ އެއާލައިނުން ބުންޏެވެ.

ޓްރާންސްޕޯޓުގެ ސްޓޭޓް މިނިސްޓަރު ޒުހެއިރު މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަން ސަލާމްކުރައްވަނީ.-- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުޅުދުއްފުށި އެއާޕޯޓް ހުޅުވި އެވެ. ނަމަވެސް އޭރު ޝެޑިއުލް ދަތުރުތަކެއް ނުފަށަ އެވެ.

ކުޅުދުއްފުއްޓަށް ޝެޑިއުލް ދަތުރުތައް ފެށުމަށް ނިންމީ އެއާޕޯޓުގެ ޓާމިނަލާއި ފަޔަ ސްޓޭޝަންގެ މަސައްކަތް ނިމުމުންނެވެ. ގާތްގަނޑަކަށް 1،200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް އޮންނަ މި އެއާޕޯޓަކީ ހދ. އަތޮޅުގައި ތަރައްގީކުރި ދެވަނަ އެއާޕޯޓެވެ.