ގެސްޓް ހައުސް އެޅިއަސް އާއްމުންނަށް ތުނޑި ބޭނުންކުރެވޭނެ: ފުވައްމުލަކު ކައުންސިލް

ގެސްޓް ހައުސް އެޅިޔަސް އާއްމުންނަށް ތުނޑި ސަރަހައްދު ބޭނުންކުރެވޭނެ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފި އެވެ.


އެ ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު "މިހާރު" އަށް ވިދާޅުވީ ސިޓީ ހޮޓާ އަޅަން ތުނޑީ ކޮޅުގެ ސަރަހައްދަކުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި 2007 ވަނަ އަހަރު 200،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައި ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކުރި ކަމަށެވެ. އެ މަސައްކަތް ކުރަން މިނިސްޓްރީން އޭރު ބަޔަކާ ހަވާލު ވެސް ކުރި އެވެ. ފެންސް ޖަހައި އާއްމުންނަށް ނުވަދެވޭނެހެން ބަންދުކުރުން ފިޔަވައި އިތުރު ކަމެއް އޭރަކު ނުވި އެވެ.

ފަލާހު ވިދާޅުވިގޮތުގައި، މިހާތަނަށް އެ ބިން އޮންނަނީ ޓޫރިޒަމް މިނިސްޓްރީގެ ދަށުގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފުވައްމުލަކުގައި 1،000 އެނދު ތަރައްގީކޮށްދެއްވާނެ ކަމަށް ވައުދުުވެވަޑައިގެންފަ އެވެ. އެހެންވެ ސިޓީ ކައުންސިލުން ވަނީ، ސިޓީ ހޮޓާ އަޅަން ހަމަޖައްސާފައި އޮތް ބިމުގައި ގެސްޓް ހައުސް އެޅުމުގެ މަސައްކަތް ކުރަން ހުޅުވާލަން އެދިފަ އެވެ. އޭގެ އިތުރުން އެއާޕޯޓު ސަރަހައްދުން ވެސް، ހަތަރު ހެކްޓަރެއްހާ ބިން ވަނީ ގެސްޓް ހައުސް އަޅަން ދޫކުރަން ނިންމައިފަ އެވެ.

"ގެސްޓް ހައުސް ވިޔަފާރި ވެސް އިތުރަށް ފުޅާކުރަންޖެހޭ... އެހެންވެ ކައުންސިލުން އެދުނީ މިނިސްޓްރީއާ ހަވާލުކޮށްފައި އޮތް ބިން، އިއުލާނުކޮށްގެން އެތަނުގައި ގެސްޓްހައުސް ތަރައްގީކޮށްދޭށޭ،" ފަލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުވައްމުލަކު ތުނޑި އަކީ ގާނޫނުން ހިމާޔަތްކޮށްފައިވާ ތަނަކަށް ވާތީ، ގެސްޓްހައުސްތައް އެޅިކަމުގައި ވިއަސް އެ ތަނުގެ ބޭނުމަށް ތުނޑި އަތިރިމަތިން ވަތްކެއް ނުކުރެވޭނެ ކަމަށެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ.-- ފޮޓޯ: މިހާރު

"އެތަނުގައި ގެސްޓްހައުސް ވިޔަފާރިތައް ހުޅުވާލިއަސް ތުނޑިި ސަރަހައްދުގެ ތެރެއިން، ބީޗުގެ އެއްވެސް މިންވަރެއް އެކްސްކްލޫސިވްކޮށް އެއްވެސް ބަޔަކަށް ނުދެވޭނެ. ފުވައްމުލަކުގެ ތަފާތަކީ، ތުނޑީކޮޅު ބީޗަކީ ތިމާވެށީގެ ގާނޫނުން ހިމާޔަތްކޮށްފައި ހުރި ތަންތަން. އެހެންވެ އެއީ ކައުންސިލުން ބޭނުންވިކަމުގައި ވިޔަސް، ޓޫރިޒަމް މިނިސްޓްރީން ބޭނުންވި ކަމުގައި ވިއަސް އެއީ ކުރެވޭނެ ކަމެއް ނޫން... ގާނޫނު ބަދަލުކޮށްގެން މެނުވީ އެއްވެސް ބަޔަކަށް އެތަން އެކްސްކްލޫސިވްކޮށް ބޭނުމެއް ނުކުރެވޭނެ،" ފަލާހު މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވި އެވެ.

ބައެއް ރަށްރަށުގައި ގެސްޓްހައުސްތައް ހަދައި، އެ ސަރަހައްދާވީ ދިމާލުން އާއްމުންނަށް އަތިރިމައްޗަށް ނުވަދެވޭނެހެން ބަންދުކޮށްފައި ހުރެ އެވެ. އެހެންވެ އެކަމަށް އާއްމުންގެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ފުވައްމުލަކުގެ ތުނޑި އަކީ، ހާއްސަ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކުރުމާއި ޕިކްނިކް ހެދުމަށް އެ ރަށުގައި އުޅޭ މީހުން އާއިލާއާ އެކު އާއްމުކޮށް ދާ ތަނެކެވެ. އެހެންވެ ގެސްޓްހައުސް ހިންގަން ފެށުމުން، އާއިލާއާއެކު ތުނޑިއަށް ދިއުމުގެ ފުރުސަތު ބަންދުވެދާނެތީ ސޯޝަލް މީޑިއާގައި ވެސް އާއްމުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ގެސްޓް ހައުސްގެ މަސައްކަތްތަކާ ގުޅޭ އިދާރީ މަސައްކަތްތައް ކުރަމުން އަންނައިރު، އެތަނުގެ ކޮންސެޕްޓް ނިމުމުން އާއްމުންގެ ހިޔާލަށް ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ. އެއަށްފަހު އުސޫލުތަކާއި ގޮތްތައް ހަދައި މިނިސްޓްރީން ހަވާލުކުރުމުން، ބިޑަށް ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ.

ފުވައްމުލަކުގައި މިހާރު ވެސް ރަޖިސްޓްރީކޮށްގެން 50 ވަރަކަށް ގެސްޓްހައުސް އަންނަނީ ހިންގަމުންނެވެ.