ރަސްފަންނު ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް ދުވަން ތައްޔާރުކުރި ޓްރެކްގެ މަސައްކަތް ނުނިމެނީސް އެތަން ބޭނުންނުކުރެވޭ ވަރަށް ހަލާކުވެއްޖެ އެވެ. އެތަނުގައި އަޅާފައި ހުރި ރަބަރުތައް މިހާރު ވަނީ ވަރަށް ބޮޑަށް ނެއްޓިގެން ގޮސްފަ އެވެ.
ހައުސިން މިނިސްޓްރީން ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްގެން މިދިޔަ އޭޕްރީލް މަހު މަސައްކަތް ފެށީ މެއި މަހު އެތަން ނިންމުމަށެވެ. މިދިޔަ ޖޫން މަހުގެ ފަހުކޮޅު ވެސް މިނިސްޓްރީން ބުނީ ހަފުތާއެއް ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. ނަމަވެސް އަދިވެސް މަސައްކަތްތައް ދަނީ ކުރިއަށެވެ. މީގެ ކުރިން ވެސް އެ ޓްރެކްގެ ބައެއް ހަލާކުވި އެވެ.
ދުވާ ޓްރެކް ސަރަހައްދުގައި ރަބަރުގަނޑު ތަތްކުރަން ހޭކި ދަވާދުތައް ވެސް ނެއްޓިފައި ވާތީ، ދެ ބިދޭސީއަކު ވެގެން އެތަންތަން ތަތްކުރަމުން ވެސް މިއަދު ދިޔަ އެވެ.
ދިގުމިނުގައި 700 މީޓަރު ހުރި އެ ޓްރެކް އަލުން ތަޅާލައި، ފުޅާކުރީ މަސައްކަތް ނިމެން ކައިރިވެފައި އޮއްވަ އެވެ.
މި މަސައްކަތްތަކާ ގުޅިގެން "މިހާރު"އާ ވާހަކަދައްކަވަމުން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް ވިދާޅުވީ ޓްރެކްގެ މަސައްކަތްތައް ލަސްވަމުން ދަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށާއި ވީ އެންމެ އަވަހަކަށް ޓްރެކް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޓްރެކް ހަލާކުވީ ކީއްވެގެންތޯ އާއި އެކަންތައް ހައްލުކުރަން ހައުސިން މިނިސްޓްރީން ކުރަމުން އަންނަނީ ކޮން މަސައްކަތްތަކެއްތޯ އެހުމުން ވެސް ފަޒާލް އަދި ޖަވާބެއް ނުދެއްވަ އެވެ.