މި އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި މެމްބަރަކު ބަޖެޓް ދިރާސާކުރައްވަނީ.--ފޮޓޯ: ހުސައިން ވަހީދު/މިހާރު
21 އޯގަސްޓް 2019 - 23:18
ސަޕްލިމެންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވީ މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓް ހުސްވެގެން ނޫން ކަމަށާއި ބަޖެޓުގައި ކަނޑައަޅާފައި ހުރި މަޝްރޫއުތައް މަޑުޖެއްސުމެއް ނެތި ކުރިއަށް ގެންދެވޭނެ މަގުފަހި ކުރަން ކަމަށް ފިނޭންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.
ކުރީގެ ސަރުކާރުން ހުށަހަޅައި ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކުރީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުން މިހާތަނަށް ޚަރަދުކޮށްފައި ވަނީ 14.7 ބިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭޝިއަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަނީ ފައިސާ ހުސްވެގެން ކަމަށް ބައެއް މީހުން މާނަކުރާ ކަމަށެވެ. އެގޮތަށް ދެކުނަސް މި ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅީ މި އަހަރަށް ރާވާފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމާ އެކު މި ސަރުކާރުގެ މެނިފެސްޓޯގައި މި އަހަރަށް ތަންފީޒުކުރަން ހުރި ކަންކަން ވެސް ހިމެނުމަށް ކަމަށް ވިދާޅުވި އެވެ.
މި އަހަރުގެ ބަޖެޓް ފާސްކުރި ފަހުން ގިނަ އަދަދެއްގެ ހިލޭ އެހީ ލިބިފައިވެ އެވެ. މި އެހީގެ ބޭނުން ހިފޭނީ ވެސް ބަޖެޓުގައި މަޝްރޫއުތަކެއް ހިމަނައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުވަޝް ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުން މަޖިލީހަށް ބަޖެޓް ހުށަހެޅީ އާ ސަރުކާރު އިންތިޚާބުވެގެން އުޅުނު ދުވަސްވަރަށްވާތީ މި ސަރުކާރުން ބޭނުންވާ ހުރިހާ ކަމެއް ބަޖެޓަށް ވެއްދޭ ގޮތެއް ނުވި އެވެ. މި ސަރުކާރުގެ މެނިފެސްޓޯ އެކުލަވާލީ ފަސް އަހަރުގެ ތެރޭގައި ތަންފީޒުކުރާނެ ވައުދުތަކަށް ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އޭގެތެރެއިން ސަރުކާރުން އެންމެ އަވަހަށް ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަންކަން ކަނޑައެޅުނީ ފުރަތަަމަ 100 ދުވަހުގެ ތެރޭގައި ކަމަށެވެ.
"ސަތޭކަ ދުވަހުގެ ތެރޭގައި ހުރި ގިނަ ކަންކަން ބަޖެޓުގައި ހިމެނިފައެއް ނުވޭ. މިސާލަކަށް އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރަން އައިލެންޑް އޭވިއޭޝަނާ ވާހަކަ ދައްކައި އެކަން ނިންމީ. ރައްޔިތުންގެ ލުއި ފަސޭހަ އަށް އެކަން ނިންމިއަސް އައިލެންޑް އޭވިއޭޝަނަށް ބޮޑު އަދަދެއް ގެއްލޭނެ،" ސަރުވަޝް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަޖެޓުގައި ހުރި މަޝްރޫއުތައް ކުރިއަށް ނުގެންގޮސް އާ ކަންކަމަށް ޚަރަދުކުރަން ސަރުކާރުން ބޭނުން ނުވީ ކަމަށެވެ. ޕީއެސްއައިޕީގެ މަޝްރޫއުތަކުގެ ތެރޭގައި ގިނައިން ހުރީ ރަށްރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ކަން ސަރުވަޝް ފާހަގަކުރެއްވި އެވެ.
"ސަރުކާރުގެ ވިސްނުމަކަށް ވީ ބަޖެޓުގައި ހުރި ޕީއެސްއައިޕީގެ ހުރިހާ މަޝްރޫއުތަކެއް ފަށައި ތަންފީޒުކުރަން. އެހެންވީމަ އާ ކަންކަމަށް ބަޖެޓެއް ބޭނުންވާނެ،" އޭނާ ވިދާޅުވި އެވެ.
ޕީއެސްއައިޕީގައި ހިމެނުނު ގިނަ މަޝްރޫއުތައް މިހާރު ވަނީ ކުންފުނިތަކާ ހަވާލުކޮށްފަ އެވެ. ދެން ހުރި މަޝްރޫއުތައް ވެސް އުޅެނީ ޓެންޑަކުރުމުގެ މަރުހަލާގައި ކަމަށް ވިދާޅުވި އެވެ.
"މި އަހަރު އަލަށް ފަށަން ހުރި ހުރިހާ މަޝްރޫއުތައް ވެސް ޓެންޑަކޮށްފައި އެވޯޑުކުރާނެ. އޭރަށް އެޑްވާންސް ޕޭމަންޓް ނިންމައި މަސައްކަތް ފެށުނީމަ އަންނަ އަހަރު ދައްކަން ޖެހޭނީ ޕްރޮގްރެސް ޕޭމަންޓްތަކެއް. ޕީއެސްއައިޕީ ބަޖެޓް މި އަހަރު ކޮމްޕްރޮމައިޒްކުރާކަށް ސަރުކާރުން ބޭނުމެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
ސަރުވަޝް ވިދާޅުވި ގޮތުގައި ކުރިން އާއްމުކޮށް އަމަލުކުރާ އުސޫލަކީ އާ މަޝްރޫއެއް ހިންގަން ސަރުކާރުތަކުން ބޭނުންވެ ބަޖެޓުގައި ފައިސާ ނެތް ނަމަ ކެޕިޓަލް މަޝްރޫއެއްގެ ބަޖެޓުން އެކަން ކުރުމެވެ. އޭރަށް އެ މަޝްރޫއު ހުއްޓުނީ އެވެ. މި ސަރުކާރުގެ ވިސްނުމަކީ އެގޮތަށް އަމަލުކުރުން ނޫން ކަމަށް ވިދާޅުވި އެވެ.
ކޮންޓިންޖެންސީ އަށް ވުރެ ބޮޑު އަދަދެއް، ކޯޓުތަކުން ކުރާ ހުކުމްތަކާއި އެނޫން ގޮތް ގޮތަށް ބަދަލުގެ ގޮތުގައި ސަރުކާރުން ދައްކަން ޖެހިފައިވުމުން އެކަންކަމަށް ބަޖެޓުން ޖާގަ ހޯދުމަކީ ވެސް ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅާ އެއް ސަބަބު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
23 August 2019
ކޮންކަމެއްތަވީ. ރިލްވާން، އަފްރާޝީމް މައްސަލައިގެ ހަގީގަތްކޮބާ؟ ފްލެޓް ކޮމިޓީގެ ހަބަރު ކޮބާ؟ އެސެޓް ރިކަވަރީ ކޮމިޝަނުން ކޮން އެސެޓެއް ރިކަވަރކުރީ؟ އިންސާފު ގާއިމްކުރަން ކޮންކަމެއް ކުރެވުނީ؟ ރާއްޖޭހައި އަަލަށް ހިންގަންފެށުނީ ކޮން ޕްރޮޖެކްޓެއް؟
ާއުނިމާ
22 August 2019
ކަންކަން ކުރަން ހަމަ ނޭގެނީ! ކަންކަން ރާވާ ހިންގާނެ ބުރަދަނެއް މިނިސްޓްރީތަކަށް ކަނޑައަޅާފަ ތިބި ސިޔާސީވެރިންގެ ކިބައިގަނެތް! ބަނޑިޔާ ޖަހާ މިހުނާއި، ނެށުންތެރިންނާއ، ފިލްމުސްޓާރުންނާ، ފުޓްބޯޅަކުޅުންތެރިން ލައިގެން ޝޯކުޅެ ކުޅިވަރު ކުޅޭކަންނޫންވިއްޔާ މިއުޅެނީކީ! ތައުލީމާއި، ޙިކްމަތުއަމަލީއާއި ތަޖުރިބާ ބެނުންކޮށްގެން ދިވެހިރައްޔިތުންނަށް ބޭނުންވާ ޙައްޤުމިންވަރު ހޯދައިދިނުން ސަރުކާރުގެ ބޭނުމަކަށް ވާންޖެހޭނީ! އެކަމަކު، ހަމަ ސްލޯއިއޭ ދެންނެވޭނީ!
ޢަޒްރާ
22 August 2019
ދޫންޏާ ކަންކަން ރާވާ ހިންގަން ނޭނގޭ މީހުން ތިއުޅެނީ ގަސިމްވެސް އައިޝާ ގެއްލިދާނެ ކަމުގެ ބިރުހީވެ އިބޫއާއި އެއްކޮޅައް ދުވެނަގަނީ
ހާމީން
22 August 2019
ހިލޭ ޑިގްރީއޭ ކިޔާފަ އަދިވެސް ފުރަތަމަ ހަމަހުގެ ރިފަންޑް ނުލިބޭ
ތަރަބެ
22 August 2019
. "ސަތޭކަ ދުވަހުގެ ތެރޭގައި ހުރި ގިނަ ކަންކަން ބަޖެޓުގައި ހިމެނިފައެއް ނުވޭ. އެއްވެސް ޕްލޭނެއް ނެތްކަން މިއިންވެސް އެނގެނީ.
ބުއްދިބޭ
22 August 2019
ތެދެކެވެ! ރައީސް ޔާމީންގެ ސަރުކާރުން އެކުރަމުންގެންދިޔަކަންތަކަށް ޖާގަދެވޭކަށްނެތެވެ. ކުރިވަރުގަދަ ހަނގުރާމައާއިއެކު ތިބުނިހެން ރޭވުންތަކެއް ރާވާކަށް ވަގުތެއްވެސް ނެތެވެ. މިއީ ކަންހިނގައިދިޔަގޮތް ކަމުގައިނުވެދާނެއެވެ. މިއީ ބުއްދިއަށް ފެނުނުގޮތެވެ. ޤަބޫލުކުރެވުނުގޮތެވެ. ކަންކޮންމެގޮތަކަށް ވީނަމަވެސް، އެއީމައްސަލައެއްނޫނެވެ. މިދައުލަތުގެ މާލިއްޔަތަށް ހަދަމުންދިޔަގޮތް ހުއްޓުވުން ތިޔަށްވުރެ މާމުހިންމެވެ.
ހުސީނާ
22 August 2019
ކުޑަކުއްޖާ ނިދަން އަރުވައި ނިދާލެއް ލަސްވުމުން ގޭދޮށުގެޔަކަށް ބުޅަލެއް އައިސް އެގޭގެ ކުދިން ކާލާނެ ވާހަކަ ކިޔައެވެ. ނުނިދައިގެން އުޅޭ ކުއްޖާ ކާލަން ބުޅާއަންނަ ވާހަކަ ނުކިޔައެވެ.
nesssad
22 August 2019
ހިލޭ އެހީ އިތުރަށް ލިބިއްޖެއްޔާ އެ ފައިސާ އިން ހުރި ދަރަނިތައް އަދާކުރާނީ. ބަޖެޓް ޑެފިސިޓް 5 ބިލިއަން ކުރަނީކީ ނޫން. ނިކަން ދުނިޔޭގަ ކަންކަން ކުރާގޮތް ދަސްކޮށްބަލަ ހެޔޮނުވާނެ.
އަހުމަދު ވަހީދު
22 August 2019
ކުރިން ތިވާހަކަ ނު ދެއްކީ ކީއްވެ ކޮންމެ ބަޔަކު ވެރިކަމައް އަޔަސް ރައްޔިތުންނަށް އޮޅުވާލުމާ މަކަރާ ހީލަތް ހެދުން ވަރަށް ސަލާމް