އުކުޅަހު ކޮންވެންޝަން ސެންޓަރު ހުޅުވައިފި

އއ. އުކުޅަހުގައި ސަރުކާރުން ހެދި ކޮންވެންޝަން ސެންޓަރު މިއަދު ހުޅުވައިފި އެވެ.


އަމީން ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްގެން އެންމެ 25 ދުވަހުގެ ތެރޭގައި ނިންމި ކޮންވެންޝަން ސެންޓަރު ހުޅުއްވައިދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އެ ރަސްމިއްޔާތުގައި ޝާހިދުގެ އިތުރުން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ސައިންސް އެންޑް ކޮމިޔުކޭޝަން މިނިސްޓަރު މުހައްމަދު މަލީހާއި އިންޑިއާގެ އެމްބެސެޑަރު ސަންޖޭ ސްދީރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އުކުޅަހު ކައުންސިލްގެ މެމްބަރުންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް ބައިވެރިވި އެވެ.

އުކުޅަހު ކޮންވެންޝަން ސެންޓަރަކީ އިންޑިއާ ސަރުކާރުގެ 7.8 މިލިއަން ރުފިޔާ އާއި ސަރުކާރުގެ ބަޖެޓުން ހޭދަކޮށްގެން ޖުމުލަ 20.8 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރި ތަނެކެވެ. އަމީން ކޮންސްޓްރަކްޝަނުން އެތަނުގެ މަަސައްކަތް ފެށީ ޖުލައި 27 ގަ އެވެ. ކޮންވެންޝަން ސެންޓަރު އިމާރާތްކުރި އިރު އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި އާދަމް ސާޖިދު "މިހާރު" އަށް ކުރިން ވިދާޅުވެފައިވާ ގޮތުގައި މިއީ އެ ކުންފުނީގެ ތާރީހުގައި ވެސް ނިސްބަތުން އެންމެ އަވަހަށް ނިންމައިލި މަސައްކަތެވެ. އެގޮތުން 10،000 އަކަފޫޓްގެ ކޮންވެންޝަން ސެންޓަރުގެ މައިގަނޑު މަސައްކަތްތައް އެންމެ 23 ދުވަހުގެ ތެރޭގައި ވަނީ ނިންމާލައިފަ އެވެ.

އުކުޅަހު ކޮންވެންޝަން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޕްރޮފެސަރު ހަސަން އުގައިލްއާ ބައްދަލުކުރައްވަނީ. ފޮޓޯ:ހުސައިން ވަހީދު/މިހާރު

އުކުޅަހު ކޮންވެންޝަން ސެންޓަރު އިމާރާތްކުރީ އެރަށުގެ އިރުމަތީ ފަރާތުގައި އެންމެ ގިނަ ގެސްޓްހައުސްތައް ހުރި ހިސާބުގައި އޮތް 15،474 އަކަފޫޓްގެ ބިމެއްގަ އެވެ.

އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް ވިދާޅުވީ އެ ސެންޓަރު އަޅަން ބިން ކަނޑައެޅީ ބައިނަލްއަގުވާމީ ސައިންސް އެންޑް ޓެކްނޮލޮޖީ ކޮންފަރެންސެއް އުކުޅަހުގައި ބޭއްވުމުގެ ފުރުސަތު ޕްރޮފެސަރު އުގައިލް ހޯއްދަވައި ދެއްވި ހިސާބުން ކަމަށެވެ.

ސެންޓަރުގެ މަސައްކަތް ކުރިން ރޭވި ވަރަށް ވުރެ ސަރުކާރުން އަވަސްކުރީ، ޝައުކަތު ވިދާޅުވި ގޮތުގައި، ސައިންސްވެރިންގެ ކޮންފަރެންސް، އާންމު ނަމުން ނަމަ ސްކިމާ ކޮންފަރެންސް، ބާއްވާ ތާރީހު އަވަސްވުމުންނެވެ.

އުކުޅަހު ކޮންވެންޝަން ސެންޓަރުގައި ހިމެނޭ ބައިތައް

-400 މީހުންގެ ޖާގައިގެ ހޯލެއް

- ވެއިޓިން އޭރިއާ

- އެގްޒެކެޓިވް މީޓިން ރޫމެއް އަދި ވީއައިޕީ މީޓިން ރޫމެއް

- ދެ ކްލާސް ރޫމް

- 8 ފާހާނާ (އަންހެން، ފިރިހެން ވަކިން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ފާހާނާތައް ހިމެނޭ ގޮތުން)

- ތިން ގުދަން.

- ކޮންވެންޝަން ސެންޓަރުގެ އިދާރީ އޮފީސް