އުކުޅަސް، ސައިންސްވެރިންގެ ކޮންފަރެންސާއި ޓެކްފެއާއަށް ތައްޔާރު

އިނގިރޭސިވިލާތުގެ ބްރެޑްފޯޑް ޔުނިވާސިޓީން އިންތިޒާމްކުރާ ސައިންސްވެރިންގެ ބައިނަލްއަގުވާމީ ކޮންފަރެންސާއި އުގައިލް ފައުންޑޭޝަނުން ބާއްވާ ޓެކްފެއާގެ އެންމެ ފަހުގެ ތައްޔާރީތައް، އއ. އުކުޅަހުގައި ނިންމައިފި އެވެ.


މި މަހުގެ 26 ގައި އެ ރަށުގައި ފަށާ ސައިންސްވެރިންގެ ކޮންފަރެންސާއި ޓެކްފެއާގެ ކަންތައްތައް އިންތިޒާމް ކުރެއްވުމުގައި އުގައިލް ފައުންޑޭޝަނުގެ ފަރާތުން އިސްކޮށް އުޅުއްވާ ހީނާ ހާލިދު "މިހާރު" އަށް ވިދާޅުވީ ކޮންފަރެންސާއި ޓެކްފެއާގެ ބައިވެރިން ވެސް އަންނަ އާދީއްތަ ދުވަހު އުކުޅަހަށް އަންނަން ފަށާނެ ކަމަށެވެ.

ޕްރޮފެސަރު އުގައިލް މަސައްކަތް ކުރައްވާ ބްރެޑްފޯޑް ޔުނިވާސިޓީން އިންތިޒާމްކުރާ ސޮފްޓްވެއަ ނޮލެޖް އިންފޮމޭޝަން މެނޭޖްމަންޓް އެންޑް އެޕްލިކޭޝަންސް (ސްކިމާ 2019) ގައި ބައިވެރިވާނީ، ހިންނަ ވިދާޅުވި ގޮތުގައި، ޖުމްލަ 75 އިލްމުވެރިންނެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެކި ގައުމުތަކުގެ 48 ސައިންސްވެރިންނާއި ޓެކްނިކަލް މީހުން ހިމެނޭނެ އެވެ.

ޕްރޮފެސަރު ހަސަން އުގައިލް އއ. އަތޮޅުގެ ބައެއް އިސް ބޭފުޅުންނާ ބައްދަލުކުރައްވަނީ

އުރީދު އާއި ޓޫރިޒަމް މިނިސްޓްރީގެ ސްޕޮންސާއާ އެކު އުގައިލް ފައުންޑޭޝަނުން ބާއްވާ ޓެކްފެއާގައި ބައިވެރިވާނީ 26 ފަރާތެކެވެ. އޭގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުންނާއި ބައެއް ކުންފުނިތަކާއި ސަރުކާރުގެ އޮފީސްތައް ހިމެނެ އެވެ.

އުގައިލް ފައުންޑޭޝަނުން ބުނީ ފެއާގެ ބޭނުމަކީ ޓެކްނޮލޮޖީގެ ދާއިރާ އިން ދިވެހިން ހޯދާ ކުރިއެރުންތައް އެއް ތަނަކުން ދައްކައިލުމާއި ބައިނަލްއަގުވާމީ ސައިންޓިސްޓުންގެ އިރުޝާދު އެ އުފެއްދުންތަކަށް ހޯދައި ދިނުން ކަމަށެވެ.

ސައިންސްވެރިންގެ ކޮންފަރެންސާއި ޓެކްފެއާ ބާއްވަން ހަމަޖެހިފައި ވަނީ އުކުޅަހުގައި ސަރުކާރުން އަލަށް އިމާރާތްކުރި ކޮންވެންޝަން ސެންޓަރުގަ އެވެ. އެ އިމާރާތް ހެދުމުގެ މަސައްްކަތް ކުރާ އަމިން ކޮންސްޓްރަކްޝަނާއި އުކުޅަހު ކައުންސިލުން އާދީއްތަ ދުވަހު ބުނީ ކޮންފަރެންސާއި ޓެކްފެއާ ބާއްވަން ހަމަޖެހިފައިވާ ތާރީހަށް ކޮންވެންޝަން ސެންޓަރުގެ މަސައްކަތް ނިމޭނެ ކަމަށެވެ.

އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް ވިދާޅުވީ ކޮންފަރެންސާއި ފެއާގެ ލޮޖިސްޓިކް އެންމެހާ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން ބައިވެރިން ތިބޭނެ ތަންތަނާއި ކެއިން ބުއިމާއި ދަތުރުފަތުރުގެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

"ހުރިހާ ތައްޔާރީތަކެއް ހެން މިހާރު ނިމިއްޖެ. ކޮންވެންޝަން ސެންޓަރުގެ ވެސް މިހާރު އެންމެ ފަހުގެ މަސައްކަތްތައް އެކުރަނީ،" އޭނާ ވިދާޅުވި އެވެ.