ޕީޕީއެމް ހިންގާ ގޮތުން ކަންބޮޑުވުން އެބަހުރި، ވަތްކެއް ނުވަން: ޚަލީލް

ޕީޕީއެމް ހިންގާ ގޮތާ މެދު ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އެކަމަކު އެ ޕާޓީން އަދި ވަކިވެވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ.


ޕީޕީއެމާއި ޕީއެންސީން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ޚަލީލް ހިމެނިވަޑައިގަންނަވާ ކަމަށް ރޭ އަޑު ފެތުރުނެވެ.

މިކަން ސާފުކޮށްދެއްވަން ޚަލީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމްގައި ހުރި ކަންބޮޑުވުންތައް ހައްލު ކުރަން ޖެހޭ ކަމަށެވެ. އެ މަސައްކަތުގައި އާއްމު މެމްބަރުންގެ ގާތަށް ގޮސް ހިޔާލު ހޯދަން ޖެހޭ ކަން ވެސް އޭނާ ފާހަގަކުރައްވާފައިވެ އެވެ.

"އަޑު އަހަން ޖެހޭ، ޕާޓީ ވަރުގަދަ ވާނީ ހިންގުމަށް ބޮޑެތި ބަދަލު ގެނެސްގެން،" ޚަލީލް ވިދާޅުވި އެވެ.

ޚަލީލްގެ ޓުވީޓް

ޚަލީލް ޕީޕީއެމުން ވަކިވެވަޑައިނުގަތަސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ފަހު ޕާޓީގެ ހަރަކާތްތަކުން އޭނާ ފެނުން ވަނީ މަދުވެފަ އެވެ. ޕާޓީން ބާއްވާ ޖަލްސާތަކާއި ޕްރެސް ކޮންފަރެންސްތަކުގައި ވެސް ފަހަކަށް އައިސް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ވަކިވެވަޑައިގެން ރޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހްމަދު ނިހާނާއި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހް ހިމެނިވަޑައިގަންނަވަ އެވެ.

ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން މި ބޭފުޅުން ވަކިވެވަޑައިގަތީ އެ ޕާޓީގައި ސިޔާސީ ކުރި މަގެއް ނެތް ކަމަށް ނުސީދާކޮށް ވިދާޅުވަމުންނެވެ.