ޕީއެންސީ އުވާލުމާ މެދު އަދި ގޮތެއް ނުނިންމާ: އަދުރޭ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުވާލުމާ މެދު އަދި ގޮތެއް ނުނިމޭ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.


ޕީޕީއެމަށް ދިމާވި ގާނޫނީ މައްސަލަތަކާ ހެދި ޕީއެންސީ އުފެއްދެވީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވަ އެވެ.

އަބްދުއްރަހީމް "މިހާރު" އަށް ވިދާޅުވީ ޕީއެންސީ އުވާލުމާ މެދު ޕާޓީގެ އިސް ބޭފުޅުންގެ މެދުގައި ވާހަކަ ދެކެވިފައިވާ ކަމަށެވެ. އެކަމާ މެދު ގޮތެއް ނިންމާނީ ޕީއެންސީއާ އެކު ކޯލިޝަން ހަދާފައިވާ ޕީޕީއެމްގެ ކައުންސިލާ ވެސް މަޝްވަރާކޮށްގެން ކަމަށް ވިދާޅުވި އެވެ.

"ދެ ޕާޓީ އެކުގައި ކުރިއަށް ގެންދަންވީމަ ދިމާވެދާނެ އުނދަގޫތަކެއްގެ ވާހަކަ ދެކެވެމުން ދަނީ. ފައިނަލް ޑިސިޝަނަކާ ހަމައަކަށް އަދި ނުދެވޭ،" އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީން ސިޔާސީ މަސައްކަތްޕުޅުގައި ދެމި ހުންނެވިހާ ދުވަހަކު އަޅުގަނޑު އެމަނިކުފާނު ދޫކޮށެއް ނުލާނަން. --އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ޕީއެންސީ އުފެއްދީ ޕީޕީއެމްގެ މިލްކުވެރިކަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ހޯދައިދޭން އެމަނިކުފާނުގެ ސަޕޯޓަރަކު ކޯޓަށް ހުށަހެޅުއްވި މައްސަލަ ދިގުލައި، ޕީޕީއެމްގެ ނަމުގައި އިންތިޚާބަށް ކުރިމަތިނުލެވިދާނެ ކަމުގެ ބިރަށްޓަކަ އެވެ.

ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން އެ ޕާޓީން ވަކިވެވަޑައިގެން އުފެއްދި ޕީއެންސީގެ ކޮންގްރެސް ބާއްވައި މަގާމްތަކަށް ވަނީ މީހުން އިންތިޚާބުކޮށްފަ އެވެ. ޕީޕީއެމާ އެކު ކޯލިޝަން ހަދައި މަސައްކަތް ކުރަމުން އަންނަނިކޮށް ޕީއެންސީ އުވާލަން ނިންމި އެއް ސަބަބަކީ، ޕީޕީއެމް ދޫކޮށްލައްވައި މައުމޫންގެ އާ ޕާޓީ، އެމްއެމްއާރުއެމް ރަޖިސްޓްރީ ކުރަން ހުށަހެޅުއްވުން ކަމަށް ބެލެވެ އެވެ.

ޕީއެންސީ އުފެއްދުމަށް ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީ އުވާލިޔަސް އޭނާ ހުންނަވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެކުގަ އެވެ. އަލުން ޕީޕީއެމަށް ގުޅިވަޑައިގަންނަވަން ޖެހިވަޑައިގަތަސް އެކަމަށް ވެސް ތައްޔާރު ކަމަށް ވިދާޅުވި އެވެ.

"ރައީސް ޔާމީން ސިޔާސީ މަސައްކަތްޕުޅުގައި ދެމި ހުންނެވިހާ ދުވަހަކު އަޅުގަނޑު އެމަނިކުފާނު ދޫކޮށެއް ނުލާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގައި އިސްކޮށް މަސައްކަތް ކުރެއްވި މެމްބަރުންތަކެއް ދާދި ފަހުން ވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. އޭގެތެރޭގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހްމަދު ނިހާނާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފަކީ، ޑީއާރުޕީގައި އަދި ފަހުން ޕީޕީއެމްގައި ވެސް ހަރަކާތްތެރި، ޚިދުމަތްތަކެއް ކޮށްދެއްވި ދެ ބޭފުޅުން ކަން އަދުރޭ ފާހަގަކުރެއްވި އެވެ.

އެކަމަކު އެ ދެ ބޭފުޅުން ވެސް ޕީޕީއެމް ދޫކުރެއްވީ އެ ޕާޓީގައި ސިޔާސީ ކުރިމަގެއް ނެތުމުން ކަމަކަށް އަދުރޭ ގަބޫލެއް ނުކުރައްވަ އެވެ.

"ޕީޕީއެމް/ޕީއެންސީގައި 40،000 މެމްބަރުން އެބަތިބި. އެ ބޭފުޅުން ގުޅިވަޑައިގަތް ޖުމްހޫރީ ޕާޓީގެ އަދަދަކީ ގާތްގަނޑަކަށް 10،000 މެމްބަރުން. އެހެންވީމާ ޕީޕީއެމްގައި ސިޔާސީ ކުރިމަގެއް ނެތިގެން ބަދަލުވީ ކަމަކަށް ގަބޫލެއް ނުކުރެވޭ،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ޕީޕީއެމް ފެންނާނީ ވަރުގަދަކޮށެވެ. ސަރުކާރު ޒިންމާދާރު ކުރުވުމުގައި ހަރަކާތްތެރި މަސައްކަތްތަކެއް ނުކޮށް މަޑުން ތިބީ ވަގުތު ދޭން ކަމަށް ވިދާޅުވި އެވެ. އެކަމަކު އަށް މަސް ވި އިރު ސަރުކާރުގެ ހިންގުން ލަސް އިރު ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ނެތް ކަަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީން އަމަލުކުރާ އުސޫލުން ވަގުތު ނުދީ، ކަންކަން ނުބަލައި މުޒާހަރާ ކުރުމަކީ އަޅުގަނޑުމެންގެ ގޮތެއް ނޫން. އަޅުގަނޑުމެން އެދެމުން މި އަންނަނީ ސަރުކާރުގެ ވުޒާރާތަކުގައި، ކަންކަން އޮޅުން ފިލުވައިދޭން،" އޭނާ ވިދާޅުވި އެވެ.