ރާއްޖޭގައި ސިޔާސީ ގޮތުން ދެން ގޮތް ނިންމާނެ ޕާޓީ އަކީ ޕީއެންސީ: އަބްދުއްރަހީމް

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކުރިމަގުގައި ވާނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގޮތް ނިންމާ ޕާޓީ އަށް ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.


ޕީއެންސީގެ ފުރަތަމަ ކޮންގްރެސްގެ ނިންމުމުގެ ރަސްމިއްޔާތުގައި، އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީ އަކީ އުމުރުން ހަގު ޕާޓީއަކަށް ވިޔަސް އެއީ ވަރުގަދަ ޕާޓީއެއް ކަމަށާއި އެ ޕާޓީން ދެކޭ ހުވަފެންތައް ވެސް ވަރަށް ގިނަ ކަމަށެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ޕީއެންސީން މަސައްކަތް ކުރާނީ ވަރަށް ކެރިގެން ކަމަށާއި އަދި ރާއްޖޭގައި ދެން ވެރިކަން ކުރާނެ ޕާޓީ އަކީ ވެސް އެ ޕާޓީ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭގެ ސަބަބެއް ކަމަށް ވިދާޅުވީ، ޕީއެންސީ އުފެދުމުގެ އަސްލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ވުމެވެ.

ޕީއެންސީގެ ފުރަތަމަ ކޮންގްރެސް ނިންމުމަށް މިރޭ ބޭއްވި ހަފުލާގައި އެ ޕާޓީގެ ފުރަތަމަ ރައީސް އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އަޅުގަނޑު މިރޭ ތިބޭފުޅުންނަށް އަރުވަން އޮތް ޔަގީން ކަމަކީ ދެން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ގޮތް ނިންމާނެ ޕާޓީ އަކީ އިރާދަކުރެއްވިއްޔާ ކޮންގްރެސް ޕާޓީ. އެހެން މި ދަންނަވާލީ އަޅުގަނޑުމެންގެ ނައިބު ރައީސް އޮނަރަބްލް މުހައްމަދު ސައީދު ވިދާޅުވިހެން އަޅުގަނޑުމެންގެ ޕާޓީ އުފެދިގެން މި އައީ ދިވެހިރާއްޖެ ދުށް އެންމެ ކާމިޔާބު ސިޔާސީ ލީޑަރުގެ ވިސްނުންފުޅުގެ ތެރެއިން. އެއީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް،" މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބުގައި ފޮނަދޫ ދާއިރާ އަށް ކުރިމަތިލެއްވި ނަމަވެސް ނާކާމިޔާބު ވެފައިވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޔާމީނަކީ ޕީޕީއެމާއި ޑީއާރުޕީ އާއި ޕީއޭ އުފެއްދުމުގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅާ އެވެ. އެހެންވެ، ޕީއެންސީ އަބަދުވެސް އޮންނާނީ ޔާމީންގެ ޕާޓީއެއްގެ ގޮތުގައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ކުރިމަގުގައި ޔާމީން ވެސް ހުންނަވާނީ ޕީއެންސީގައި ކަމަށް އުއްމީދު ކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މިއަދު ރައީސް ޔާމީން އެންމެ ލޯބިވާ އަދި އެމަނިކުފާނު އެންމެ އުފައްދަވާ ހިތުން އުފެއްދެވި އަދި އެމަނިކުފާނުގެ ޝައުގުވެރިކަން އެ ޕާޓީއަކަށް އެންމެ ބޮޑަށް އޮތް އަދި އެ ޕާޓީގައި އެމަނިކުފާނު ހުންނަވާނެ ކަމަށް އަޅުގަނޑުމެން ޔަގީންކުރާ ޕާޓީ އަކީ ކޮންގްރެސް ޕާޓީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީއެންސީގެ އިސް ބޭފުޅުން މިރޭގެ ޖަލްސާގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

އިއްތިހާދު ވެފައިވާ ޕީއެންސީ އާއި ޕީޕީއެމަކީ އެއް ފިކުރެއްގައި ތިބި ދެ ޕާޓީ ކަމަށާއި އެއީ ދުވަހަކު ވެސް ވަކި ނުކުރެވޭނެ ދެ ޕާޓީ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އެ ދެ ޕާޓީ ޖައްސަން ބަޔަކު މަސައްކަތް ކުރިޔަސް، އެކަން ކާމިޔާބު ނުވާނެ ކަމަށާއި އެހެންވެ، އެ ޕާޓީގެ މެމްބަރުން އެކަންކަމަށް ސަމާލުވާން އޭނާ އެދިވަޑައިގަތެވެ.

"ސިޔާސީ މައިދާނަށް އަޅުގަނޑުމެން ނުކުމެ މި ތިބީ ސިޔާސީ މައިދާނުގައި ހިނގާފާނެ ކަންތައްތައް ވަރަށް ރަނގަޅަށް އެނގި ތިބެގެން. މީހުން ދައްކާނެ ވާހަކަ އާއި އެކަންކަމުގެ ހަގީގަތް އޮންނާނެ ގޮތް އަޅުގަނޑުމެން ވަރަށް ރަނގަޅަށް ދަންނަން،" މި ފަހަރުގެ އާންމު އިންތިޚާބުގައި ފުރަތަމަ ފަހަރަށް ވާދަކޮށް، 19 ވަނަ ރައްޔިތުންގެ މަޖިލިހުން އެންމެ ތިން ގޮނޑި ލިބިފައިވާ ޕީއެންސީގެ ފުރަތަމަ ރައީސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޕީއެންސީން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކުރާ މަސައްކަތުގައި އެހެން ޕާޓީތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި ގައުމަށް ހެޔޮ އެދޭ ކޮންމެ މީހަކަށް ވެސް އެ ޕާޓީެ ލީޑާޝިޕުން މަރުހަބާ ކިޔާނެ ކަމަށާއި އެކަމަކު އެ ފުރުސަތުތައް ލީޑާޝިޕްގެ ތެރެއިން އެ މީހަކަށް ލިބޭނީ ޑިމޮކްރަސީގެ އުސޫލުތަކުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.

ޕީއެންސީގެ ފުރަތަމަ ކޮންގްރެސް ނިންމުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ފުރަތަމަ ރައީސް އަބްދުއްރަހީމް ވާހަކަ ދައްކަވަނީ.----ފޮޓޯ: ނިޝާން އަލީ/މިހާރު

"އަޅުގަނޑުމެން މި ތިބީ އަޅުގަނޑުމެންގެ ޕާޓީގެ ލީޑާޝިޕަށް އަންނަ ކޮންމެ ބޭފުޅަކަށް ވެސް މަރުހަބާ ކިޔަން ތައްޔާރަށް. އެކަމަކު އެއީ އޮންނަ އުސޫލެއްގެ ތެރެއިން. ތަބަކަކަށް ލާފައި މަގާމު ހަވާލުކުރާ ޒަމާން އަޅުގަނޑުމެން މާޒީގެ ތެރެއަށް ދޫކޮށްލައިފިން." އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާއި މި އަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުން ޕީޕީއެމް ބަލިވިޔަސް، އެއީ ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިޕް އިސްތިއުފާ ދޭންޖެހޭ ސަބަބެއް ނޫން ކަމަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ އެ ދެ އިންތިޚާބު ވެސް ނާކާމިޔާބުވީ އިންތިޚާބަށް ބަޔަކު ނުފޫޒު ފޯރުވުމުން ކަމަށް ވުމެވެ. އަދި ބޭރުގެ ޖަމާއަތްތަކުގެ ރިޕޯޓުތަކުން ވެސް އެކަން އެނގެން އޮންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީއެންސީގެ ފުރަތަމަ ކޮންގްރެސް ނިންމުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން.----ފޮޓޯ: ނިޝާން އަލީ/މިހާރު

"ރިޔާސީ އިންތިޚާބު ވަގަށް ނެގީ. މަޖިލިސް އިންތިޚާބު ވަގަށް ނެގީ. ލީޑާޝިޕްގެ އެއްވެސް އިހުމާލެއް އޮވެގެން ނޫން. އާންމު ރައްޔިތުންގެ ވެސް މައްސަލައެއް ނޫން. ސަރުކާރުގެ ނުފޫޒު އިންތިހާބަށް ފޯރާފައިވާ ކަމުގެ ހެއްކަކީ ކޮމަންވެލްތުން ނެރުނު ރިޕޯޓު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީއެންސީގެ ލީޑާޝިޕްގައި ތިއްބެވީ ސަރުކާރުގެ އިސް މަގާމުތައް އަދާ ކރެއްވި ބޭފުޅުން ކަމަށާއި ސަރުކާރެއް ހިންގަން އެންމެ އެކަށީގެންވާ ޓީމެއް ވެސް އޮތީ ޕީއެންސީގައި ކަމަށެވެ. އަދި އެ ޕާޓީގެ އަމާޒަކީ ވެސް ދެން ވެރިކަން ކުރާނެ ޕާޓީއަކަށް އެ ވުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ޕީއެންސީގެ ކޮންގްރެސްގައި އެ ޕާޓީގެ އިސް މަގާމުތަކަށާއި ކައުންސިލަށް ވަނީ ބޭފުޅުން އިންތިޚާބުކޮށްފަ އެވެ. ޕާޓީގެ ރައީސަކަށް ވޯޓަކާ ނުލައި އަބްދުއްރަހީމް އައްޔަންކުރީ އެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ބޭފުޅަކީ އެއީ ކަމަށް ވާތީ އެވެ.

ނައިބު ރައީސުންގެ ގޮތުގައި އިންތިޚާބުކުރީ ޕީޕީއެމްގެ ކުރީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ވިލިމާލެ ދާއިރާގެ އަހުމަދު ނިހާނާއި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސައިން ޝަރީފު (މުންދު އާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކަށް ހޮވީ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ. މި ފަހަރުގެ އާންމު އިންތިޚާބުގައި އޭނާ ވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރަކަށް ހޮވައިފަ އެވެ.