ޕީއެންސީ ވަރުގަދަކުރަނީ، ޕީޕީއެމަށް ވާނީ ކިހިނެއް؟

ޕީޕީއެމް ދެ ފަޅިކޮށް، އުފެއްދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އަމާޒު ހުރީ ވެރިކަން ކުރުމަށެވެ. ރާއްޖޭގެ އެންމެ ވަރުގަދަ އިދިކޮޅު ޕާޓީ އަށް ވުމުގެ މަސައްކަތް ރަސްމީކޮށް ފެށިކަން އެ ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ރޭ އިއުލާން ކުރައްވައިފަ އެވެ. ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ވެސް ސިޔާސީ ކުރިމަގު އޮތީ ޕީއެންސީގައި ކަމަށް ވިދާޅުވެ، އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.


ޕީއެންސީގެ ފުރަތަމަ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި، ޕީޕީއެމްގެ ނައިބު ރައީސްކަން ކުރެއްވި އަބްދުއްރަހީމް ދެއްކެވި އެ ވާހަކަތަކުން ޕީޕީއެމްގެ ކުރިމަގާ މެދު މިވަނީ އަނެއްކާ ވެސް ސުވާލު އުފެދިފަ އެވެ. ޕީޕީއެމްގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންނާ އެކު ޕީއެންސީ ވަރުގަދަކުރާ އިރު، ޕީޕީއެމަށް ވާނީ ކިހިނެއް ހެއްޔެވެ؟

ޕީއެންސީ އުފެއްދީ، ޕީޕީއެމް ހިންގުމަށް ކުރިމަތިވި ގާނޫނީ މައްސަލަތަކުގެ ވަގުތީ ފަރުވާ އަކަށެވެ. ސިޔާސީ ގޮތުން އެންމެ ނުފޫޒު ގަދަ ޕާޓީގެ މަގާމަށް ޕީއެންސީ މަސައްކަތް މި ފެށީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބާއި މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕީޕީއެމަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ޕާޓީގެ ލީޑަޝިޕަށް ބަދަލު ގެނެސް ވަރުގަދަ ކުރުމުގެ މަސައްކަތް ވެސް ފަށާފައި ވަނިކޮށެވެ.

ޕީއެންސީގެ ކޮންގްރެސްގައި އެ ޕާޓީގެ އިސް ބޭފުޅުންނާއި އާއްމު މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:ނިޝާން އަލީ/މިހާރު

ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް "މިހާރު" އަށް މިއަދު ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީއެންސީ ވަރުގަދަ ވުމަކީ ޕީޕީއެމަށް ލިބޭ ކުރިއެރުމެއް ކަމަށެވެ. އެ ދެ ޕާޓީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާނީ އަބަދުވެސް އެކުގައި ކަން އޭނާ ފާހަގަކުރެއްވި އެވެ.

ޕީޕީއެމްގެ ކުރިމަގެއް ނެތް ކަމަށް ދެކި އުފެއްދި ޕީއެންސީ އާއި ޕީޕީއެމް ވަނީ އެކުގައި މަސައްކަތް ކުރަން ކޯލިޝަން ހަދައިފަ އެވެ.

"ޕީއެންސީ ވަރުގަދަ ވުމަކީ، ދެ ޕާޓީގެ ކޯލިޝަން ވަރުގަދަވުން،" ރައްޔިތުންގެ މަޖިލިހުގައި ނައިފަރު ދާއިރާގެ ގޮނޑި މި ފަހަރު ވެސް ދިފާއު ކުރެއްވި ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީއެންސީ އަށް މެމްބަރުން އިތުރުކޮށް، ހަރުދަނާ ކުރުމުގެ މަސައްކަތް ކުރުމަކީ ޕީޕީއެމްގެ ކުރިމަގާ މެދު ސުވާލު އުފެދެންވީ ކަމެއް ނޫނެވެ. ޕީޕީއެމް ކުރިއަރުވަން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލްވުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕާޓީ އަކީ އަދިވެސް ޕީޕީއެމެވެ. ކުރިއަށް އޮތް ތަނުގައި ވެސް އެކަން ދެމިއޮންނާނީ އެގޮތުގައި ކަމަށް ވިދާޅުވި އެވެ.

"މެމްބަރުން އިތުރުކުރުމާއި އެ ނޫން ވެސް ޕާޓީ ހަރުދަނާ ކުރުމުގެ ކަންކަން ރޭވިފައި އެބަހުރި. އެ ކަންކަން ކުރިއަށް ދާނެ،" ޝިޔާމް ވިދާޅުވި އެވެ.

ޕީއެންސީގެ ކޮންގްރެސްގައި ޝިޔާމް ވާހަކަ ދައްކަވަނީ: ޕީއެންސީ އަށް ލިބޭ ކުރިއެރުމަކީ ކޯލިޝަނަށް ލިބޭ ކުރިއެރުމެއްގެ ގޮތުގައި އޭނާ ދެކެވަޑައިގަންނަވާ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ކުރިމަގުގައި ޔާމީން، ޕީއެންސީއާ ގުޅިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިޔަސް ޝިޔާމް ގަބޫލުކުރައްވާ ގޮތުގައި އެމަނިކުފާނު ހުންނަވާނީ ޕީޕީއެމްގަ އެވެ. ސިޔާސީ ގޮތުން އެންމެ ކާމިޔާބު ޕާޓީގެ މަގާމު އިޔާދަކުރަން ޕީޕީއެމުން ދަތުރު ފެށީ ޔާމީންގެ ވިސްނުންފުޅާއި އިރުޝާދާ އެކު ކަން ޝިޔާމް ފާހަގަކުރެއްވި އެވެ.

"ރައީސް ޔާމީން ހުންނެވީ މި ޕާޓީގައި [ޕީޕީއެމްގައި]. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕީޕީއެމް ވުޖޫދުގައި އޮތްހާ ހިނދަކު، އެމަނިކުފާނު ޕީޕީއެމް ދޫކޮށެއް ނުލައްވާނެ. އެއީ، ރައީސް ޔާމީން ވަރަށް ބުރަ މަސައްކަތްޕުޅުން އުފެއްދެވި ޕާޓީއެއް،" ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރެއިން ޔާމީނާ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމާއި ރައްޔިތުންނަށް ކުރިއެރުން އޮތީ ޕީއެންސީ އާއި ޕީޕީއެމް ވަރުގަދަ ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކަމަށެވެ. އެހެންވެ، އެ ދެ ޕާޓީގެ އާއްމު މެމްބަރުންނާއި ރައްޔިތުން މާޔޫސްވިޔަ ނުދޭން ދެ ޕާޓީން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމް ހަރުދަނާކުރުމުގެ މަސައްކަތް ފަށާފައި ވިޔަސް އެ ޕާޓީގެ ކުރިމަގާ މެދު އުފެދިފައިވާ ގާނޫނީ ސުވާލުތަކަށް އަދި ފުރިހަމަ ޖަވާބެއް ނުލިބެ އެވެ. ޕީޕީއެމް ހިންގުމަށް އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދިވެސް ޝައުގުވެރިވެވަޑައިގަންނަވާ އިރު، ގާނޫނީ އިމުގެ ތެރެއިން ޕީޕީއެމް އެމަނިކުފާނާ ހަވާލުކޮށްދެއްވާނެ ކަމުގެ ވައުދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވެވަޑައިގެންފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މައުމޫން ވެސް ވިދާޅުވެފައިވާ ގޮތުގައި ޕީޕީއެމް މިހާރު ހިންގަމުން ދަނީ ޕާޓީގެ ހައްގުވެރިންނެއް ނޫނެވެ. ޕާޓީގެ ރައީސް ކަމުގެ މަގާމުން މައުމޫން ބޭރުކޮށްލީ، އިންސާފުން ނޫން ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

ޕީޕީއެމް، މައުމޫނާ ހަވާލުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގަތް ވައުދު ފުއްދެވުން ލަސްވާތީ، މައުމޫން ދާދި ފަހުން ވަނީ އެކަން ހަނދުމަފުޅުކޮށް އަރުވައިފަ އެވެ.